16 ޖުލައި 2017 - 07:02

ކުޑަ ކުއްޖެއްގެ ކަންފަތް ތޮރުފާ ވީޑިއޯއެއް އޮންލައިންގައި އާއްމުވުމާ އެކު ގިނަ ބަޔަކު މިކަމާ ބެހޭ ގޮތުން ވަރަށް ހޫނު ބަހުސްތަކެއް ވަނީ ކުރަން ފަށައިފަ އެވެ. ބައެއް މީހުން ބުނަނީ މިއީ ކުޑަކުދިންނަށް އަނިޔާ ކުރުން ކަމަށެވެ.
މި ވީޑިއޯ އަކީ "ޕިއާސިންގްސް ފޭސްބުކް ޕޭޖް" ގައި މީހަކު ޕޯސްޓްކުރި ވީޑިއޯ އެކެވެ. ބެލެވޭ ގޮތުގައި ވީޑިއޯ ނަގާފައިވަނީ އެމެރިކާގަ އެވެ. މި ވީޑިއޯ މިހާތަނަށް 3.6 މިލިއަން ފަހަރު ބަލާފައި ވާއިރު 12،000 އަށް ވުރެ ގިނަ މީހުން ކޮމެންޓް ކޮށްފައިވެ އެވެ.
މި ވީޑިއޯގައި ތުއްތު ކުއްޖަކުގެ ގައިގައި އޭނާ މަންމަ ވަރަށް ބާރަށް ހިފަހައްޓައިގެން އިން އިރު ސެލޫންގައި މަސައްކަތްކުރާ މީހަކު އެ ކުއްޖާގެ ކަންފަތް ތޮރުފާލުމަށްޓަކައި ކަންފަތު ފޫޅުގަނޑުގައި މާކަރަކުން ތިއްކެއް ޖަހާތަން ފެނެ އެވެ. ތުއްތު ކުއްޖާ ވަރަށް ހަމަޖެހިލައިގެން އިން ނަމަވެސް ކަންފަތް ތޮރުފުމުގެ މަސައްކަތް ސެލޫންގެ ދެ މީހަކު ފެށުމުން ކުއްޖާއަށް އުނދަގޫވާން ފެށި އެވެ. އަދި ދެ މީހުން ވެގެން އެއް ފަހަރާ ގަން އަކުން ދެ ކަންފަތް ތޮރުފާލުމާ އެކު ވަރަށް ބާރަށް ރޯން ފަށަ އެވެ. ދެން ފެންނަނީ ކުއްޖާގެ މަންމަ އާއި ސެލޫންގެ ދެ މީހުން ކުއްޖާ މަސަލަސްކުރަން އުޅޭ ތަނެވެ.
މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ރުޅިގަދަވެ އަނެއްބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ބައެއް މީހުން ބުނީ މިއީ ކުޑަކުއްޖަކަށް އަނިޔާކުރުން ނޫން އެހެން ކަމެއް ނޫން ކަމަށެވެ. ބައެއް މީހުން ވަނީ ކަންފަތް ތޮރުފަން ހުއްދަ އޮންނަ އެންމެ ހަގު އުމުރެއް ކަނޑައަޅަން ވެސް ގޮވާލައިފަ އެވެ.
ބައެއް މީހުން ކުއްޖާގެ މަންމަގެ ދިފާއުގައި ވެސް ކޮމެންޓްކޮށްފައިވެ އެވެ. އެމީހުން ބުނެފައިވަނީ އެއީ އެހާ ވަރު ދައްކާލައިގެން އެ މަންމައާ ދިމާކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"އެ ކުއްޖާ ކަންފަތް ތޮރުފަން ބޭނުން ނޫން ނަމަ ބޮޑުވެގެން އެތަން ބައްދާލެވިދާނެ،" މީހަކު ލިޔެފައިވެ އެވެ.
ސިއްހީ ޖަމިއްޔާތަކުން ލަފާ ދެނީ ކަންފަތް ތޮރުފުމުމުގައި ވެސް ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި، އެފަދަ ކަމެއް ކުރުމުގެ ހުއްދަ އޮންނަ ބަޔަކު ލައްވައި އެކަން ކުރާށެވެ.