25 ޖޫން 2016 - 09:11

ޝާހްރުކް ޚާނާއި އާލިއާ ބަޓް މިހާރު ކުޅެމުންދާ ފިލްމަށް އަދި ނަމެއް ހަމަނުޖެހޭ ކަމަށް ފިލްމު އުފައްދާ ފަރާތުން މިހާތަނަށް ދިޔައީ ބުނަމުންނެވެ.
ފިލްމުގެ ނަން އިއުލާން ނުކުރި ނަމަވެސް ފިލްމަށް ކިޔަނީ "ޑިއާ ޒިންދަގީ" ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ޝާހްރުކް އާއި އާލިއާ އަދި ޑައިރެކްޓަރު ގޯރީ ޝިންޑޭ "ޑިއާ ޒިންދަގީ" ޖަހާފައިވާ ކްލެޕް ބޯޑެއް ހިފައިގެން ތިއްބާ ހުރި ފޮޓޯއެއް އާއްމުވުމުން އެ ފިލްމުގެ ނަމަކީ އެއީކަން ޔަގީންކަމަށް ނޫސްވެރިން ބުނެ އެވެ.
ދާދިފަހުން އޮތް "އުޅްތާ ޕަންޖާބު"ގެ ކާމިޔާބީ ފާހަގަކުރި ޕާޓީއެއްގައި ނޫސްވެރިން ގާތު އާލިއާ ބުނެފައިވަނީ ފިލްމަށް ކިޔާނެ ނަމެއް ހަމަޖެހިއްޖެ ކަމަށާއި ވަރަށް އަވަހަށް ނަން ހާމަކުރާނެ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ވެސް ނިމިފައިވާކަމަށް އާލިއާ ވަނީ ބުނެފަ އެވެ.
ޝާހްރުކް އާ އެކު މަސައްކަތްކުރުމަކީ ކުރެވުނު ވަރަށް އާދަޔާޚިލާފު ރަނގަޅު ތަޖުރިބާއެއް ކަމަށް ވެސް އާލިއާ ބުނެފައިވެ އެވެ. އަދި ވަރަށް އަވަހަށް ޝާހްރުކްއާ އެކު ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގައި އާލިއާ އުޅެނިކޮށް ފެންނާނެ އެވެ.
"ޑިއާ ޒިންދަގީ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
މި ފިލްމުގައި ޝާހު އާއި އާލިއާ ކުޅެނީ ލޯބީގެ ބައެއް ނޫން ކަމަށްވެ އެވެ.