ޖަޕާނުގައި ބަހެއްގެ ތެރޭ ގިނައިރުވެ އޮޓިސްޓިކް ޒުވާނެއް މަރުވެއްޖެ
ޖަޕާނުގައި ބަހެއްގެ ތެރޭ ގިނައިރުވެ އޮޓިސްޓިކް ޒުވާނެއް މަރުވެއްޖެ

ޖަޕާނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ ސެންޓަރެއްގެ ބޭރުގައި އޮތް މިނީ ބަހެއްގެ ތެރޭގައި 19 އަހަރުގެ އޮޓިސްޓިކް ޒުވާނަކު ބައިންދާފައި އިންދާ އޭގެ ތެރެ ހޫނުވެ ޒުވާނާ މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގިއިރު ޖަޕާނުގެ ފިނިހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މަރުކަޒު، ކޮސްމޯ އާތުގައި އުޅޭ މީހުންނަށް މި ޒުވާނާ ފެނުނުއިރު އޭނާ އިނީ ބަހުގެ ސީޓުގައި އިންގޮތަށް އިނދެ މަރުވެގެން އެއްފަރާތަކަށް ވެއްޓިފަ އެވެ.

ބެލެވޭ ގޮތުގައި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ ކުއްޖާ އެ ބަސް ތެރޭގައި ބައިންދާފައި އިންކަން ހަނދާން ނެތުނީ އެވެ. އޭނާ ނެތްކަން އެނގިގެން ހޯދަން ފެށީ ބަހުގައި އޭނާ ބައިންދާފައި އިންނަތާ އެތައް ގަޑިއިރެއް ފަހުންނެވެ. އެ ޒުވާނާ ފެނުމުން އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފަ އެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ހީޓްސްޓްރޯކެއް ޖެހިގެންނެވެ.

ޖަޕާން ނިއުސް އެޖެންސީއެއް ކަމަށްވާ ކިޔޯޑޯއަށް ޕެރަމެޑިކްސް ކިޔައިދީފައިވާ ގޮތުގައި އެ ސެންޓަރުގެ މުވައްޒަފަކަށް އެ ޒުވާނާ ނެތްކަން ފާހަގަކުރެވުނީ ސެންޓަރު ބަނދުކުރަން އުޅެނިކޮށެވެ. އޭރު އޭނާގެ ހަށިގަނޑުގެ ހޫނުމިނުގައި 41.4 ސެންޓިގްރޭޑް ހުއްޓެވެ.

މިހާރު ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށަައި ކޮސްމޯ އާތާ ދެކޮޅަށް ޖިނާއީ ދައުވާކުރަން އަންނަނީ ތައްޔާރު ވަމުންނެވެ.

މިކަން ހިނގާފައި މިވަނީ މީގެ ހަފުތާއެއް ކުރިން ޖަޕާން ހޮސްޕިޓަލެއްގެ ސައިކޭޓްރިކް ވޯޑެއްގެ މުވައްޒަފެއްގެ އިހުމާލުން ނިއުޒިލެންޑް މީހަކު ވެސް މަރުވެފައި ވަނިކޮށެވެ. މި މީހާ މަރުވީ ވޯޑުގެ މުވައްޒަފަކު އެމީހާގެ ދެ އަތާއި އުނަގަނޑު ވާގަނޑަކުން ބަނދެފައި 10 ދުވަސް ވަންދެން ބޭއްވުމުގެ ސަބަބުންނެވެ.