16 ޖުލައި 2017 - 07:01

ދީޕިކާ ޕަދުކޯންގެ އެންމެ ފަހުގެ ފޮޓޯޝޫޓް ފެނިފައި އޭނާގެ ފޭނުން ކަންބޮޑުވެއްޖެ އެވެ. ސޯޝަލް މީޑިއާގައި ވަރަށް ގިނަ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.
ދީޕިކާ އިންސްޓަގްރާމްކުރި ބައެއް ފޮޓޯތަކަށް މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި އޭނާ މާ ބޮޑަށް ހިކިފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅު ކޮށްފައިވެ އެވެ. ބައެއް މީހުން އެކަމާ ދެރަވެގެން ކޮމެންޓްކުރިއިރު އަނެއް ބަޔަކު ޖޯކު ޖަހައި މަލާމާތުގެ ބަސްތައް ވެސް އަމާޒު ކުރި އެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދީޕިކާ ފެންނަނީ ނުކައި ހުރެ އަނަރޫފަވެފައި ހުރި މީހެއްގެ ސިފައިގަ އެވެ. ރަންބީރު ކަޕޫރާ ރުޅިވުމުން ލިބުނު ހިތާމަ ނުފިލަނީތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެ އެވެ.
ދީޕިކާގެ މި ފޮޓޯ ޝޫޓަކީ ވެނިޓީ ފެއާ މަޖައްލާގެ ޖުވެލަރީ އެޑިޝަނަށް ޝޫޓްކުރި ފޮޓޯ ތަކެކެވެ. މި ފޮޓޯޝޫޓްގެ ގިނަ ފޮޓޯތައް ރީއްޗަސް ކަޅު ހެދުމެއްގައި އަލިމަހުގެ ހާރެއް އަޅައިގެން ނަގާފައިވާ ފޮޓޯއެއް ގިނަ ބަޔަކަށް އެހާ ކަމަކު ނުދިޔަ އެވެ.
މި ފޮޓޮއަށް އިންސްޓަގްރާމްގައި ކޮމެންޓްކުރި ދީޕިކާގެ ފޭނުންގެ ތެރެއިން އެކަކު ބުނެފައިވަނީ މިހާރު ހަށިގަނޑު ހުރި ވަރުން ކިރިޔާ ވައިރޯޅިއެއް ޖެހުނަސް ދީޕިކާ ހިނގައިދާނެ ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ ދީޕިކާ ހީވަނީ އާދަޔާޚިލާފަށް ހިކޭ ބައްޔެއް ޖެހިފައި ހުރި ހެންނެވެ. ކޮންމެވެސް އެއްޗެއް ކާލައިގެން ހުންނަން އަނެއް މީހަކު މަޝްވަރާ ދިން އިރު އަނެއް މީހަކު ބުނީ ވެނިޓީފެއާ މަޖައްލާގެ ފޮޓޯޝޫޓަށް ދީޕިކާ އިތުރަށް ހިކިފައިވާ ނަމަ އެކަމުގެ ސަބަބުން ރީތިކަން ގެއްލިފައިވާ ކަމަށެވެ.
ގިނަ ބަޔަކު ދީޕިކާ އަށް ފާޑުކިޔަސް ތާއީދުކޮށް ވެސް ބައެއް މީހުން ކޮމެންޓް ކުރި އެވެ. އެމީހުން ބުނީ ދީޕިކާ އެހާ ހިކި ވައްތަރު ނުޖަހާ ކަމަށާއި ވަރަށް ރީތި ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ދީޕިކާ އިންސްޓަގްރާމް ކުރި ފޮޓޯއަކަށް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެ ފޮޓޯގައި ދީޕިކާ ލާފައި އިން ކުރު ސޯޓުބުރި ވައްތަރީ ޑައިޕާއަކާ ކަމަށް ބުނެ ގިނަ ބަަޔަކު މަލާމާތް ކުރި އެވެ.