ސަލްމާނާ ބައްދަލުވި ދުވަސް ހަނދާނެއް ނުނެތޭނެ: ކެޓުރީނާ
ސަލްމާނާ ބައްދަލުވި ދުވަސް ހަނދާނެއް ނުނެތޭނެ: ކެޓުރީނާ

ބޮލީވުޑް ބަތަލާ ކެޓުރީނާ ކައިފަށް ފިލްމީ ދުނިޔޭގައި ކާމިޔާބީތައް ލިބެން ފެށީ ސަލްމާން ޚާނާއެކު ފިލްމު ކުޅެން ފެށި ހިސާބުންނެވެ. އޭނާ ބުނަނީ ސަލްމާނާ ބައްދަލުވި ދުވަހަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފޮހެވޭނެ ދުވަހެއް ނޫން ކަމަށެވެ.

ސަލްމާންހެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ކެޓުރީނާ، 33، ގެ ފުރަތަަމަ ފިލްމަކީ 2003 ގައި ނުކުތް ކައިޒާދް ގުސްތާދު އުފެއްދި "ބޫމް" އެވެ. ނަަމަވެސް ކާމިޔާބީ ލިބެން ފެށީ 2005 ގައި ސަލްމާނާއެކު އޭނާ ކުޅުނު "މައިނޭ ޕިޔާރް ކިޔޫން ކިޔާ" އިންނެވެ.

ސަލްމާނާއެކު މިފަހަރުގެ އައިފާ އެވޯޑުގައި ބައިވެރިވުމަށް ނިއު ޔޯކަށް ގޮސް ބޭއްވި އައިފާ އެވޯޑާ ގުޅޭ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ވަނީ ހަނދާން ނައްތާނުލެވޭނެ ކަމަކީ ކޮބައިތޯ ކެޓްރީނާއާ ސުވާލުކޮށްފަ އެވެ. މި ސުވާލު ކުރިއިރު ކެޓުރީނާ ކައިރީގައި ސަލްމާން ވެސް އިނެވެ.

ކެޓުރީނާ ބުނީ އެއީ އުމުރުން 18 އަހަރުގައި ސަލްމާނާ ބައްދަލުވި ދުވަސް ކަމަށެވެ. ނަމަވެސް ކެޓުރީނާ ދެއްކި ވާހަކައަކަށް ސަލްމާން އެއްބަހެއް ނުވި އެވެ. ސަމާސާ ކުރަމުން ސަލްމާން ބުނީ އެއީ އެހާ ހަނދާނުން ފޮހެލަން ދަތިވާ ފަދަ ކަމެއް ދިމާވި ދުވަހެއް ނޫން ކަމަށާއި އެ ދުވަހު އެއްވެސް ހާއްސަ ކަމެއް ނުވާ ކަމަށެވެ.

މިފަހަރުގެ އައިފާ އެވޯޑުގައި ކެޓުރީނާ އާއި ސަލްމާން ވެސް ޕާފޯމްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދެ ތަރިން އެކުގައި މިހާރު "ޓައިގާ ޒިންދާ ހޭ"ގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.