16 ޖުލައި 2017 - 07:00

ޑިޒްނީ އިންޑިއާގެ އެންމެ ފަހުގެ ފިލްމު "ޖައްގާ ޖާސޫސް" ކުޑަކުދިންނަށް ވަރަށް ކަމުދެ އެވެ. ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފް ލީޑް ރޯލުކުޅެފައިވާ މިފިލްމަށް ފުރަތަަމަ ދުވަހުގެ ހެނދުނުގެ ޝޯތަކުން 25-30 ޕަސެންޓްގެ އޮކިއުޕަންސީ އެއް ލިބުނީ އެހެންވެ އެވެ.
ކުޑަކުދިންނަށް ފިލްމު ރަނގަޅަށް ބޮޑެތި މީހުންނަކަށް މި ފިލްމު އެހާ ކަމަކު ނުދިޔަ އެވެ. ގިނަ ބަޔަކު ބުނަނީ ރަންބީރުގެ އެކްޓިން މޮޅަސް މިއީ އެ މީހުން ބެލި އެންމެ ހުތުރު މިއުޒިކަލް ކަމަށެވެ. ބައެއް ސިނަމާތަކަށް ފިލްމު ބަލަން ވަން މީހުން މަދުވެގެން ޝޯތައް ކެންސަލް ކޮށްފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ޓުވިޓާގައި ފިލްމަށް ފާޑުކީ ބައެއް މީހުން ބުނަނީ ފޫހިވެގެން ގޮސް، އިންޓަވަލްގެ ފަސް އެއްގޮތަކަށް ވެސް ނުބެލުނު ކަމަށެވެ.
މިއީ ކެޓުރީނާގެ ފިލްމުތަކުގެ ތެރެއިން "ފިތޫރު" އަށް ފަހު އެންމެ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައިވާ ފިލްމަށް ވެދާނެ ކަމަށް މިހާރު ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރަންބީރުގެ ނާކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޮމްބޭ ވެލްވެޓް"ގެ ފަހުން އެންމެ ދަށް ފެށުމެއް ލިބުނު ރަންބީރުގެ ފިލްމަށް ވެސް "ޖައްގާ ޖާސޫސް" ވަނީ ވެފަ އެވެ.
ހުކުރު ދުވަހު "ޖައްގާ ޖާސޫސް" އަށް ލިބިފައި ވަނީ ގާތްގަނޑަކަށް 8.5 ކްރޯޑު (ނުވަތަ 85 މިލިއަން ރުޕީސް) އެވެ. މިއީ އެވްރެޖް ފެށުމެއް ނަމަވެސް އުފެއްދުމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުމާއި ފިލްމު އުފެއްދުމުގެ އަގު 110 ކްރޯޑު (11 ބިލިއަން ރުޕީސް) އަށް އަރާފައި ވުމާއެކު މި ކުރިޔަށް އޮތް ދުވަސް ތަކުގައި ރަނގަޅަށް ނުހިނގައިފި ނަމަ ފިލްމަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ އެވެ.