14 ޖުލައި 2017 - 23:04

ސެން ފްރެންސިސްކޯ (ޖުލައި 14) - ސަތޭކަ ސާޅީސް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެއާ ކެނެޑާގެ މަތިންދާ ބޯޓެއް އެހެން ބޯޓްތަކެއްގައި ޖެހި އެކްސިޑެންޓެއްގައި ހިނގައިފާނެ ފަދަ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެއްޖެ އެވެ.
ޓޮރޮންޓޯ އިން ފުރައިގެން ސެން ފްރެންސިސްކޯ އަށް ޖައްސަން ދިޔަ އެއާ ކެނެޑާގެ ފްލައިޓް އޭސީ759 އެހެން ބޯޓުތަކެއްގައި ނުޖެހި ސަލާމަތްވީ 30 މީޓަރު (98 ފޫޓަ) އަށް ކައިރިވެފައި ވަނިކޮށެވެ. ޖުލައި 7 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އެއާ ކެނެޑާގެ ޕައިލެޓް ވަނީ އެހެން ބޯޓުތަކެއް ނައްޓާލަން އޮތް އޭރިއާ އަކަށް މިސްރާބު ޖަހައިފަ އެވެ. އޭރު ޓެކްސީވޭގައި ހަތަރު ބޯޓު އޮތެވެ. އެއާ ޓްރެފިކް ކޮންޓްރޯލަށް އެކަން އެނގުމާ އެކު ދިން އިންޒާރާ އެކު ޕައިލެޓް ވަނީ އެއާބަސް 320 ގެ ބޯޓު ކުއްލިއަކަށް މައްޗަށް ނަގައިފަ އެވެ. އެ ބޯޓު ފަހުން ވަނީ ސަލާމަތުން ޖައްސައިފަ އެވެ. ޓެކްސީވޭ ވެސް އޮތީ ރަންވޭއާ ޕެރަލަލްވާ ގޮތަށެވެ. ޓެކްސީވޭ އާއި ރަންވޭ ތަފާތުކޮށްފައި ވަނީ ބޮކިތަކުގެ ކުލައިންނެވެ.
މި ހާދިސާ ތަހުގީގު ކުރުމަށް ފަހު ކެނެޑާގެ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ބުނީ ޕައިލެޓަށް ލިބުނު އިންޒާރާ އެކު ނައްޓާލަން ތައްޔާރުވެފައި އޮތް ތިން ވަނަ ބޯޓާ 60 މީޓަރު އަދި ހަތަރު ވަނަ ބޯޓާ 90 މީޓަރު މައްޗަށް އެއާ ކެނެޑާގެ ބޯޓު ނެގި ކަމަށެވެ. އޭރު އެއާ ކެނެޑާގެ ބޯޓު ޖެއްސުމަށް ޓަކައި ވަނީ ޓެކްސީވޭ މަތިން 400 މީޓަރު ދަތުރު ކޮށްފަ އެވެ. މި ހާދިސާ ދަނީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވެސް ތަހުގީގު ކުރަމުންނެވެ.
އެއާ ކެނެޑާގެ ބޯޓުގައި ތިބީ 135 ޕަސިންޖަރުންނާއި ފަސް ކްރޫންނެވެ. ޓެކްސީވޭގައި އޮތް ހަތަރު ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.