25 ޖޫން 2016 - 09:14

ބޮލީވުޑްގައި އެންމެ ފުންނާބު އުސް އާއިލާތަކުގެ ތެރޭގައި ބަޓް އާއިލާ ހިމެނެ އެވެ. ނަމަވެސް މި އާއިލާގެ މީހުންނަކީ އެމީހުންގެ ހިތުގައިވާ ޖަޒުބާތު އެހެން މީހުންނަށް އެނގެން ބޭނުންވާ ބައެއް ނޫނެވެ.
ނަމަވެސް ކުރީގެ ފިލްމީ ތަރި އަދި މިހާރުގެ ފިލްމު ޑައިރެކްޓަރު ޕޫޖާ ބަޓް އަށް އޭނާގެ ކޮއްކޮ އާލިއާ ބަޓް "އުޅްތާ ޕަންޖާބު"ގައި ކުޅެފައިވާ ރޯލުގެ މޮޅުކަން ފެނިފައި ތައުރީފު ނުކޮށެއް ނުހުރެވުނެވެ.
ޕޫޖާ އާލިއާއަށް ފޮނުވި އެސްއެމްއެސްއެއްގައި ފިލްމުގައި އޭނާ، ހިތްހަލާކުވެފައިވާ މީހެއްގެ ކެރެކްޓާ ކުޅެފައިވާލެއް މޮޅުކަމާއި އެ ކެރެކްޓާގެ ހިތްވަރުގަދަކަން އޭނާ ދައްކުވައިދިންލެއް ވަރަށް ފުރިހަމަ ކަމަށް ބުނެފައިވެ އެވެ. އަދި މުޅި ދުނިޔެ ވަރުގެ ބޮޑު ބުރައެއް ކޮނޑުއަޅައިގެން ހުރިއިރުވެސް އޭނާ ހީވަނީ ފިޔަގަނޑެއް ޖަހައިގެން އުދުހިގަންނަން ތައްޔާރުވެފައި ހުރިހެންކަމަށް ޕޫޖާ ބުނެފައިވެ އެވެ.
ދައްތަގެ ތައުރީފުގެ ބަސްތަކުން އުފަލުން ފޮޅިފައި ހުރި އާލިއާ ބުނީ އެއީ މިހާތަނަށް އޭނާއަށް މީހަކު ކުރި އެންމެ ހިތްހަމަޖެހޭ ތައުރީފުކަމަށެވެ. އޭނަގެ ދައްތަ ކަހަލަ އެކްޓްކުރުމަށާއި ޑައިރެކްޓްކުރުމަށް ކުޅަދާނަ މީހަކު މިގޮތަށް ތައުރީފުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އާލިއާ ބުންޏެވެ.
"އަހަރެންގެ ކުޑަ ކޮއްކޮ އާލިއާ 'އުޅްތާ ޕަންޖާބު'ގައި ކޮށްފައިވާ މަސައްކަތަށް ފަޚުރުވެރިވަން،" ޕޫޖާ ބުނެފައިވެ އެވެ.
ޕޫޖާގެ މިހާރު އަމާޒަކީ އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެއްގައި އާލިއާ ބައިވެރި ކުރުމެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ"އިން އާލިއާ ފިލްމީ ދުނިޔެއަށް ތައާރަފްވުމާ އެކު އޭނާއަކީ ހަމަ ކުޑަކުޑަ ޕޫޖާއެއް ކަމަށް ގިނަބަޔަކު ބުނަން ފެށި އެވެ. ޕޫޖާގެ ފިލްމީ ހުނަރު އާލިއާ އަށް ލިބިފައިވާލެއް ބޮޑުކަމުންނެވެ.
ބަޓް އާއިލާގެ އެއްމެންނަކީވެސް ފިލްމީ ހުނަރުގެ ގޮތުން އަރާ ތިބި ބައެކެވެ. ޕޫޖާއަކީ މީގެ ތެރެއިން ވެސް ޚާއްސަކޮށްލެވޭ އެކްޓަރެކެވެ. ޕޫޖާ އަކީ 1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް ގަދަޔަށް ވިދާލި ބަތަލާ އެކެވެ. އޭނާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ އޭނާގެ ރީތިކަމަށް ވުރެ އެކްޓްކުރުމުގެ ހުނަރުންނެވެ.
އެކްޓްކުރުމުގެ އިތުރުން ޑައިރެކްޝަންގެ މަސައްކަތް ވެސް ޕޫޖާ ކޮންމެވެސް ވަރަކަށް ދަނީ ކުރަމުންނެވެ.
ޕޫޖާގެ ބައްޕަ އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓްގެ "ޑެޑީ"އިން 1989 ގައި އޭނާ ފިލްމީ ދުނިޔެއަށް ނުކުތްއިރު އުމުރުން އެންމެ 17 އަހަރެވެ. އޭގެ ފަހުން 2001 އާ ހަމައަށް ގިނަ ފިލްމުތަކެއް ޕޫޖާ ކުޅެފައިވެ އެވެ. އޭގެ ފަހުން އޭނަ ފެނުނީ ފިލްމު ޕްރޮޑިއުސްކުރުމާއި ޑައިރެކްޓްކުރުމުގައި އުޅެނިކޮށެވެ. އެގޮތުން "ޕާޕް" (2004)، "ހޮލިޑޭ" (2006)، "ދޯކާ" (2007)، "ކަޖްރާރޭ" (2010)، އަދި "ޖިސްމް 2" އަކީ ޕޫޖާ ޑައިރެކްޓްކުރި ފިލްމުތަކެވެ. އަދި މިހާރު ވެސް "ކެބެރޭ" އާއި "ޖިސްމް 3" ޑައިރެކްޓްކުރުމުގެ މަސައްކަތް ޕޫޖާ ދަނީ ކުރަމުންނެވެ.