15 ޖުލައި 2017 - 08:01

މާނަ އޮޅުވާނުލައްޗެވެ. ފޯނު އެޕްލިކޭޝަންތަކުން ފޮނުވާނީ އެކި ފޯމެޓްގެ ފައިލް އެވެ. ހަމަ އެކަނި ފޮޓޯ ފޮނުވޭ ގޮތަށް ހުރުމަށް ފަހު އެކި ވައްތަރުގެ ފޯމެޓްތައް އިތުރު ކުރަމުން ގޮސް މިހާރު މި ވަނީ އާންމު ހުރިހާ ވައްތަރެއްގެ ފައިލް ފޮނުވޭ ގޮތް ހަދަައިފަ އެވެ.
އިންޓަނެޓާއި ޗެޓް އެޕްލިކޭޝަންތައް މެދުވެރިކޮށް އެންމެ ގިނައިން ދެކެވެނީ ބޭކާރު، ތާކުންތާކު ނުޖެހޭ ވާހަކަ ކަމަށް ވިޔަސް ވަރަށް މުހިންމު ބޭނުންތައް ހިފާ މީހުން ވެސް އުޅެ އެވެ. އެހެންވެ ވަޓްސްއެޕުން މިހާރު ވަނީ އެ ބޭނުންކުރާ ކޮންމެ މީހަކަށް ވެސް މި މުހިންމު ބޭނުން ހިފޭ ގޮތް ހަދައިފަ އެވެ.
މިހާރު ވަޓްސްއެޕް ވެފައި މި ވަނީ ފައިލް ޝޭއާކުރާ މުހިންމު ވަސީލަތަކަށެވެ. އެމްޕީ3 ފައިލް ވެސް، ފޮޓޯތަކެއް އެއްކޮށްލާފައި ޒިޕް ފައިލެއް ވެސް ފޮނުވާލަންވީ އެވެ. ޕީޑީއެފް މީގެ ކުރިން ވެސް ފޮނުވެ އެވެ.
މި ފީޗާއާ އެކު ވަޓްސްއެޕްގެ މުހިންމުކަން ބޮޑުވެ، އީމެލް މެދުވެރިކޮށް އެއްޗެހި ފޮނުވުމުގެ ބަދަލުގައި ވަޓްސްއެޕަށް އިސްކަން ދިނުން އިތުރުވެދާނެ އެވެ. އެއީ ފައިލް ފޮނުވާލަން މާ ފަސޭހަވާނެތީ އެވެ. އެކަމަކު ވަޓްސްއެޕުން ފަހަރަކު ފޮނުވޭނީ 100 މެގަބައިޓެވެ.
މި އަޕްޑޭޓް މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ. އެންމެ ފުރަތަމަ ދެނީ އެންޑްރޮއިޑަށެވެ. އޭގެ ފަހުން އައިއޯއެސް އަށް ވެސް ވަރަށް އަވަހަށް މި އަޕްޑޭޓް ލިބޭނެ އެވެ. މި އަޕްޑޭޓާ އެކު އެހެން ބައެއް ފީޗާތައް ވެސް ލިބޭނެ އެވެ.