ގާސިމްގެ މިރޭގެ ޝަރީއަތް ކެންސަލް
ގާސިމްގެ މިރޭގެ ޝަރީއަތް ކެންސަލް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ޝަރީއަތް މިރޭ ފަށަން ކުރިން ނިންމާފައި އޮތަސް، އެކަން ކެންސަލް ކޮށްފި އެވެ.

އެކަމަކު މިރޭ 8:30 ގައި ބާއްވަން ހަމަޖެހިފައި އޮތް ޝަރީއަތް ކެންސަލް ކުރީ ކީއްވެގެންކަމެއް އަދި ސާފެއް ނުވެ އެވެ.

ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތުގައި އެންމެ އިސްކޮށް މިހާރު ހަރަކާތްތެރިވާ ގާސިމަށް ކުރާ ދައުވާތަކުގެ މައްސަލަ އަލުން ކޯޓަށް ފޮނުވުމުން އެ މައްސަލައާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން އިއްޔެ ހެނދުނު ވަނީ އޭނާއާ ހަވާލުކޮށްފަ އެވެ. ގާސިމާ އެ ލިޔުންތައް ހަވާލުކުރީ މިދިޔަ އާދިއްތަދުވަހު އެ މައްސަލަތައް ކޯޓުން ބޭރުކޮށްލުމުން، ދައުލަތުން އަލުން ހުށަހެޅުމުންނެވެ.

ގާސިމަށް ކުރަނީ ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ. އެ ތިން ދައުވާ ވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައާ ގުޅިގެން ގާސިމް ދެއްކެވި ވާހަކަތަކަށް ބިނާކޮށެވެ.

މި މައްސަލައިގެ ޝަރީއަތް އަލުން ފަށަނީ، އެ މައްސަލަ މިދިޔަ އާދިއްތަދުވަހު ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުންނެވެ. މައްސަލަ އަނބުރާ ފޮނުވާލީ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އާދީއްތަދުވަހުގެ ރޭ ބާއްވަން އުޅުނު ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހާޒިރު ނުވުމުންނެެވެ. ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުން އަލުން ކޯޓަށް ހުށަހެޅީ ބުދަ ދުވަހު އެވެ.