14 ޖުލައި 2017 - 17:59

އުރީދޫން ތ. ވިލުފުއްޓަށް "ސުޕަނެޓް"ގެ ހިދުމަތް އިއްޔެ ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ އެކުންފުނިން ވަނީ ވިލުފުއްޓަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ އިތުރުން 30 އެމްބީޕީއެސް އާއި ހަމައަށް ހަލުވި އިންޓަނެޓް ސްޕީޑު ފޯރުކޮށްދޭ ހާއްސަ ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކެއް ވެސް ތައާރަފްކޮށްފަ އެވެ.
"އުރީދޫގެ ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ވިލުފުއްޓަށް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ވިލުފުށީގެ ރައްޔިތުން ގުޅުވާދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނަން،" އުރީދޫގެ އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވެ އެވެ.
އުރީދޫން ބުނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކާ އެއްގޮތަށް ޑިޒައިންކޮށްފައިވާ ހަަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު ލިބޭނެ ކަމަށެވެ. އަދި އެގޮތުން ވިލުފުށީގެ ރައްޔިތުންނަށް ވެސް އެންމެ ހެޔޮއަގުގައި 30 އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނީ ކޮންމެ މީހަކަށް ވެސް ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑް ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެޓަޕް ފީ އާއި ސެކިއުރިޓީ ޑިޕޮސިޓް އާއި އެޑްވާންސްކޮށް ދައްކަންޖެހޭ މަހުފީ އަދި ހިދުމަތް އަލުން ގުޅައިދިނުމުގެ ފީ ނުނަގާ ގޮތަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދޭ އެންމެ ސްޕީޑް ބާރު އިންޓަނެޓް ޕެކޭޖާ އެކު، އުރީދޫން "ސުޕަނެޓް"ގެ ނަމުގައި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ.
ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓާ ގުޅިގެން އުރީދޫން މި ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސެންސް އެ ކުންފުންޏަށް ލިބިފައި ވަނީ 2015 ވަނަ އަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.