25 ޖޫން 2016 - 09:10

ފިލްމީ ތަރިން ކަމަށްވާ އުދޭ ޗޯޕްރާ އާއި ނަރްގިސް ފަޚްރީ ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް މިދިޔަ މޭ މަހު ވަރަށް ބާރަށް ދެކެވުނެވެ. ދެން ފެނުނީ ނަރްގިސް ކުއްލިއަކަށް އޭނާގެ އުފަން ރަށް ނިއުޔޯކަށް ފުރައިގެން ދިޔަ ތަނެވެ. އޭރު ރިލީޒްވާން ކައިރިވެފައި އޮތް އޭނާގެ "ހައުސްފުލް 3"ގެ ޕްރޮމޯޝަންތަކުގައި ވެސް ބައިވެރި ނުވެ އެވެ.
ނަރްގިސްއާ ކައިވެނިކުރަން ތައްޔާރުވެފައި އެންމެ ފަހު ވަގުތު އެ ކައިވެނި ނުކުރަން ނިންމީ އުދޭ އެވެ. އެކަން ނަރްގިސް އަށް އެންގި ކަމަށް ވަނީ ޓެކްސްޓް މެސެޖަކުންނެވެ.
އޭގެ ކުރިން ނަރްގިސް ވަނީ އުދޭ އާއި އޭނާގެ ގުޅުމުގެ ވާހަކަތައް ނޫސްތަކަށް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
އުދޭ އެންމެ ފަހު ވަގުތު ނަރްގިސްއާ ކައިވެނި ނުކުރަން ނިންމީ ނަރްގިސްގެ ވިސްނުން ފިލްމީ ކެރިއަރަށް އަމާޒުވެފައި ހުރިލެއް ބޮޑުކަމުންނެވެ. އުދޭގެ ފަހަރި ރާނީ މުކަރުޖީ އަކީ ނަރްގިސް އަށް ވުރެ މާ މޮޅު އަދި މާ ކާމިޔާބު ބަތަލާއަކަށް ވިޔަސް އުދޭގެ ބޭބެ އަދިތުޔާ ޗޯޕްރާއާ ކައިވެނި ކުރުމަށްފަހު ވަނީ ފިލްމީ ކެރިއަރު ހަނދާން ނައްތާލާފަ އެވެ. ނަރްގިސް ވެސް މިގޮތަށް ކަންތައް ކުރަން އުދޭ ބޭނުންވެ އެވެ. އަދި ސޮއިކޮށްފައިވާ ހުރިހާ ފިލްމުތަކެއް ކައިވެނީގެ ކުރިން ނިންމުން އެއީ އުދޭގެ ޝަރުތެއް ކަމަށްވެ އެވެ.
ނަމަވެސް ކައިވެނީގެ ކަންތައްތައް އިންތިޒާމްކުރަމުން ދަނިކޮށް ނަރްގިސް ފިލްމީ ކެރިއަރާ ދުރަށް ދިއުމުގެ ވިސްނުމެއް ނެތްކަން އުދޭއަށް އެނގި އެކަމާ ނަރުގިސް ދެކެ ފޫހިވީ އެވެ. ކުއްލިއަކަށް ކައިވެންޏާ ދެކޮޅުހެދީ މި ސަބަބާ ހެދި ކަމަށްވެ އެވެ.
އުދޭ އާއި ނަރްގިސް ރައްޓެހިވެގެން އުޅޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވި އެވެ. އަދި ކައިވެނި ކުރަން މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް އުދޭ ކައިވެނި ނުކުރާނެކަމަށް ބުނުމުން ނަރްގިސްގެ ހިތް ހަލާކުވި އެވެ. އަދި މާބޮޑަށް ބަލިވީކަމަށް ބުނެ ވަގުތުން ފުރައިގެން، ނިއުޔޯކުގައި ދިރިއުޅޭ އާއިލާ ކައިރިއަށް ނަރްގިސް ދިޔައީ އެވެ.
އޭނާގެ "ހައުސްފުލް 3" އާއި "އަޒްހަރް"ގެ ޕްރޮމޯޝަންތަކުގައި ވެސް ބައިވެރި ނުވެ އެވެ. އަދި ކުޅެމުންދިޔަ "ބަންޖޯ"ގެ ޝޫޓިންގް އަށް ވެސް ވާނެގޮތެއް ވާން ދޫކޮށްލާފަ އެވެ.
ނަރްގިސްގެ ތަރުޖަމާނު ބުނެފައިވަނީ އޭނާ ނިއު ޔޯކަށް ދިޔައީ ވަރަށް ބޮޑަށް ބަލިވެގެން ކަމަށާއި އިތުރު މައްސަލައެއް ނުޖެހޭ ކަމަށެވެ.
އުދޭ އާއި ނަރްގިސް 2014 ގައި ރާއްޖޭގައި ވެސް ޗުއްޓީއެއް ހޭދަކުރި އެވެ.