15 ޖުލައި 2017 - 08:04

އޮސްޓްރޭލިއާގައި ޒުވާނަކަށް ގެރިއެއް ދިން ހަމަލާއެއްގައި އަތުގެ ބޮޑުވައި އިނގިލި ބުރިވުމުން، އެ ތަނުގައި ފައިގެ ބޮޑުވައި އިނގިއްޔެއް ހަރުކޮށްފި އެވެ.
ގެރިބަރަކި ގެންގުޅޭ ޒެކް މިޗެލް، 20، ގެ ކަނާތުގެ ބޮޑުވައި އިނގިލި ބުރިވީ މިދިޔަ އޭޕްރީލް މަހު އެވެ. އޭނާ ބުނީ އިނގިލި ބުރިވީ ގެރި ކޮށީގެ ފެންސްގައި އަތް އަޅައިގެން ހުއްޓާ ގެރިއެއް އަތުގައި ވަރަށް ބާރަށް ޖެހިގަތުމުން ކަމަށެވެ.
މި ހާދިސާއަށް ފަހު މިޗެލް ވަނީ އޭނާގެ އިނގިލި އަލުން ގުޅުވޭތޯ ބެލުމަށް ދެ ސާޖަރީއެއް ހަދައިފަ އެވެ. އެކަމަކު ވީ ނާކާމިޔާބެވެ. އެންމެ ފަހުން ޑޮކްޓަރުން ނިންމީ ކަނާތު ފައިގެ ބޮޑުވައި އިނގިލި ނަގައި، އަތުގައި ހަރުކުރުމަށެވެ. މި ސާޖަރީއަށް އަށް ގަޑިއިރު ހޭދަވި އެވެ.
މިޗެލް ބީބީސީ އަށް ބުނި ގޮތުގައި އެކަރި ހިސާބެއްގައި ހިނގި ހާދިސާގައި އޭނާގެ އިނގިލި ބުރިވި ވަގުތު އެތަނުގައި ތިިބި މީހުން ވަނީ އިނގިލީގެ ދިރުން ކެނޑުނަ ނުދިނުމަށް މަސައްކަތް ކޮށްފަ އެވެ.
"އެ މީހުން އަހަރެންގެ އިނގިލި ކޫލަރަކަށް ލައި އޭގެ ތެރެއަށް އައިސް އެޅީ،" އޭނާ ބުންޏެވެ.
އެކަމަކު އެ އިނގިލި ހަށިގަނޑާ ގުޅުވޭ ގޮތެއް ނުވި އެވެ.
އިނގިލި ގުޅުވޭ ގޮތް ނުވުމުން، ސިޑްނީ އައި ހޮސްޕިޓަލްގެ ސާޖަން ޑރ. ޝޯން ނިކްލިން ވަނީ އިރުޝާދު ދެއްވީ ފައިގެ ބޮޑުވައި އިނގިލި ނަގައި އަތުގައި ހަރުކުރުމަށެވެ. އެކަމަކު މިޗެލް އެންމެ ފުރަތަމަ މިކަމާ އެއްބަހެއް ނުވި އެވެ.
ޑރ. ޝޯން ވިދާޅުވީ މިކަމަށް މީހުން އެއްބަސް ނުވުމަކީ އޭނާ ހައިރާންވި ކަމެއް ނޫން ކަމަށެވެ.
"މިއީ ވަރަށް އާދަޔާ ހިލާފު ކަމަކަށް ކޮންމެ މީހަކަށް ވެސް ވާނީ. އެހެން ނޫނަސް އަނެއްކާ ހަށިގަނޑުގެ އެހެން ގުނަވަނެއް ހަލާކުކޮށްލަން ބޭނުމެއް ވެސް ނުވާނެ،" ޝޯން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތުގައި އިނގިއްޔެއް މަދު ނަމަ ވަރަށް ގިނަ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެކަމަކު ފައިގެ އިނގިއްޔެއް މަދުވުމަކުން އެ ނުކުޅެދުންތެރިކަމެއް ނުފެންނާ ކަމަށެވެ.
އޮޕަރޭޝަނަށް ދެ ހަފުތާ ވެފައި ވާއިރު މިޗެލް މިހާރު ހިނގައި އުޅެ އެވެ. އަދި ހަރުކުރި އިނގިލީގެ މަސައްކަތް ވެސް ފުރިހަމަވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުންޏެވެ.