14 ޖުލައި 2017 - 15:17

ބާސެލޯނާ (ޖުލައި 14) - އާ ކޯޗު އާނަސްޓޯ ވަލްވޭޑޭގެ ކޯޗުކަމުގައި ބާސެލޯނާ އިން ތަފާތު ދައްކާނެ ކަމަށް ޓީމުގެ ތަރި އާޖެންޓީނާގެ ލިއޮނަލް މެސީ ބުނެފި އެވެ.
އެތުލެޓިކް ބިލްބާއޯ ދޫކޮށް ކުރިން ބާސެލޯނާ އަށް ކުޅުނު ވަލްވޭޑޭ އެ ޓީމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ތިން އަހަރަށް ފަހު ލުއިސް އެންރީކޭ ބާސެލޯނާ އިން ދިޔައިރު އޭނާ ވަނީ ނުވަ ތަށި އެ ޓީމަށް ހޯދައިދީފަ އެވެ.
ބާސެލޯނާގެ ތާރީހުގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިއާގެ ގޮތުގައި މެސީ ވަނީ ދާދި ފަހުން އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އާ ކޮށްފަ އެވެ. މެސީ ބުނީ ވަލްވޭޑޭއާ އެކު މަސައްކަތް ކުރަން ކެތްމަދުވެފައި ހުރި ކަމަށެވެ.
"ވަލްވޭޑޭއާ ބެހޭގޮތުން ވަރަށް ރަނގަޅު ވާހަކަތަކެއް އަޑު އިވިފައި ހުރީ. އޭނާގެ ކޯޗުކަމުގައި ކުޅުނު ޓީމުތަކާ ދެކޮޅަށް އަހަރެމެން ވަނީ ކުޅެފައި. ބާސެލޯނާ ސްޓައިލަށް މިހާރު ބޭނުންވާ ތަފާތު ގެނެވޭ ތިބީ މަދު ކޯޗުންތަކެއް. ވަލްވޭޑޭ އަކީ އޭގެ ތެރެއިން ކޯޗެއް،" މެސީ ބުންޏެވެ.
އޭނާ ބުނީ މިދިޔަ ސީޒަނަކީ ބާސެލޯނާ އިން ސްޕެނިޝް ކަޕް ކާމިޔާބުކުރި ނަމަވެސް އެންމެ ކާމިޔާބު ސީޒަނެއް ނޫން ކަމަށެވެ.
"މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި އަހަރެމެންގެ ނަތީޖާތައް އެންމެ ރަނގަޅެއް ނޫން. ބާސެލޯނާ އަކީ ހުރިހާ ތަށްޓަކަށް ވާދަކުރާ ޓީމެއް. ވަލްވޭޑޭގެ ކޯޗުކަމުގައި ވެސް އެއީ އަމާޒަކީ. ވަލްވޭޑޭގެ އިރުޝާދުގެ ދަށުން މަސައްކަތް ފަށަން ކުޅުންތެރިން ތިބީ ކެތްމަދުވެފައި،" މެސީ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު ވަނީ ބެންފީކާ އަށް ކުޅޭ އުއްމީދީ ފުލްބެކް ޕޯޗުގަލްގެ ނެލްސަން ސެމޭޑޯ ގެންނަން އެ ކްލަބާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އެ ޓީމުން އަންނަނީ ޗައިނާގެ ގުއަންޒޫ އެވަގްރަންޑޭ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ އާއި ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ފާރަލަމުންނެވެ.