14 ޖުލައި 2017 - 15:20

މެންޗެސްޓާ (ޖުލައި 14) - ޑިފެންޑަރަކަށް ދުނިޔޭގައި މިހާތަނަށް ދޭ އެންމެ ބޮޑު އަގު ދިނުމަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސްގެ ޑިފެންޑަރު ކައިލް ވޯކާ މެންޗެސްޓާ ސިޓީ އަށް ގެންނަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ޑެނީ އަލްވެސް ނުލިބުމުން ސިޓީން ވަނީ މިހާރު އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ވޯކާ 50 މިލިއަން ޕައުންޑަށް ގެންނަން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސިޓީގެ މެޑިކަލް ޓެސްޓް ހެދުމަށް ފަހު ވޯކާ އެ ޓީމަށް ސޮއިކުރާނެ އެވެ.
ސިޓީން ވަނީ މިދިޔަ ސީޒަނަށް ފަހު އެ ޓީމުގެ ތިން ފުލްބެކުން ކަމަށްވާ ބަކަރީ ސަންޔާ އާއި ގައެލް ކްލިޗީ އަދި ޕަބްލޯ ޒަބަލޭޓާ ދޫކޮށްލައިފަ އެވެ. ކަނާތު ބެކަށް ކުޅޭ އުމުރުން 27 އަހަރުގެ ވޯކާ އަކީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ޑިފެންޑަރެވެ.
ވޯކާ ފުޓްބޯޅަ ކެރިއަރު ފެށީ ޝެފީލްޑް ޔުނައިޓެޑުންނެވެ. އޭނާ ޓޮޓެންހަމާ ގުޅުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ވެސް ކުޅެފަ އެވެ. އޭނާގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ ޓޮޓެންހަމްގެ ކޯޗަކަށް މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވި ފަހުންނެވެ.
ސިޓީން އަންނަނީ ވޯކާގެ އިތުރުުން މޯނާކޯގެ ވާތު ބެކް ބެންޖަމިން މެންޑީއާ ވެސް ވާހަކަ ދައްކަމުންނެވެ. އަދި މޮނާކޯ އިން ވަނީ އޭނާ 36 މިލިއަން ޕައުންޑަށް ވިއްކާނެ ކަމަށް ބުނެފަ އެވެ.
ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮނާކޯ އަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އާއޮ ބެންފީކާގެ ޒުވާން ގޯލްކީޕަރު ބްރެޒިލްގެ އެޑެސަން ގެނެސްފަ އެވެ.