ޔުނިޓީ ކަޕާ އެކު އުތީމަށް ފުޓްބޯޅައިގެ އީދެއް
ޔުނިޓީ ކަޕާ އެކު އުތީމަށް ފުޓްބޯޅައިގެ އީދެއް

ޔުނިޓީ ކަޕުގެ ނަމުގައި، ހއ. އުތީމުގެ މުއައްސަސާތަކުގެ މެދުގައި އެ ރަށުގައި މާދަމާ ފަށާ ފުޓްބޯޅަ މުބާރާތާ އެކު އެ ރަށަށް ފުޓްބޯޅައިގެ ބޮޑު އީދެއް އަންނާނެ އެވެ.

އެސްޓީއޯ މޯލްޑިވްސް ގޭސް ޔުނިޓީ ކަޕުގެ ނަމުގައި ބާއްވާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ގާޒީ ބަންޑާރައިން ސްކޫލާއި އުތީމު ކައުންސިލާއި ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރެވެ. ގްރޫޕް ބީ ގައި ހިމެނެނީ އުތީމު ފެނަކަ ބްރާންޗާއި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އުތީމު މެޖިސްޓްރޭޓް ކޯޓް އަދި އުތީމު ހެލްތު ސެންޓަރެވެ.

އުތީމު ކައުންސިލާއި މުއައްސަސާތައް ގުޅިގެން ބާއްވާ މުބާރާތުގައި މުއައްސަސާތަކުގެ ޓީމުތައް ބައިވެރިވި ނަމަވެސް ރަށަށް ނިސްބަތްވާ އެންމެންނާއި އެ ރަށުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރުގެ ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މުބާރާތުގެ ބޭނުމަކީ ރަށުގެ އިޖްތިމާއީ ގުޅުން ވަރުގަދަކުރުމާއި މުއައްސަސާތަކާ ދޭތެރޭ ދެކޭ ގޮތް ބަދަލުކޮށް ގުޅުން ރަނގަޅުކުރުން ކަމަށެވެ.

"ރަށުގެ ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް މަހެއްހާ ދުވަހު އެއްކޮށް ކައިބައި ހަދައި އެއްކޮށް ވަގުތު ހޭދަކުރުމުން ވަރަށް ބޮޑަށް އެންމެންގެ މެދުގައި ގުޅުން ބަދަހިވެ ހުރި ހިތްހަމަނުޖެހުންތައް ނައްތާލެވޭނެ. ކުޅިވަރަކީ ވާދަވެރި އެއްޗެއް. އެކަމަކު އެ ވާދަވެރިކަމުގެ ތެރެއިން ވަރަށް ބާރުގަދަ އިޖްތިމާއީ ގުޅުން ވެސް އުފެދިގެންދޭ. އަޅުގަނޑުމެންގެ ބޭނުމަކީ އެ ގުޅުން އުފައްދައި ބަދަހި ކުރުން،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއައްސާސަތަކުން މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި މުބާރާތާ އެކު ރަށަށް ފުޓްބޯޅައިގެ އީދެއް އަންނާނެ ކަމަށެވެ. އެގޮތުން ރިޒޯޓްތަކުގައި ވަޒީފާއަދާކުރާ ރަށުގެ ޒުވާނުންނާއި ރަށުން ބޭރުގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް މުބާރާތާ ދިމާކޮށް ރަށަށް އައިސްފައިވާކަން އޭނާ ފާހަގަކުރި އެވެ.

މާދަމާ ހަވީރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތް ހުޅުވައިދެއްވާނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިންނާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭނެވެ.

"ރަށެއްގައި ބޭއްވޭނެ އެންމެ އިންތިޒާމް ރަނގަޅުކޮށް މުބާރާތް ބާއްވަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އެފްއޭއެމްގެ ރެފްރީންނާއި މެޗު ކޮމިޝަނަރުން މުބާރާތަށް އިންސާފުކުރައްވާނީ،" ރަޝީދު ވިދާޅުވި އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ގޭސް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި ތިލަފުށީ ކޯޕަރޭޝަނާއި މިފްކޯ އާއި އެމްޓީސީ އާއި އެމްޕީއެލް އާއި ދޮންމަނިކު ސީވިއު އިން ވެސް ވަނީ ސްޕޮންސާޝިޕް ދީފަ އެވެ. މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން ޕާޓްނަރަކީ މިހާރު ނޫހެވެ. މީގެ އިތުރުން މުބާރާތަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ދެއްވި އެހީތެރިކަމާއި އެއްބާރުލުން، އުތީމު ކައުންސިލުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.

"މި މުބާރާތް ކާމިޔާބުކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ އެމްޕީ ސުޖާ. ފުރިހަމަ ސަޕޯޓް ދެއްވި. މި މުބާރާތަށް އުތީމު މުއައްސަސާތަކުންނާއި ރައްޔިތުން ދެއްވި ފުރިހަމަ ތާއީދާއި ސަޕޯޓަށް ޝުކުރުއަދާކުރަން،" ރަޝީދު ވިދާޅުވި އެވެ.

ނައިން އަ ސައިޑް އުސޫލުން ކުޅޭ މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ސެމީ ފައިނަލް މެޗުތައް މި މަހުގެ 22 އަދި 23 ގައި ކުޅޭއިރު ފައިނަލް މެޗު އޮންނާނީ 25 ވަނަ ދުވަހު އެވެ. އަދި އެރޭ އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމްދީ އަދި ރަށުގެ ހިދުމަތްތެރިންނަށް އެވޯޑްދޭނެ އެވެ.

ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ އަށް މިނިވަންކަން ހޯދައިދެއްވި ބަތަލު ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގެންނަވާ އުތީމަކީ ތާރީހީ ގޮތުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.