14 ޖުލައި 2017 - 01:52

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ވިންގާ އާދަމް ފަޒީހް (ފަދިއްކޮ) 18 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 18 އަހަރުގައި 1999 ވަނަ އަހަރު ނިއު ރޭޑިއަންޓުން ކެރިއަރު ފެށި ފަދިއްކޮ އުމުރުން 37 އަހަރުގައި ކުޅުން ހުއްޓާލީ ވެސް ނިއުގެ ޖާޒީގަ އެވެ. ނިއުގައި ހުރެ ކުޅުން ހުއްޓާލުމުގެ ބޭނުމުގައި މި ސީޒަނުގައި އެ ޓީމާ ގުޅުނު ނަމަވެސް އެއްވެސް މެޗަކުން ފުރުސަތެއް ނުލިބެ އެވެ.

މިރޭ އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާ 1-1 އިން ނިއު އެއްވަރުވި މެޗުގައި ބެންޗުގައި ހުރި ފަދިއްކޮގެ ނަން މިރޭ ހުޅުވުނު މިޑް ސީޒަން ޓްރާންސްފާ އަށް ފަހު އާކުރާ ނިއުގެ ލިސްޓުގައި ނުހިމެނޭނެ އެވެ.

"ނިއުގެ ޖާޒީގައި ކުޅުން ހުއްޓާލަން ވެގެން މި ކްލަބާ މި އަހަރު ގުޅުނީ ވެސް. ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ޓީމުގައި ހިމެނުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" މި ސީޒަނުގެ ހުރިހާ މެޗެއްގައި ވެސް ރިޒާވް ކުޅުންތެރިއެއްގެ ގޮތުގައި ބެންޗަށް ދިޔަ ފަދިއްކޮ ބުންޏެވެ. "ނިއުގެ ބޯޑާއި މެނޭޖްމަންޓާއި ސަޕޯޓަރުންނަށް ހާއްސަކޮށް ޗެއާމަން މުހައްމަދު ޒިޔާދަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން މި ފުރުސަތު ދިނީތީ."
މޫސާމަނިކް (ކުޑަމޫސަ) އާއި އަހުމަދު ނިޔާޒާއި ޝާހު އިސްމާއިލް (ސާޔާ) އާއި އާދަމްއަބްދުއް ލަތީފް (ލައްޗޭ) އާއި ދޮންބިލެތް އަހުމަދު ހަލީމް ފަދަ ކުޅުންތެރިން ކުޅެމުން ދިޔަ ނިއުގެ ސްކޮޑާ 1999 ވަނަ އަހަރު ފަދިއްކޮ ގުޅުނީ އުމުރުން 19 އަހަރުގަ އެވެ.
އެ ޓީމަށް ހަތަރު އަހަރު ކުޅުމަށް ފަހު 2003 ވަނަ އަހަރު ވާދަވެރި ވިކްޓަރީ އަށް ބަދަލުވި އެވެ. އަދި އެ ޓީމުގައި ވެސް ހަތަރު އަހަރު ހޭދަކުރުމަށް ފަހު 2007 ގައި ބަދަލުވީ އޭނާގެ ގާތްއެކުވެރިންތަކެއް އުފެއްދި ވީބީ ސްޕޯޓްސްއާ އެވެ. އެ ކްލަބުން އެ ދުވަސްވަރު ދިވެހި ފުޓްބޯޅައިގައި ރަސްކަންކުރި އިރު ފަދިއްކޮގެ ދައުރު ބޮޑެވެ. ވީބީގައި ހަ އަހަރު ހޭދަކުރުމަށް ފަހު 2013 ވަނަ އަހަރު ބީޖީ ސްޕޯޓްސް އަށް ސޮއިކުރި އެވެ.
ދުވެލި ބާރު ހުނަރުވެރި ވިންގާ ފަދިއްކޮ އެންމެ ބޮޑަށް ވިދާލީ 2002 ވަނަ އަހަރެވެ. އޭރު ނަން މަޝްހޫރު ކުޅުންތެރިންތަކެއް ކުޅެމުން އައި އައިއެފްސީގެ މޮޅުވުމުގެ ސިލްސިލާ 2002 ވަނަ އަހަރުގެ ދިވެހި ލީގުގައި ނިއު އިން ނިންމާލީ ފަދިއްކޮގެ މޮޅު ކުޅުމާ އެކު އެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި ދެ ލަނޑު ޖަހައި އަދި ފަހު ލަނޑު ޖަހަން މުހައްމަދު އިބްރާހިމް (ދޮންބެ) އަށް މަގުފަހިކޮށްދިނެވެ.
ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ބަދަލުވެ އެ އަހަރުގެ ގައުމީ ތަށި އެ ޓީމު ކާމިޔާބުކުރިއިރު ފައިނަލުގައި ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އެވެ.
"އަހަރެންގެ ލަނޑުތަކުން އައިއެފްސީގެ މައްޗަށް ނިއު ކުރި ހޯދި ދުވަހާއި އަހަރެންގެ ގޯލުން ވިކްޓަރީން ގައުމީ ތަށި ކާމިޔާބުކުރި ދުވަސް އެއީ ހަނދާނުން ފޮހެނުލެވޭނެ ދެ ދުވަސް،" ގަލޮޅު ދަނޑުގެ ސްކޯބޯޑް ގިނަ ޒަމާންތަކެއް ވަންދެއް ބެލެހެއްޓި ނިއުގެ މަޝްހޫރު ސަޕޯޓަރު އައްބާހަށް ބޮޑުބޭބެ ކިޔާ ފަދިއްކޮ ބުންޏެވެ.
އޭނާ ބުނީ މެދުނުކެނޑި 18 އަހަރު ފުޓްބޯޅަ ކުޅުނުއިރު ބޭނުންވި ހުރިހާ ކާމިޔާބެއް ލިބިއްޖެ ކަމަށާއި ދެން ފެންނާނީ ކޯޗިންގެ ތެރެއިން ކަމަށެވެ. މޯލްޑިވްސް ގޭސްގެ އޮޕަރޭޝަން އޮފިސަރެއްގެ މަގާމް އަދާކުރަމުން އަންނަ ފަދިއްކޮ އަކީ މިހާރު ވެސް ނިއުގެ އެކަޑަމީގެ ކޯޗެކެވެ.
"ފުޓްބޯޅަ ކެރިއަރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ރާއްޖޭން ލިބޭނެ ހުރިހާ ކާމިޔާބެއް ހޯދުނު. ކުޑަމޫސަ އާއި މުހައްމަދު ކަލީމާއި ދޮންބިލެތާއި ޒަރިޔަންދާއި ސަމްޕަތު ފަދަ ކުޅުންތެރިންނާ އެކު ކުޅެލެވުނު. މިއީ ވަރަށް އުފާވެރި ތަޖުރިބާތަކެއް،" 16 އަހަރުން ދަށާއި 19 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ފަދިއްކޮ ބުންޏެވެ.
ފަދިއްކޮ ކުޅުން ހުއްޓާލިއިރު، 90ގެ ތެރޭގައި ކެރިއަރު ފެށި ކުޅުންތެރިންގެ ތެރެއިން މި ވަގުތު ކުޅެމުން އަންނަނީ މަދު ކުޅުންތެރިންތަކެކެވެ. އޭގެ ތެރޭގައި ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ވިކްޓަރީގެ މިޑްފީލްޑަރު އަހުމަދު ނިއާޒް ހިމެނެ އެވެ.