13 ޖުލައި 2017 - 23:58

އެވިޑް ކޮލެޖްގެ މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކް ބޮޑެތި ޑިސްކައުންޓް ތަކަކާއި އެކު ހުޅުވައިލައިފި އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި މިއިންޓޭކްގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ބޮޑެތި އިނާމާއި ޑިސްކައުންޓް ހޯދުމުގެ ފުރުސަތު ފޯމް ހުށައަޅާ ކޮންމެ ފަރާތަކަށް ލިބޭނެ އެެވެ.
އަދި އިނާމުގެ ގޮތުގައި އެކޮލެޖުން ވަނީ ކޯހުގެ އިންސްޓޯލްމަންޓް ފީ އިން ދެވޭ ޑިސްކައުންޓާއި، މުޅި ކޯހުގެ ފީ އިން ދެވޭ ޑިސްކައުންޓް އަދި ފައިސާގެ އިނާމުތަކެވެ.
މީގެ ތެރޭގައި ފުރަތަމަ ހުށައަޅާ 100 ފޯމަށް ކޯސް ފީގެ ތެރެއިން ފަސް ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި އިންޓޭކުގެ 400 ފޯމަކަށް ކޯހުގެ ފުރަތަމަ އިންސްޓޯލްމަންޓުން ފަސް ޕަސެންޓާއި 100 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ދެވޭނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ. އަދި އިންޓޭކުގެ ފޯމުތަކުން ނެނގޭ ގުރުއަތުލުމުން ހޮވޭ ފަރާތަކަށް 10،000ރ ގެ އިނާމެއް ވެސް ވަނީ ހުށައަޅާފަ އެވެ.
އެވިޑް ކޮލެޖުން ބުނި ގޮތުގައި މިޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 30 އޮގަސްޓުގެ ނިޔަލަށެވެ.
ސެޕްޓެމްބަރު އިންޓޭކް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާ އެކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ އެކޮލެޖުން އެންމެ އިސްކަމެއްދޭ ކަމަކީ ދަރިވަރުނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމަށެވެ. އަދި ދަރިވަރުންގެ ކަންކަން ވަރަށް ކައިރިން ބަލަމުން ގެންދާކަމަށާއި ލެކްޗަރާއިންގެ ކިޔަވައިދިނުން ވެސް ބަލާ ފީޑްބެކް ދީ އަދި މައްސަލައެއް ދިމާވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް އެވިޑް ކޮލެޖުން ވަނީ މުޅިން އަލަށް ފަށާ ކޯސްތަކެއް ވެސް ހުޅުވާލާފަ އެވެ.
އެވިޑް ކޮލެޖުން އަންނަނީ ސެޓްފިކެޓް ތިނަކުން ފެށިގެން މާސްޓާ ޑިގްރީގެ ތަފާތު ހަތަރު ދާއިރާއަކުން 30 ށް ވުރެ ގިނަ ކޯސް ހިންގަމުންނެވެ.
އެއީ މާސްޓަ ޑިގްރީގެ ހަ ކޯހަކާއި، ބެޗެލާސް ޑިގްރީގެ އަށް ކޯހަކާއި، ޑިޕްލޮމާ ލެވެލްގެ ދިހަ ކޯހަކާއި ސެޓްފިކެޓް ލެވެލްގެ ހަ ކޯހެކެވެ. އަދި މެލޭޝިޔާގެ ސައިބަޖަޔާ ޔުނިވާސިޓީގެ ކޯހެއް ކަމަށްވާ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް (ބޮޝް) އާއި، އިންޓަނޭޝަނަލް އެހެނިހެން ބައެއް މަޝްހޫރު ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތައް އެވިޑުން ކިޔެވޭނެ ކަމަށް އެތަނުން ބުންޏެވެ.
އެވިޑުން ބުނި ގޮތުގައި ދެން އެކޮލެޖުން ކައިރި މުސްތަގްބަލެއްގައި ހިޔުމަން ރިސޯސްގެ މާސްޓާ ޑިގްރީ ޕްރޮގުރާމަކާއި، މެލޭޝިޔާގެ ލިންކޮލިން ޔުނިވާސިޓީ ކޮލެޖުގެ 12 ވަރަކަށް ކޯހަކާއި އެކައުންޓިންގެ ކޯސްތަކާއި، ހޮސްޕިޓަލިޓީ މެނޭޖްމަންޓުގެ ކޯސްތަކާއި، ފެޝަން މެނެޖްމަންޓް ކޯސްތައް ފަށާނެ އެވެ.