ހުދުމުހުތާރުކަން އަބަދަކު ނޯންނާނެ، ކާމިޔާބު ލިބޭނީ ރައްޔިތުންނަށް: މައުމޫން
ހުދުމުހުތާރުކަން އަބަދަކު ނޯންނާނެ، ކާމިޔާބު ލިބޭނީ ރައްޔިތުންނަށް: މައުމޫން

މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ކަޅު ދުވަހެއް ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕާޓީ ބަދަލުކޮށްފި ނަމަ، ކަނޑާލައިފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ "އަބަދުވެސް ކާމިޔާބު ކުރާނީ ރައްޔިތުން" ކަމަށެވެ.

އެ ޓްވީޓްގައި މައުމޫން ވިދާޅުވި ގޮތުގައި "ޚުދުމުޚުތާރުވެރިކަން އަބަދުވެސް ނާކާމިޔާބުވާނެ" އެވެ. އެމަނިކުފާނު އެ އިޝާރަތްކުރެއްވީ ރައީސް އަދި ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ކަމަށް ބެލެވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް މިއައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވުމާ އެކު، ދައުލަތުން ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގަ އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މިއަދުން ފެށިގެން ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ކަމަށް އަދި އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުން އެ މެމްބަރަކު މަގާމުން ވަކިވީ ކަމަށެވެ.

އެ ހާލަތުގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ލޯ (މެމްބަރުން ވަކިވާނެ ހަލާތްތައް ބަޔާންކުރާ ގާނޫނެއް) މަޖިލީހުން ފާސްކުރަން ދެންނެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.