13 ޖުލައި 2017 - 21:36

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މިއަދުން ފެށިގެން ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގައިފި ނަމަ އެ މެމްބަރަކު މަގާމުން ވަކިވީ ކަމަށެވެ.
ޓީވީއެމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މިއީ ވަކި ބަޔަކަަށް، ވަކި ޕާޓީއަކަށް ނުވަތަ ވަކި ޖަމާއަތަކަށް އަމާޒުކޮށްފައި އޮތް ހުކުމެއް ނޫން ކަމަށެވެ. މި ހުކުމުން ނަގަހައްޓައިދެނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ކަމަށާއި އެ ހުކުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފުރިހަމަ އަށް ތާއީދުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުން ވޯޓު ދިނީ ވަކި ގޮތަކަށް ތިބެން، ދެ އިރު ދެ ޕާޓީއަށް ދާކަށް ނޫން،" ނިހާން ވިދާޅުވި އެވެ.
އޭނާގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް އެހެން މެމްބަރުން ވެސް ގެންދަވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކީ "އުފާވެރި ހުކުމެއް" ކަމަށް ޓުވީޓް ކުރައްވަމުންނެވެ.
އެ ހުކުމަކީ ލިބުނު ނަސްރެއް ކަމަށް ބައެއް މެމްބަރުން ސިފަކުރެއްވިއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމަން ޖެހޭ ކަމެއް ނިންމުމުގައި ފަސްނުޖެހޭނެ ކަން ސުޕްރީމް ކޯޓުން މިއަދު ސާބިތުކޮށްދީފި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުން ވަނީ، ގޮނޑި ގެއްލުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމާ އެކު ޕީޕީއެމުން ވަކިވާން ސިޓީ ލައްވައިފަ އެވެ.
މި މެމްބަރުންނަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕާ ފެއަށް ވަޑައިގަތް މެމްބަރުންނަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށެވެ. އެ މެމްބަރުން އެނބުރި ވަޑައިގަތުމަށް އޭނާ ގޮވާލެއްވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ނިންމީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ދަށުން އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ރިއާޔަތްކޮށް، އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.