އިސްތިއުފާ އަށް ގޮވުމުގެ އަޑުތަކާ އެކު ނަވާޒް ޝަރީފް ކުއްލި ބައްދަލުވުމަކަށް
އިސްތިއުފާ އަށް ގޮވުމުގެ އަޑުތަކާ އެކު ނަވާޒް ޝަރީފް ކުއްލި ބައްދަލުވުމަކަށް

އިސްލާމްއާބާދު (ޖުލައި 13) - ޕެނަމާ ޕޭޕާސްގެ ތަހުގީގުގެ މައްސަލައިގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ އިސްތިއުފާ އަށް ގޮވާލުމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ކެބިނެޓުގެ ބައްދަލުވުން ބާއްވަނީ ޕެނަމާ ޕޭޕާސްގެ ތަހުގީގު ހިންގަން އެކުލަވާލި ޕެނަލުގެ ރިޕޯޓުގައި ނަވާޒް ޝަރީފާއި އެމަނިކުފާނުގެ އާއިލާގެ ބައެއް މީހުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަން ހުށަހަޅާފައި ވަނިކޮށެވެ. ކެބިނެޓުގެ ބައްދަލުވުން ބާއްވަނީ ރިޕޯޓާ ގުޅިގެން ސަރުކާރުން ކަންތައް ކުރާނެ ގޮތެއް ކަނޑައެޅުމަށެވެ. ނަވާޒް ޝަރީފް ބޭނުންފުޅު ވަނީ ސަރުކާރުން ކުރާނެ ކަންތައްތަކަށް ކެބިނެޓުން ގަރާރެއް ފާސްކޮށް ދިނުމަށެވެ.

ޕެނަމާ ޕޭޕާސްގެ މައްސަލަ ބެލި ހަ މެންބަރުންގެ ތަހުގީގު ޓީމުން ވަނީ ނަވާޒް ޝަރީފް އާއި އާއިލީ ބޭފުޅުންގެ ވިޔަފާރީގެ މުއާމަލާތްތައް ތަހުގީގު ކުރުމަށް ފަހު މި މަހު 10 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ރިޕޯޓް ހުށަހަޅައިފަ އެވެ. މި ރިޕޯޓުގައި ވަނީ ނަވާޒް ޝަރީފާ ދެކޮޅަށް ކޮރަޕްޝަނުގެ ދައުވާ ކުރުމަށް ލަފާދީފަ އެވެ.

ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމީ ނަވާޒް ޝަރީފުގެ ގެކޮޅުގައި ބޭއްވި ނުރަސްމީ ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުގައި ވަނީ ކެބިނެޓުގެ މެންބަރުންނާއި ނަވާޒް ޝަރީފުގެ ލީގަލް ޓީމުން ބައިވެރިވެފަ އެވެ.

ޕެނަމާ ޕޭޕާސްގެ މައްސަލައިގައި އިދިކޮޅު ހުރިހާ ފަރާތްތަކުން ދަނީ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އަދި މި މައްސަލައިގައި އެމަނިކުފާނުގެ ނަން ސާފު ވަންދެން ސިޔާސީ ކަންކަމުން ދުރުގައި ހުންނެވުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ބޮޑު ވަޒީރުކަމުގެ ތިން ވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ ނަވާޒް ޝަރީފް ހުންނެވީ އިސްތިއުފާ ދެއްވަން ތައްޔާރަށް ނޫން ކަމަށް ދަރިކަނބަލުން މަރިޔަމް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

ޕެނަމާ ޕޭޕާސް އިން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލަކާއި ފިރިހެން ދެ ބޭފުޅުން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ވިޔަފާރި ކުރަމުންދާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ލަންޑަނުން ބިން ގަނެ ވިޔަފާރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.