13 ޖުލައި 2017 - 18:57

ކުޑަކުދިންގެ ހިޔާގެ ކެއާވޯކަރުންގެ ތެރެއިން ކުދިންނަށް އިހުމާލުވެ އެ ކުދިންނަށް އަޑުލައި ހަނގާ ކުރި ހަތަރު މުވައްޒަފަކު މި އަހަރު އެ ތަނުން ވަކި ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާ ވިދާޅުވީ ކުޑަކުދިންގެ ހިޔާ އިން މުވައްޒަފުން ކަނޑާލަނީ އެ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ރާއްޖޭގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި މިނިސްޓަ އޮފް ޖެންޑާ އެންޑް ފެމިލީ އައިޝަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މުވައްޒަފެއްގެ ފަރާތުން އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި އެ މުވައްޒަފަަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅާ ކަމަށެވެ.
"ކުދިންނަށް އެއްވެސް އިހުމާލެއް ނުވަތަ އަނިޔާއެއް މުވައްޒަފުންގެ ފަރާތުން ވާނަމަ މިފަދަ ކަންކަމަށް މިނިސްޓްރީން ގެންގުޅެނީ ޒީރޯ ޓޮލެރެންސް ޕޮލިސީއެއް ކަން މި ފުރުސަތުގައި ފާހަގަ ކޮށްލަން ބޭނުން" ޒެޏީޝާ ވިދާޅުވި އެވެ.
އެކި ބާވަތުގެ އަނިޔާ އާއި އިހުމާލުގެ ސަބަބުން އާއިލީ ލޯބިން މަހުރޫމު ވެފައިވާ މިކުދިންނާއި ދޭތެރޭ ތަނުގެ މުވައްޒަފުން އިހުމާލުވާ މައްސަލައާއި އެކުދިން ހިތުގަ ޖެހޭ ފަދަ އެއްޗެހި ބުނެ ހަދާ މައްސަލަ އަކީ އާއްމުކޮށް އިވެމުންދާ ވާހަކަ އެކެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހިޔާ އަށް ގެންނަ ކުދިންނަކީ ކުރިން އާއިލާާއާ އެކުގައި އުޅުނު އިރު ވެސް ތަފާތު ސަބަބުތަކާ ހުރެ ފިލައިގެން ދިއުމުގެ އާދަ ހުންނަ ކުދިން ކަމަށެވެ. އެހެން ކަމުން ހިޔާގައި އެކުގައި އުޅޭ ކުދިންނާ ޖެހޭ ކުދިކުދި މައްސަލަތަކުގައި ވެސް އެ ކުދިން ފިލައިގެން ދިއުމަށް މަސައްކަތް ކުރާ ކަމަށް ޒެނީޝާ ވިދާޅުވި އެވެ.
އަދި މިއީ އެކުދިންގެ އަހުލާގީ މައްސަލަައެއް ނޫން ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި އެ ކުދިންގެ ފަހަތުން ހިޔާގެ މުވައްޒަފަކު ދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކުދިން ހަމަޖެހުމުން އަނބުރާ ހިޔާ އަށް ގެންނަނީ ކަމަށް ޒެނީޝާ ވިދާޅުވި އެވެ. އަދި މިފަދަ ހާލަތުގައި އަމަލު ކުރަންވީ ގޮތް އެ ކުދިންނަށް ކިޔައިދޭ ކަން ވެސް ފާހަގަ ކުރެއްވި އެވެ.
އަދި ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ފަރާތްތަކަކީ ތަޖުރިބާ ހުރި ބަޔަކަށް ހެދުމަށް ކުޑަކުދިންގެ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕޮޒިޓިވް ޕޭރެންޓިން ޓްރެއިނިން އަދި އާލީ ޗައިލްޑްހުޑް ކެއާ އެންޑް ޓްރެއިން ފަދަ ތަމްރީންތައް ހިންގާފައިވާ ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުން ހަވާލުވެފައިވާ ކުދިންގެ ސިއްހަތު ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ހެލްތު ސްކްރީނިން ހެދުމާއި ނަރުހުންނާއި ސިއްހީ ދާއިރާގެ މީހުން ކުޑަކުދިންގެ މަރުކަޒުތަކުގައި މަަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ތައުލީމަށް ވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަަމަށާއި ހާއްސަ ސަމާލުކަން ބޭނުންވާ ކުދިންނަށް އިސްކަން ދިނުމާއި ކުދިން ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ގިނަ ފުރުސަތުތައް ފަހިކޮށް ދިނުމަށް އިސްކަން ދޭ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ
ކުޑަކުދިންގެ ހިޔާގެ ތަފާތު އެތައް މައްސަލަތަކަކީ މިފަހަކަށް އައިސް އާއްމުކޮށް ފެންމަތިވާ ކަންކަމެވެ. އަދި އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށް ޖެންޑާ މިނިސްޓްރީން އަންނަނީ ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެތަނުގެ ކުދިންނަކީ އެހެން މީހުން އިހުތިރާމް ކުރާ ބަޔަކަށް ހެދުމަށާއި އެ ކުދިންނަށް ރީތި އާދަތައް ދަސްކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަން މިނިސްޓަރު ޒެނީޝާ ފާހަގަ ކުރެއްވި އެވެ.