13 ޖުލައި 2017 - 15:20

އޮޓާވާ (ޖުލައި 13) - ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ނިއު ބްރަންސްވިކުގައި ބޭއްވި ކައިވެނީގެ ހަފުލާއެއްގައި އަންހެން ކުއްޖާގެ ބައްޕަ ވާހަކަ ދައްކަން ހުއްޓާ ހޮނު އަޅައިފި އެވެ.
ކެނޭޑިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނީ އަންހެން ކުއްޖާގެ ބައްޕަ ޖޭޕީ ނަޑިއުގެ ގަޔަށް ހޮނުއެޅީ ކައިވެނީގެ ހަފުލާގައި ދަނބިދަރިފުޅަށް ތައުރީފްކޮށް ބަހެއް ބުނުމަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ކަމަށެވެ. މި ހާދިސާގައި ނަޑިއު އަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ހޮނު އެޅުމުން އޭނާގެ އަތުގެ ބޮޑުވައި އިނގިލި ކުޑަކޮށް ފިހުނެވެ. ކައިވެނީގެ ރަސްމިއްޔާތު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޖުލައި 8 ވަނަ ދުވަހު ކައިވެނީގެ ހަފުލާ ބޭއްވި އިރު ވެސް މޫސުން އޮތީ ގޯސްކޮށެވެ. އޭރު ވެސް ކައިރީގައިވާ ބައެއް ސަރަހައްދުތަކަށް ދިޔައީ ގުގުރާ، ހޮނު އަޅަމުންނެވެ.
ނަޑިއު ބުނީ އޭނާ އަކީ ނަސީބުވެރި-ބަދުނަސީބު މީހެއް ކަމަށެވެ. ދެހާސް ފަނަރަ ވަނަ އަހަރުު އޭނާ މަސައްކަތް ކުރި ކްރޫޒް ޝިޕުގައި އަލިފާން ރޯވުމުން ރޯޔަލް އެއާ ފޯސް އިން ވަނީ ސަލާމަތްކޮށްފައި ކަމަށް ބުންޏެވެ.
ނަޑިއުގެ އަންހެނުން މެގޯ ތޯމަސް ބުނީ އެއީ ވަރަށް ފުރިހަމަ ކައިވެންޏެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ އެންމެން ހައިރާންވި ކަމަށާއި ނަމަވެސް އުފާވެރި ކައިވެންޏަށް ހުރަސް އެޅިފައި ނުވާ ކަމަށް ބުންޏެވެ.