13 ޖުލައި 2017 - 15:55

ތެލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމާ ގުޅިގެން މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުހެޔޮ ފެއާތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނިން އެތެރޭގެ މަންޒިލްތަކަށް އަގުހެޔޮ ފެއާތަކެއް ތައާރަފްކުރީ ޖެޓް ފިއުލްގެ އަގަށް އައި ބަދަލު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށެވެ. އެގޮތުން މޯލްޑިވިއަނުން ކޮޅަކަށް އެވްރެޖްކޮށް ނަގާ އަގުން 100ރ. ހެޔޮ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މިހާތަނަށް ތައާރަފްކުރި އެންމެ ހެޔޮ އަގު،" އޮފިޝަލް ވިދާޅުވި އެވެ.
އަލަށް ތައާރަފް ކުރި ފެއާތައް އަންނަ ހޯމަ ދުވަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ވިއްކާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ވައިގެ ދަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނިން ގެނައި ބަދަލާ ގުޅިގެން މާލެއިން ގަމަށް އަދި މާލެ އިން ޏ. ފުވައްމުލަކަށް ދަތުރުކުރާނަމަ، ކޮޅަކަށް ނަގާނީ 898ރ. އެވެ. މާލެ އިން ގދ. ކާޑެއްދޫއަށާއި ގއ. ކޫއްޑޫ އަށް ދިއުމަށް ކޮޅަކަށް ނަގާނީ 876ރ. އެވެ. މާލެ އިން ލ. ކައްދު އަށާއި ތ، ތިމަރަފުއްޓަށް ނަގާނީ 854ރ. އެވެ.
މީގެ އިތުރުން މާލެ އިން ބ. ދަރަވަންދޫ އަށް ދިއުމަށް ކޮޅަކަށް 598ރ. ނަގާއިރު، މާލެ އިން ރ. އިފުރު އެއާޕޯޓަށް ދިއުމަށް ކޮޅަކަށް ނަގާނީ 799ރ. އެވެ. މާލެ އިން ހދ. ހަނިމާދޫ އަށް ދިއުމަށް ކޮޅަކަށް 854ރ. ނަގާއިރު މާލެ އިން ދ. ކުޑަހުވަދޫ އަށް ދިއުމަށް ކޮޅަކަށް 799ރ. ނަގާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ހާއްސަ ފެއާތަކެއް ތައާރަފްކުރިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ހެޔޮކޮށްފަ އެވެ.
އެމްއޭސީއެލްއިން ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެތެރޭގެ ދަތުރުތަކަށް ތެޔޮ ލިޓަރެއް ވިއްކަނީ 0.69 ސެންޓް (10.76ރ) އަށެވެ.
އެ ކުންފުނިން ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ބައިނަލްއަގްވާމީ ދަތުރުތަކަށް ވިއްކާ ތެޔޮ ލިޓަރަކުން 36 ލާރީ ހެޔޮވިއިރު، އެތެރޭގެ ދަތުރުތަކުން ވަނީ 74 ލާރި ހެޔޮ ވެފަ އެވެ.