ގަތަރަށް ފިޔަަވަޅު އެޅުމުން ސައުދީ ވަލީ އަހުދަށް ފާޑުކިޔުން
ގަތަރަށް ފިޔަަވަޅު އެޅުމުން ސައުދީ ވަލީ އަހުދަށް ފާޑުކިޔުން

ވޮޝިންޓަން (ޖުލައި 13) - ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަށް އެމެރިކާގެ ނުފޫޒުގަދަ ސެނޭޓަރެއް ކަމަށްވާ ބޮބް ކޯކާ ފާޑު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާމަން ބޮބް ކޯކާ ވިދާޅުވީ ބޮޑު ސަމިޓެއް ބާއްވާ މުސްލިމް ލީޑަރުން އެއްތަން ކުރުމަށް ފަހު ސައުދީން ކަންތައް ކުރި ގޮތުން ވަރަށް ބޮޑަށް މާޔޫސް ވެއްޖެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިއީ ސައުދީ ވަލީ އަހުދަށް ހެއްދެވުނު ވަރަށް ބޮޑު ގޯހެއްހެން. އެމަނިކުފާނަކީ ސައުދީގެ ކުރިމަގު،" ކޯކާ ވިދާޅުވި އެވެ.

ކޯކާ އިޝާރާތް ކުރައްވާފައި ވަނީ މިދިޔަ މެއި މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް ވަޑައިގެން ރިޔާޒުގައި ބޭއްވި އަރަބި-އެމެރިކާ ސަމިޓަށެވެ.

އަލް ޖަޒީރާ އިން ތުހުމަތު ކުރިގޮތުގައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފަހަތުގައި ހުރި އެންމެ އިސް މޭސްތިރިއަކީ ވަލީ އަހުދު މުހައްމަދެވެ.

ކޯކާ އަކީ ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެމެރިކާގެ ސިޔާސީ ބޭފުޅާ އެވެ. އޭނާ ވަނީ ގަތަރަށް ފިޔަވަޅު އެޅި ގައުމުތަކަށް އެމެރިކާ އިން ހަތިޔާރު ވިއްކުން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

އެމެރިކާގެ ސެނޭޓާ މިމޭރުމުން ވާހަކަ ދެއްކެވި އިރު ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވަނީ ގަތަރު މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތަކަށް މެދުއިރުމައްޗަށް ވަޑައިގެންފަ އެވެ.