ސަސްޕެންޑްކޮށްފައިވާ ފީފާގެ އޮފިޝަލް ބްލޭޒާ މަރުވެއްޖެ
ސަސްޕެންޑްކޮށްފައިވާ ފީފާގެ އޮފިޝަލް ބްލޭޒާ މަރުވެއްޖެ

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 13) - ކޮރަޕްޝަން މައްސަލައިގައި ފީފާއިން މުޅި އުމުރަށް ސަސްޕެންޑްކޮށްފައިވާ ފީފާގެ ކުރީގެ އޮފިޝަލް ޗަކް ބްލޭޒާ މަރުވެއްޖެ އެވެ.

އުމުރުން 72 އަހަރުގެ ބްލޭޒާ މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ބްލޭޒާ ސަސްޕެންޑް ކުރަން ފީފާއިން ނިންމީ 2015 ވަނަ އަހަރު އެވެ. އެއީ އޭނާއާ ދެކޮޅަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިގެން ފީފާއިން ހިންގި ތަހުގީގުގައި އެކަން ސާބިތުވުމުންނެވެ.

ކުރިން އުތުރު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމު ފުރި ބްލޭޒާ ވަނީ އެ މަގާމުގައި ހުރެ ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ އިތުރުން ޓެކުހަށް މަކަރު ހެދުމުގެ ގިނަ ކަންތައްތަކެއް ހިންގައިފަ އެވެ.

ފީފާގެ ރައީސްކަން ކުރިން އެ މަގާމުގައި ހުރި ސެޕް ބްލެޓާ އަށް ގެއްލުމުގައި ބްލޭޒާގެ ފަރާތުން ހާމަވި ކަންތައްތަކުގެ ދައުރު ބޮޑެވެ. އަދި ބްލޭޒާ ވަނީ އޭނާ ކުރި ކަންތައްތަކަށް އެއްބަސްވެ، ފީފާގެ ތަހުގީގަށް އެއްބާރުލުންދީ އިތުރު އޮފިޝަލުންގެ ކަންތައްތައް ފީފާގެ ތަހުގީގު ޓީމަށް ހިއްސާކޮށްފަ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބްލޭޒާ ވަނީ ފީފާގެ އެކި މަގާމުތަކުގައި މަސައްކަތް ކުރި ދުވަސް ވަރު 20 މިލިއަން ޑޮލަރު ހޯދައިފަ އެވެ. ފީފާއިން އޭނާ މުޅި އުމުރަށް ސަސްޕެންޑް ކުރިއިރު ވަނީ ކުޅިވަރުގެ އެއްވެސް ހަރަކާތެއްގައި އޭނާ އަށް ބައިވެރިނުވެވޭނެ ކަމަށް އަންގައިފަ އެވެ.

އޭގެ ފަހުން އެމެރިކާ ފުޓްބޯޅަ ކްލަބެއްގައި އޮތް އޭނާގެ ހިއްސާ ވިއްކާލުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ވެސް ފީފާ އޮފިޝަލުން މެދުވެރިވެގެނެވެ.