ފާރިސްގެ ޝަކުވާތަކާ ހެދި އޭނާގެ ޝަރީއަތް ބުރާސްފަތިދުވަހަށް ފަސްކޮށްފި
ފާރިސްގެ ޝަކުވާތަކާ ހެދި އޭނާގެ ޝަރީއަތް ބުރާސްފަތިދުވަހަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަވަސް ކުރާތީ ފާރިސްގެ ފަރާތުން ޝަކުވާ ކުރުމުން އެ މައްސަލައިގެ ޝަރީއަތް އަންނަ ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

ފާރިސްގެ ޝަކުވާތަކާ ހެދި އޭނާގެ ޝަރީއަތް ބުރާސްފަތިދުވަހަށް ފަސްކޮށްފި
ފާރިސްގެ ޝަކުވާތަކާ ހެދި އޭނާގެ ޝަރީއަތް ބުރާސްފަތިދުވަހަށް ފަސްކޮށްފި

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ޕީޕީއެމްގެ ދިދަ ގަވާއިދާ ޚިލާފަށް ބޭނުން ކުރެއްވި ކަމަށް ބުނެ ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ފަށަން ހަމަޖައްސައި، އަޑުއެހުން ފެށުމާ އެކު ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ އެ ޝަރީއަތް ކުއްލި ގޮތަކަށް އަވަސްވީ ކީއްވެގެންތޯ ވިދާޅުވެ، އެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

މައުމޫން ވިދާޅުވީ އިބްތިދާއީ އަޑުއެހުން ބާއްްވަން ކުރިން ހަމަޖެއްސީ އަންނަ ހޯމަ ދުވަހު ކަމަށާއި މިއަދަށް އަޑުއެހުން އަވަސް ކުރިކަން އެންގީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ކުއްލި ގޮތަކަށް ޝަރީއަތް އަވަސްވުމަކީ ފާރިސް އަށް ލިބެންޖެހޭ އިންސާފުވެރި ޝަރީއަތަކުން އޭނާ މަހްރޫމް ވެދާނެ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

ކުރިން ވެސް ހަމަޖެހިފައި އޮތް ގޮތަށް އަންނަ ހޯމަ ދުވަހަށް އެ އަޑުއެހުން ފަސްކޮށްދޭން މައުމޫން އެދިވަޑައިގަތުމުން ގާޒީ އިބްރާހިމް އަލީ ނިންމެވީ އަންނަ ބުރާސްފަތި ދުވަހަށް އަޑުއެހުން ފަސްކޮށް ދިނުމަށެވެ. އެދުވަހު އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ.

ކުރިން ގާޒީ އާދަމް އާރިފް ބައްލަވަން ހަމަޖެހިފައި އޮތް އެ މައްސަލަ ގާޒީ އިބްރާހިމް ބައްލަވަނީ ކީއްވެގެންތޯ ވެސް މައުމޫން ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި ގާޒީ އިބްރާހިމް ވިދާޅުވީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ގާޒީން ކަނޑައަޅަނީ އިސްގާޒީ ކަމަށާއި އެ މައްސަލަ އޭނާއާ ހަވާލު ކުރެއްވީ ވެސް އިސްގާޒީ ކަމަށެވެ. އެކަމަކު އޭނާއާ އެ މައްސަލަ ހަވާލުކުރެއްވި ސަބަބެއް ޖެހޭނީ ސާފުކޮށްލަން ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެންމެ ބޮޑު އަދަބަކަށް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އެއަށް ވުރެ އަދަބު ބޮޑުވުމުގެ ފުރުސަތު ނުވަތަ ކުޑަވުމުގެ ފުރުސަތު ވެސް އޮވެ އެވެ. އަދަބު ބޮޑުވަމުން ގޮސް އެންމެ ބޮޑު އަދަބަކަށް ފާރިސަށް ދެވޭނީ 2 އަހަރަށް ޖަލަށްލުމެވެ.

ވަކި ހާލަތްތަކެއްގައި، ޖަލު ހުކުމްތައް ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ބަދަލުކޮށް ދިނުމުގެ ބާރު ގާނޫނުލް އުގޫބާތުގެ ދަށުން ފަނޑިޔާރުންނަށް އޮވެ އެވެ.