މިހާރު 30: ދާނިޔާ
މިހާރު 30: ދާނިޔާ

ދާނިޔާ، ކޮޓަރީގެ ބެލްކަންޏަށް ނުކުމެ އޭނާގެ ފަން އިސްތަށިގަނޑު ވައިގެ ތެރެއަށް ދޫކޮށްލައިގެން ހުރެ ހަށަން ބަނދެލި އެވެ. އިސް އުފުލާލައި މާސިންގާ އުޑުގެ ތެރެ އަށް ހުއްޓައިލި ކަޅިއާ އެކު ފުން ނޭވާއެއް ލި އެވެ. ހަމަ އެ އަނދިރިކަމާއި އެ އެކަނިވެރިކަމެވެ. ވަޔާއެކު ގައިގައި ތަތްވެފައިވާ ތުނި ހެދުމުގެ ތެރެއިން ފުރޭނިގެން އައިސް ހަށިގަނޑުގައި ބީހެމުން އެދަނީ ވެސް، ހަމަ އެ ރޭގެ ފިނިކަން ހަނދާނަށް ގެނުވާހާ ތެތް ފިނި ރޯޅިތަކެވެ. ނަމަވެސް އެ ރޭގެ އެ ދިރުމެއް މިރެއަކު ނެތެވެ. އެ އުފާވެރި މިޒާޖެއް ނެތެވެ. އެ ލޯބިވެރިޔާއެއް ވެސް މި ރެއަކު ނެތެވެ.

ތަރިތަކަށް ލޯ އަމާޒުވެފައި ހުއްޓަސް، އޭނާގެ ހިތުގެ ވިންދު ގުޅިފައި ހުރީ ހިނގަހިނގާ ހުރި ގަޑީގެ ސިކުންތު ކަށްޓާ އެވެ. އޭނާ އެ ވަގުތު ބެލްކަންޏަށް ނުކުތީ ވެސް، އެ މުހިންމު ވަގުތާ ބައްދަލުވުމުގެ ކުރިން، އެ ހަނދާންތަކުން ހިތް ފުރައިލުމަށެވެ.

އޭރު ހަތް އަހަރުގެ ތުއްތު ދާލީ އެނދުގެ ރަޖާގަނޑުގެ ތެރޭގައި ފޮރުވިގެން އޮތީ ނިދާ ކަމަށް ހަދައިގެންނެވެ. މަންމަގެ ހަޔާތުގައި މި ރެއަކީ މުހިންމު ރެއެއް ކަން ދާލީ އަށް ވެސް އެނގޭތީ މަންމަގެ ހަރަކާތްތަކަށް ވަގު ލޮލެއް ދީގެންނެވެ. ދާލީ އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީ އެވެ.

މެންދަމު 12 ޖަހަން މަދު ސިކުންތުކޮޅަކަށް ވުމުން ދާނިޔާ އެނބުރި ކޮޓަރި އަށް ވަދެ ބޮކި ނިއްވައިލި އެވެ. ކައިރީގައި ހުރި ސޯފާގައި އިށީނދެ، ކުޑަ މޭޒުމަތީގައި ހުރި އުށްބައްތި ރޯކޮށްލި އެވެ. އުށްބައްތީގެ ފަނޑު އަލި ކޮޓަރި ތެރެ އަށް ފެތުރިގެން ދިޔަ ވަގުތު، ދާނިޔާގެ ލޮލުން ކަރުނަ ފާއްދައިލި އެވެ. އިސާހިތަކު 12 ޖެހުމާ އެކު ދާނިޔާގެ އަތުގެ ދެ އިނގިލިން އުށްބައްތީގެ ފުށްގަނޑުގައި ހިފައި ނިއްވައިލި އެވެ. އޭނާއަކަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެތެރެ ހައްޓަށް ގިސްލެވެން ފެށުމާ އެކު މޫނުގައި ދެ އަތް އެޅި އެވެ.

އެއީ އުފަން ދުވަހުގެ އުށްބައްތި ނިއްވާލަން، މާޒިން ދަސްކޮށްދިން ގޮތެވެ. މާޒިން އަބަދު ވެސް ބުނެ އެވެ؛ "ލޯބިވެރިން އުފަން ދުވަސް ފާހަގަކުރަންވާނީ އެ ދުވަހުގެ އުފަލާއި ލޯބީގެ ހޫނު އިހްސާސްކުރަމުންނެވެ. އަނގަ އިން ފޮނުވައިލާ ފިނި ވައިކޮޅަކުން އުށްބައްތިއެއް ނިއްވާލައިގެނެއް ނޫނެވެ."

މާޒިން އެންމެ ފަހުން އެ އިބާރާތް ތަކުރާރު ކުރީ މީގެ ހަތް އަހަރު ކުރިންނެވެ. ހަމަ މި ކޮޓަރީގަ އެވެ. އެރޭ ދާނިޔާ ދިއްލައިދިން އުށްބައްތި ނިއްވައިލީ މާޒިންގެ ދެ އިނގިލިންނެވެ. އެހިނދު ކޮޓަރި އަށް ވެރިވި އަނދިރިކަމުގެ ތެރޭގައި، މާޒިންގެ ގަޔާލައި ދާނިޔާ ބޮނޑިކޮށްލަމުން ބުންޏެވެ؛

"މިރޭ އަހަންނަށް ވިޝް ވެސް ނުކޮށް ބައްދައިގެން ތި ހުންނަނީ ކީއްވެ؟"

މާޒިންގެ މޭމައްޗަށް ގައިގެ ބާރު ދޫކޮށްލައިގެން ހުރެ ދާނިޔާ ބުންޏެވެ: "މިރޭ ދޭން އޮތީ ހަމަ އެކަނި އުފަން ދުވަހުގެ އުފަލެއް ނޫން. ތިރިވެލާ ބަލަ."

މާޒިން ކަކޫ މައްޗަށް ތިރިވެލުމުން، މާޒިންގެ ބޮލުގައި ހިފައި ނާދިޔާގެ ބަނޑުގައި މާޒިންގެ ކަންފަތް ޖައްސާލަމުން ބުންޏެވެ: "ބައްޕާއޭ ކިޔާފައި ސިއްރު ސިއްރުން ގޮވާ އަޑެއް ނީވޭތަ؟"

އެ ވަގުތު މާޒިން ބަސް ހުއްޓުނެވެ. ކުރިއަށް ވުރެ ބާރަށް ދާނިޔާގެ ގައިގައި ބައްދައިލި އެވެ. ދާނިޔާގެ ހިތަށް އެރި އެވެ؛ މި ހިނދުކޮޅުގެ ތެރޭގައި މި ގާތްކަމާއި މި ލޯބީގައި މުޅި އުމުރު ހޭދަވާނެ ނަމަ އެވެ. އެއް ހަށިގަނޑެއް ހެން އެކުވެފައި ތިބި މާޒިން އާއި ދާނިޔާ މަޑުމަޑުން ހިނގާފައި ނުކުތީ ކޮޓަރީގެ ބެލްކަންޏަށެވެ.

ވަށައިގެން އޮތީ ކަނު އަނދިރި ކަމެވެ. ބެލްކަނީގެ ފާރުގައި މާޒިން ލެނގިލައިގެން ހުރި އިރު، ދާނިޔާ މާޒިންގެ ގައިގައި ލެނގިލައިގެން ހުރީ މުޅި ހަށިގަނޑުން ވަރު ދޫކޮށްލައިގެންނެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ސަލާމަތް ވުމަށްޓަކައި، ދާނިޔާ ބޭނުންކުރީ މާޒިންގެ ހަށިގަނޑުގެ ހޫނުކަމެވެ. މާޒިންގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން ހުރި ދާނިޔާގެ ބުރިކަށީގައި މާޒިންގެ އަތުގެ އިނގިލިތައް ދެކޮޅަށް ހިންގަމުން ދިޔައިރު، ދާނިޔާ އަށް އިހްސާސްކުރެވެނީ ފުން ލޯތްބާއި އޯގާތެރި ކަމެވެ.

އެ ފިނިކަމާއި އަނދިރީގެ ތެރޭގައި ދެ މީހުން ރާވަމުން ދިޔައީ ލިބެން އުޅޭ ދަރިފުޅާ އެކު ދިރިއުޅުމުގެ ކަންތައް ގެންދާނެ ގޮތެވެ. ދަރިފުޅަށް ކިޔުމަށްޓަކައި ދެ ޖިންސުގެ ދެ ނަން ވެސް އިޚުތިޔާރުކުރީ ހަމަ އެ ތަނުގައި ތިބެގެންނެވެ. ދަރިފުޅަށްޓަކައި ކޮޓަރި ތެރެ ތަރުތީބުކުރާނެ ގޮތް އެކަކު އަނެކަކަށް ކިޔައިދިނެވެ. ބަލިވެއިނުމުން ހަށިގަނޑަށް އަންނާނެ ބަދަލުތަކަށް ހޭނޭނެ ގޮތްތައް މާޒިން ބުނެދިނެވެ. ދުވަސް ފުރެމުންދާ އިރު އުފުލަންޖެހޭ ވޭންތައް ލުއިކޮށްދިނުމުގައި އެހީތެރިވެދިނުމަށް މާޒިން ވައުދުވި އެވެ.

ހުޅަނގު އުތުރުން ޖެހެމުން ދިޔަ ރޯޅިފަށް ބާރުވަމުން ގޮސް، ކުއްލިއަކަށް ޖެހި ބާރު ގުގުރީގެ އަޑަށް ދެ މީހުންނަށް ވެސް ހޭވެރިކަންވި އެވެ. ގޭތެރެ އަށް ވަންނަން ހިނގައިގަންނަމުން ދާނިޔާގެ ކަންފަތް ދޮށުގައި މާޒިން ބުންޏެވެ؛ "ދާނީ މި ރަށުގައި ހުއްޓަސް ތިއީ އެކަނިވެރިއެއް ނޫން ކަން ހަނދާން ކުރާތީ. ދާނީ ހުރި ކޮންމެ ތަނެއްގައި ދާނީއާ ގާތުގައި މާޒިން ހުންނާނެ. އެކަން އަބަދު ވެސް ދާނީގެ ހަނދާނުގައި ބަހައްޓާތި!"

މައިންބަފައިންނާ އެކު ހއ. އުތީމުގައި ދިރިއުޅުނު ގެ ދޫކޮށް، އަދި ރަށުގެ އެތައް އަންހެން ކުދިންނެއްގެ އަމާޒަކަށް ވެފައި ހުރި މާޒިންއާ ކައިވެނިކޮށްގެން، ލ. ގަމު ތުނޑީ އަވަށަށް ބަދަލުވީ ވެސް މާޒިންގެ ބަހުން ނަމަ ލޯތްބާ އެކުގައި ދިރިއުޅެން ބޭނުންވާތީ އެވެ. ކައިވެނި ކުރުމުން ދެމަފިރިންކަމުގައި ވިޔަސް، މާޒިން ބުނާ ގޮތުގައި އޭނާ ބޭނުންވަނީ ދެ ލޯބިވެރިންގެ ގޮތުގައި ދިރިއުޅޭށެވެ. ލޯބީގެ ހަޔާތް ފެށޭނީ އާއިލީ ދިރިއުޅުމުގެ ތެރެއިން ނުކުމެވިގެން ކަމުގައި މާޒިން ވަނީ ކިތަންމެ ރަނގަޅަކަށް ވެސް ދާނިޔާ އަށް ވިސްނައިދީފަ އެވެ. މާޒިން ބުނާ ގޮތުގައި ދެމަފިރިންނަކީ ވަރަށް ދުރު ބައެކެވެ. އެކަމަކު ލޯބިވެރިންނަކީ ވަރަށް ގާތް ބައެކެވެ. ނަމަވެސް އެ ބުނަނީ ކީކޭ ކަމެއް ދާނިޔާއަކަށް ނޭނގެ އެވެ.

މާޒިން އެ ބުނާ އެއްޗެއް ދާނިޔާ އަށް މޭރުންވީ، ބީރައްޓެހި ރަށެއްގައި އަމިއްލަ ގެއެއް ބިނާކޮށް އެކުގައި ދިރިއުޅެން ފެށުމުންނެވެ. ކޮންމެ ދުވަހެއްގެ ހުރިހާ ވަގުތެއް މާޒިންއާ އެކު ހޭދަކުރެވޭތީ، ދާނިޔާގެ މުޅި އާއިލާއަކީ މާޒިން ކަމުގައި އިހްސާސްކުރެވުނެވެ. އޭނާގެ މުޅި ދުނިޔެއަކީ، ރަށުގެ އެންމެ އުތުރުކޮޅުގައި ދެމަފިރިން އެކުގައި ބިނާކުރި އެ ކުޑަކުޑަ ދެބުރި އިމާރާތް ކަމުގައި ހެޔޮހިތުން ގަބޫލުކުރެ އެވެ.

ދާނިޔާ އަދިވެސް އިނީ ކޮޓަރީގެ ސޯފާގަ އެވެ. އުށްބައްތި ނިއްވައިލި ގޮތަށް އެ ގޮނޑީގައި އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ. ދެ ކޯތާފަތް މައްޗަށް ފައިބަމުންދާ ކަރުނަތައް ދެ އަތުން ފޮހެމުން މާޒީގެ އުފާވެރި ހިނދުކޮޅުތައް ހަނދާނަށް ގެންނަމުންދެ އެވެ. މާޒީ ކިތަންމެ އުފާވެރިޔަސް މިހާރު އެ ހަނދާންތަކުން ލިބެނީ އިތުރު ހިތްދަތިކަމެވެ.

އެންމެ ފަހުން މާޒިންއާ އެކު އޭނާގެ އުފަން ދުވަސް ފާހަގަ ކުރި ރޭގެ އަނެއް ދުވަހަކީ މާޒިންގެ ޗުއްޓީ ދުވަހެވެ. އެ ރޭ ދާނިޔާގެ ފަރާތުން ލިބުނު އުފާވެރި ޚަބަރާ އެކު، އަލަތު ދަރިފުޅާ މެދު އެތައް ހުވަފެންތަކެއް ދެކެމުން ދެމީހުން އެރޭ ހޭދަކުރީ އެހެން ރޭރެ އަށް ވުރެ ވެސް އުފާވެރި ގޮތެއްގަ އެވެ. އެހެންކަމުން އަނެއް ދުވަހު ހޭލެވުނީ ވެސް އެހާ ލަހުންނެވެ.

އެއީ ޗުއްޓީ ދުވަހަކަށް ވިޔަސް، އޮފީހުގެ މުހިންމު ކަމެއް ޖެހިގެން ސެކްޝަންގެ ވެރިޔާ ގުޅުމުން ކައްދޫ އެއާޕޯޓަށް ދާން މާޒިން ގެއިން ނުކުތީ މެންދުރު ވާން ކައިރިވެފައި ހުއްޓަ އެވެ. ގޭގެ ދޮރު ލައްޕައިލުމަށް ފަހު ކޮނޑަށް ބެކްޕެކް ހެޔޮވަރުކޮށްލަމުން ގޯތީގެ ބޭރު ދޮރާ ދިމާއަށް މާޒިން ހިނގައިގަތް އިރު، ދާނިޔާ ހުރީ މަތީބުރީގެ ބެލްކަނިން އެ މަންޒަރު ބަލާށެވެ. އޭރު ގޭ ދޮރުމަތީގައި އެއާޕޯޓްގެ ވޭން މަޑުކޮށްލައިގެން އޮތެވެ.

މާޒިންއާ އެކު ވޭން ދުއްވައިލުމުން، އާދައިގެ މަތިން ކުޑަދޮރުން ބޯ ދިއްކޮށްލާފައި ދާނިޔާ އަށް ފްލައިން ކިސްއެއް ފޮނުވައިލި އެވެ. ފަހަތަށް ހިރަފުހުގެ އޮއިވަރެއް ދޫކުރަމުން ވޭން ގޮސް އޮބާލަންދެން ދާނިޔާ ބެލްކަނީގައި ބަލަހައްޓައިގެން ހުއްޓެވެ.

ގޭތެރޭގެ މަސައްކަތްތައް ނިންމައިލުމަށް ފަހު، މާޒިން އޮފީހުން އެނބުރި އަންނަން ބުނި ގަޑި އަށް ދާނިޔާ ހުރީ، ތައްޔާރުވެގެންނެވެ. ދާނިޔާ މިރޭ ލައިގެން ހުރީ، މިދިޔަ އަހަރުގެ އުފަންދުވަހު މާޒިން ހަދިޔާއަކަށް ދިން މެރޫން ކުލައިގެ ހެދުމެވެ. ބުނާ ގަޑި އަށް ނާދެވެންޏާ މާޒިން އޭގެ ކުރިން ގުޅައި ވީ ގޮތް ބުނެދޭނެ އެވެ. ނަމަވެސް މިރޭ އެ ފޯންކޯލެއް ނާދެ އެވެ. އަންނަން ބުނި ގަޑި ވެސް ޖެހިއްޖެ އެވެ. އިތުރަށް ފަނަރަ މިނެޓް ހިނގުމުން ދާނިޔާ މާޒިންގެ ފޯނަށް ގުޅި އެވެ.

ނަމަވެސް ދާނިޔާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެމަރިން އެކުގައި ދިރިއުޅެން ފެށި ފަހުން، މިރޭ ނޫނިއްޔާ މާޒިންގެ ފޯނު ދުވަހަކު ވެސް ނިއްވައެއް ނުލަ އެވެ. އެހެންކަމުން ދާނިޔާ ކަންބޮޑުވެ ހާސްވި އެވެ. އެކި ގޮތްގޮތަށް ވިސްނެން ފެށި އެވެ. ލ. އަތޮޅުގެ ލިންކު ރޯޑުގައި ހިނގާ އެކްސިޑެންޓްތައް ވެސް ހަނދާނަށް އާދެ އެވެ. ނަމަވެސް އެފަދަ ކަމެއް މެދުވެރި ނުވުމަށް އެދި ހިތާހިތާ ދުއާކޮށްލައި ހިތްހަމަޖައްސައިލަ އެވެ.

އެންމެ ފަހުން ހަދާނެ ގޮތް ހުސްވެ، މާޒިންގެ އޮފީސް ނަންބަރަށް ގުޅި އެވެ. އެއީ އެއާޕޯޓްގައި 24 ގަޑިއިރު މަސައްކަތްކުރާ ހަމައެކަނި ސެކްޝަން ކަމަށްވީތީ، ކޮންމެ ވަގުތަކު ގުޅިޔަސް ފޯނު ނަގާނެ ކަން ދާނިޔާ އަށް އެނގެ އެވެ. އެހެނަސް ސެކްޝަނުން ދިން ޖަވާބުން ދާނިޔާގެ ސިކުނޑި ހުއްޓުނެވެ.

"މިއަދު މިއީ މާޒިންގެ ޗުއްޓީ ދުވަސް ނޫންތޯ؟ މާޒިން ނުދުރުވެ މެންދުރު ފަހު އޮފީހަކަށް. އަޅުގަނޑު މި އުޅެނީ ހެނދުނުއްސުރެ އޮފީހުގައި. އަނެއްކާ ތި ބުނުއްވި ކަހަލަ އާޖެންޓް ކަމެއް ނުވެސް ނެތް މިއަދަކު."

(ނުނިމޭ)