ރޯމާ އިން މާރޭޒް ހޯދަނީ
ރޯމާ އިން މާރޭޒް ހޯދަނީ

ރޯމް (ޖުލައި 13) – އިޓަލީގެ އޭއެސް ރޯމާ އިން ލެސްޓާ ސިޓީގެ އަލްޖީރިއާ ވިންގާ ރިޔާޒް މާރޭޒަށް 33.8 މިލިއަން ޔޫރޯގެ ހުށަހަޅައައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޯމާ އިން މަސައްކަތްކުރަމުން އަންނަނީ ލިވަޕޫލަށް ވިއްކާލާފައިވާ މިސްރު ވިންގާ މުހައްމަދު ސަލާހް ނެތްތަން ފޫބައްދާނެ ކުޅުންތެރިއަކު ހޯދުމަށެވެ. އެ ކްލަބުން ވަނީ އޭސީ މިލާނުގެ ސޫސޯ އާއި ބާސެލޯނާގެ ޖެރާޑް ޑެއުލޮފެއޫ އަށް ވެސް ޝައުގުވެރިކަންފާޅުކޮށްފަ އެވެ.

މާރޭޒް ވަނީ މީގެ އެއް އަހަރު ކުރިން ލެސްޓާ އިން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަންނަ ސީޒަނުގައި އާ ކްލަބަށް ކުޅެން ބޭނުންވާ ކަމަށް މާރޭޒް ވަނީ ބުނެފަ އެވެ. އޭނާ އަށް ބާސެލޯނާ އާއި އާސެނަލުން ވެސް ޝައުގުވެރިވެ އެވެ.

ރޯމާ އިން 33.8 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް ލެސްޓާ އިން ބޭނުންވަނީ ރިޕޯޓްތައް ބުނާ ގޮތުގައި 56.4 މިލިއަން ޔޫރޯ އެވެ.

ރޯމާ އިން ވަނީ އެ ޓީމުގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ ޗެލްސީ އަށް ވިއްކާލައިފަ އެވެ. އަދި އާޖެންޓީނާ މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑެސް ޒެނިތަށް ވިއްކާލައިފަ އެވެ.