ސައުދީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޑިއާގެ 10 މީހުން މަރުވެއްޖެ
ސައުދީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޑިއާގެ 10 މީހުން މަރުވެއްޖެ

ރިޔާޒް (ޖުލައި 13) - ސައުދީ އަރަބިއާގެ ނަޖްރާންގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޑިއާގެ 11 މީހުން މަރުވެއްޖެ އެވެ.

ނަޖްރާންގެ ސިވިލް ޑިފެންސް ތަރުޖަމާން ކެޕްޓަން އަބްދުﷲ އަލް ފާރީ ވިދާޅުވީ ކުޑަ ދޮރެއް ނެތް ގެއެއްގައި ތިބި މީހުން މަރުވީ އަލިފާނުގެ ހާދިސާ ހިނގުމާ އެކު ނޭވާ ހާސްވެގެން ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު އެންމެން ވެސް ތިބީ ނިދައިފަ އެވެ.

އަލިފާނުގެ ހާދިސާގައި އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފަ އެވެ. އެ މީހުންގެ ހާލު ސީރިއަސް ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ. އިންޑިއާގެ 10 މީހުންގެ އިތުރުން ބަންގްލަދޭޝްގެ މީހަކު ވެސ ވަނީ މަރުވެފަ އެވެ. މި އެންމެންނަކީ ވެސް ސައުދީގައި މަސައްކަތް ކުރަން ގޮސް އުޅުނު މީހުންނެވެ.

ނަޖްރާންގެ އަމީރު ޕްރިންސް ޖަލަވީ ބިން އަބްދުލް އަޒީޒް ވަނީ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އަންގަވައިފަ އެވެ. ތަހުގީގުގެ ފުރަތަމަ މަރުހަލާގެ މައުލޫމާތުން އެނގޭ ގޮތުގައި އަލިފާން ރޯވާން ދިމާވީ ދުވަސްވެފައި ހުރި އެއާ ކަންޑިޝަން ޔުނިޓެއްގައި ހިނގި ޝޯޓް ސާކިޓެއްގެ ސަބަބުންނެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިންޑިއާ މީހުންނަށް އެހީވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީ އަރަބިއާގައި ނުވަ މިލިއަން ބިދޭސިން މަސައްކަތް ކުރާ ކަމަށް 2015 ވަނަ އަހަރު އެ ގައުމުން ހާމަކުރި ހިސާބުތަކުން ދައްކަ އެވެ.