އޮންރީގެ "ހޭންޑްބޯލް" މަތިން ހަނދާން ނައްތާލައިފިން: އޮނީލް
އޮންރީގެ "ހޭންޑްބޯލް" މަތިން ހަނދާން ނައްތާލައިފިން: އޮނީލް

ޕެރިސް، ފްރާންސް (ޖޫން 24) - ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އަޔަލެންޑް ކޮލިފައިނުވީ، ފްރާންސުން ޖެހި ނުހައްގު ލަނޑަކުން ކަމަށްވީ ނަމަވެސް ޔޫރޯގެ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ނުކުންނައިރު އެކަން ހަނދާން ނައްތާލާފައިވާ ކަމަށް އަޔަލެންޑުގެ ކޯޗު މާޓިން އޮނީލް ބުނެފި އެވެ.

އެ ފަހަރުގެ ކޮލިފައިން ޕްލޭއޮފް ފުރަތަމަ ލެގުން ފްރާންސް 1-0 އިން މޮޅުވެފައިވަނިކޮށް ދެ ވަނަ ލެގުގައި އަޔަލެންޑުން ވަނީ ލީޑު ނަގައިފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ފްރާންސުން މެޗު އެއްވަރުކުރީ އެ ޓީމުގެ ތިއަރީ އޮންރީ އަތުން ކޮންޓްރޯލް ކުރި ބޯޅައަކުން، މަގުފަހިކުރި ފުރުސަތެއްގައި ވިލިއަމް ގަލަސް ޖެހި ގޯލުންނެވެ.

"އަހަރެމެން އެކަން ހަނދާން ނައްތާލައިފިން. މެޗަށް ތައްޔާރުވާނީ ބަދަލު ހިފުމުގެ ވިސްނުމެއްގައެއް ނޫން. ބޭނުމަކީ ފްރާންސް ބަލިކޮށް ކުރިއަށް ދިއުން. ހުރިހާ ކުޅުންތެރިން ވެސް އަހަރެންގެ ވިސްނުމާ އެއްގޮތަށް މެޗަށް ތައްރާރުވާނީ،" އޮނީލް ބުންޏެވެ.

އަޔަލެންޑުގެ ފޯވާޑް ރޮބީ ކީން ވެސް ވަނީ އެ ޓީމުގެ ސަޕޯޓަރުންގެ ކިބައިން އެ މެޗުގެ މަތިން ހަނދާން ނައްތާލުމަށް އެދިފަ އެވެ.

އަޔަލެންޑު ދެ ވަަނަ ބުރުން ޖާގަ ހޯދީ ގްރޫޕް އީގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމު ކޮލިފައިވީ ގްރޫޕް ސްޓޭޖު ފަހު މެޗުގައި އިޓަލީ އަތުން ހޯދި ތާރީހީ މޮޅާ އެކު އެވެ. އިޓަލީގެ ބެންޗު ޓީމު ކުޅުނު މި މެޗުން އަޔަލެންޑް 1-0 އިން މޮޅުވިއިރު، މިއީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ވާދަވެރި މެޗަކުން އަޔަލެންޑުން އިޓަލީ ބަލިކުރި ފުރަތަަމަ ފަހަރެވެ.