14 ޖުލައި 2017 - 08:13

އެމެރިކާގެ ނިއު މެކްސިކޯގައި 14 އަހަރުގެ އަންހެން ކުއްޖަކު ބާތު ޓަބުގައި އޮވެގެން ފޯނު ބޭނުންކުރަނިކޮށް ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.
މެޑިސަން ކޯވާސް ޓަބުގައި އޮތީ އޭގެ ފޯނު ޗާޖަށް ޖަހާފައި ޓަބުގެ މަތީގައި ބާއްވައިގެންނެވެ. އެހެން އޮއްވައި ބާތުޓަބުގެ ފެންގަނޑުގެ ތެރެއަށް ފޯނު ވެއްޓުނީ އެވެ.
އެ ކުއްޖާގެ މަންމަ ޑޯނާ އޯގުއިން ބުނި ގޮތުގައި މެޑިސަންގެ އެއް އަތުގައި ފިހިފައިވާ ކަމުގެ ނިޝާނެއް ހުއްޓެވެ. އެހެންވެ އޭނާ ފޯނަށް ދަމާލާފައިވަނީ އެ އަތުން ކަމަށް ބެލެވެ އެވެ.
"މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަހަލަ ހާދިސާއެއް ނޫން. އެހެންކަމުން މިކަމުން އެންމެންނަށް ވެސް އިބްރަތެއް ލިބިގަތުން އަހަރެން އެދެން. ފާޚާނާއަށް ވަންނައިރު ފޯނު ހިފައިގެން ނުވަނުމަށް ސަމާލުކަން ދޭންޖެހޭ. ވަކިން ޚާއްސަކޮށް ފާޚާނާ ތެރޭގައި ފޯނު ޗާޖް ނުކުރުން މުހިއްމު،" މެޑިސަންގެ މާމަ ބުންޏެވެ.
މި އަންހެންކުއްޖާގެ އާއިލާއިންނާއި އެކުވެރިން ފޭސްބުކްގައި ވެސް އަންނަނީ މިކަމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ.
މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ވަނީ ފޯނު ޗާޖުކުރަމުން ބާތު ޓަބަށް އެރި އުޅެނިކޮށް ކަރަންޓުގައި ޖެހި ބައެއް މީހުން މަރުވެފަ އެވެ.