30 ޖުލައި 2017 - 06:26

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި ވިލިއަމް އެ ބޭފުޅުންގެ މަންމަ ޕްރިންސަސް ޑަޔާނާ ދެކެ އިންތިހާއަށް ލޯބިވި އެވެ. އަދި ޑަޔާނާ މުޅި ދުނިޔޭގެ ލޯބި ހޯއްދެވި އެވެ.

ޑަޔާނާ އަވަހާރަވިތާ، އޯގަސްޓް 31 އަށް 20 އަހަރު ފުރޭއިރު އެކަމަނާގެ ހަނދާންތައް ޕްރިންސް ހެންރީ އާއި ވިލިއަމް ފަދައިން ގިނަ ބަޔަކު އާކުރެ އެވެ. އެ ދުވަހާ ދިމާކޮށް ހެރީ އާއި ވިލިއަމް ވަނީ މިހާތަނަށް އެ ދެބޭފުޅުންގެ މަންމާފުޅާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ނުދައްކާ ތިބި ތިބުމަށް ނިމުމެއް ގެނެސްފަ އެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ މިއީ މި މައުލޫގައި ވާހަކަ ދައްކާނެ ފަހު ފަހަރު ކަމަށެވެ.
"ޑަޔާނާ، އަވަ މަދާ: ހަ ލައިފް އެންޑް ލެގަސީ" ކިޔާ މި ޑޮކިއުމެންޓްރީ އައިޓީވީ އާއި އެޗްބީއޯ އިން ވެސް ދައްކާނެ އެވެ.
އޮގަސްޓް 1997 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޑަޔާނާ އަވަހާރަވުމުގެ ދުވަސްކޮޅެއް ކުރިން ޕްރިންސް ހެރީ އާއި ވިލިއަމް އުޅުއްވީ ބެލްމޯރަލް ކާސްލްގަ އެވެ. އެއީ ސްކޮޓްލެންޑްގައި ހުންނަ އެ ބޭފުޅުންގެ މާމާފުޅު ކުއީން އެލިޒަބަތުގެ ގަނޑުވަރެކެވެ. ޑަޔާނާ ވަޑައިގެންވީ ފްރާންސްގެ ޕެރިހުގަ އެވެ. ނަމަވެސް އޭނާގެ ދެ ބޭފުޅުންނަށް ވަރަށް ގިނައިން ގުޅުއްވައި ވާހަކަފުޅު ދައްކަވަ އެވެ.
ޑަޔާނާގެ އެންމެ ފަހުގެ ކޯލަށް އެ ބޭފުޅުންނަށް ކަންތައް ކުރެއްވުނު ގޮތާ މެދު ހެރީ އާއި ވިލިއަމް އަދިވެސް ހިތާމަކުރައްވަ އެވެ. ޑަޔާނާ ގުޅުއްވި އިރު ހެރީ އާއި ވިލިއަމް އުޅުއްވަނީ ދެބެންގެދަރި ބޭފުޅުންނާއެކު ކުޅުމުގައި ވަރަށް ފޯރީގަ އެވެ. އެހެންވެ މަންމާފުޅުގެ ފޯނު ކޯލަށް ގިނަ އިރު ވާހަކަ ދެއްކުން ވެސް އެ ބޭފުޅުންނަށް ވަރަށް އުނދަގޫފުޅުވި އެވެ.
"ހެރީ އާއި އަހަރެން ހުރީ އެ ފޯން ކޯލް ނިންމާނުލެވިގެން ކެތް މަދުވެފައި. އެހެންވެ އަވަހަށް ގުޑް ބައި ކިޔަންވެގެން ސީ ޔޫ ލޭޓާ އޭ ކިޔާފައި ފޯނު ބޭއްވީ. އެއީ މަންމަ އާއި ވާހަކަ ދައްކާލެވޭނެ އެންމެ ފަހު ފުރުސަތުކަން ކުޑަކޮށް ނަމަވެސް އެނގުނު ނަމަ އެ ދުވަހު އެގޮތަށް ކަންތައް ނުކުރީމުސް،" އެ ދެބޭފުޅުންގެ އިންޓަވިއުގައި ވިދާޅުވި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.
ވިލިއަމް ވިދާޅުވި ގޮތުގައި މަންމާފުޅު އެ ދުވަހު ވިދާޅުވި ވާހަކަތައް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް އެއީ ކޮން ވާހަކަފުޅެއް ކަމެއް ވިދާޅެއް ނުވި ދެއްވި އެވެ. ނަމަވެސް ޑަޔާނާ ދެއްކެވި ހުރިހާ ވާހަކައެއް ހެރީގެ ހަނދާނަކު ނެތެވެ.
"މަންމާފުޅު ގުޅުއްވީ ޕެރިހުން ކަން ހަނދާންވޭ. ދެއްކުނީ ކޮން ވާހަކައެއް ކަމެއްވެސް މާ ބޮޑަކަށް ހަނދާނެއް ނެތް. ނަމަވެސް މުޅި އުމުރަށް ވެސް ހަނދާން ހުންނާނެ ކަމެއް ފޯނު ކޯލު މެދުކަނޑާލާފައި ބޭއްވުނުކަން،" ހެރީ ވިދާޅުވި އެވެ.
މިއީ ހެރީ އާއި ވިލިއަމްއާ ދެބޭފުޅުން މިއަދާ ހަމައަށް ވެސް އެންމެ ހިތާމަކުރައްވާ ކަންތަކެވެ. އަދި މަންމާފުޅު އެންމެ ފަހުން ވިދާޅުވާން ބޭނުންފުޅުވީ ކޮން ވާހަކަފުޅުތަކެއްކަން އަޑު ނޭއްސެވުމަކީ ހެރީ އާއި ވިލިއަމްގެ ބޮޑު ހިތާމައެކެވެ.
އެ ބޭފުޅުން ޑަޔާނާ ސިފަ ކުރައްވަނީ ވަރަށް މަޖާ މަންމައެއްގެ ގޮތުގަ އެވެ. އަބަދު ސަމާސާ ވިދާޅުވާ، ދުނިޔޭގެ ހުރިހާ ކަމެއް ވެސް ވަރަށް ސަމާސާ ނަޒަރުން ބައްލަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އެއްވެސް ރަސްމީކަމެއް ނުގެންގުޅުއްވާ، މަޖާކުރަން ލޯބިކުރެއްވި ބޭފުޅެއްގެ ގޮތުގައި ވިލިއަމް އޭނާގެ މަންމާފުޅު ހަނދާން ކުރައްވަ އެވެ. އަދި ސްކޫލުގައި ވެސް މަންމަގެ މަޖާ އަދި ހެއްވާ ކާޑުތައް ލިބިވަޑައިގަތުމުން އެ އެއްޗެހި ޓީޗަރުންނަށް ވެސް ފެނިދާނެތީ ސިއްރުން ބައްލަވާ ކަމަށް ވިލިއަމް ވިދާޅުވި އެވެ.
އެ ބޭފުޅުންގެ ކެންސިންޓަން ޕެލަސްގައި ވިލިއަމަށްޓަކައި ޚާއްސަކޮށް އެއްފަހަރަކު ސުޕަމޮޑެލުން ކަމަށްވާ ސިންޑީ ކްރޯފޯޑް، ކްރިސްޓީ ޓާލިންގްޓަން އަދި ނައޯމީ ކޭމްޕްބެލް އަށް ދައުވަތު ދީގެން ޚާއްސަ ޕާޓީއެއް އެއްފަހަރު ޑަޔާނާ ބޭއްވެވި ހަނދާން ވެސް ވިލިއަމް އާ ކުރެއްވި އެވެ.
"އަހަރެން ލަދުން ގޮސް މޫނު ވެސް ރަތްވި. ބުނާނެ އެއްޗެއް ނޭނގިގެން ހަދާނެ ގޮތް ހުސްވެ ކިރިޔާ ސިޑިން ވެސް ނުވެއްޓުނީ. އަހަރެން ހުރީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގިފައި ޝޮކެއް ޖެހިފައި،" ވިލިއަމް ވިދާޅުވި އެވެ.
"މަންމަ އުޅުއްވީ ހަމަ ކުޑަ ކުއްޖެއްހެން އުޅޭހެން. އަހަރެން އެހެން ބުނީމަ ބައެއް މީހުންނަށް ގަބޫލެއް ވެސް ނުކުރެވޭ. ބުނާނެ ނިކަން މިސާލެއް ދައްކަބަލާށޭ. އެފަދަ ވަގުތެއްގައި ވެސް އަހަރެންގެ ކަންފަތުގައި ހުންނަނީ ހަމައެކަނި މަންމަ ހިނިފުޅުވަޑުވާ އަޑު،" ވިލިއަމްގެ ވާހަކަފުޅަށް ހެރީ ވެސް އެއްބަސްވެ ވަޑައިގެން ވިދާޅުވި އެވެ.
މަންމާފުޅުގެ ހަނދާންތައް އަބަދުގެ އަބަދަށް ދެމެހެއްޓުމަކީ ވިލިއަމް އާއި ހެރީ ކުރައްވަން ގަސްތުކުރައްވާ ކަމެކެވެ. ޚާއްސަކޮށް ވިލިއަމްގެ ދެ ބޭފުޅުން ކަމަށްވާ ޕްރިންސް ޖޯޖް އާއި ޕްރިންސް ޝާލީ އަށް އެހަނދާންތައް ފޯރުކޮށްދޭން އެ ބޭފުޅުން ބޭނުންފުޅުވެ އެވެ. އެހެންވެ އަބަދުވެސް އެ ދެބޭފުޅުންނަށް 'ގްރެނީ ޑަޔާނާ' ވާހަކަފުޅުތައް ވިދާޅުވެ ދެއްވާ ކަމަށް ވިލިއަމް ވިދާޅުވި އެވެ. މަންމާފުޅު ދުނިޔޭގައި ހުންނެވިނަމަ މާމަދަރިން ގެންގުޅުއްވާނީ ކިހިނެއްބާއޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށް ވިލިއަމް ވިދާޅުވި އެވެ.
"މަންމައާ ނުލައި ދިރިއުޅުން ވަރަށް ދަތި. މުޅި އުމުރަށް ވެސް އެކަން އޮންނާނީ އެގޮތަށް. މަންމަ މިހާރުވެސް އަހަރެމެންނާ އެކު ހުރި ނަމައޭ އަހަންނާއި ވިލިއަމް ހިތަށް ނާރާ އެންމެ ދުވަހެއް ވެސް ނުދޭ. މިހާތަނަށް މަންމަ ހުރި ނަމަ މަންމަ ވާނީ ކޮން ކަހަލަ މަންމައަކަށް ބާއޭ، އާންމުންގެ ކުރިމަތީގައި މަންމަ ވާނީ ކޮން ކަހަލަ މީހަކަށް ބާއޭ ވެސް ހިތަށް އަރާ،" ހެރީ ވިދާޅުވި އެވެ.
ޕްރިންސް ހެންރީ އާއި ވިލިއަމަށް އެ ބޭފުޅުންގެ މަންމާފުޅާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުން ފަސޭހަމަ ކަމަކަށް ނުވެ އެވެ. އެހެންވެ މަދު ފަހަރެއްގައި ނޫނީ އެ ވާހަކަފުޅު އާންމުކޮށް ނުދައްކަވަ އެވެ.