ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކުން ފަށައިފި
ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކުން ފަށައިފި

ވޮޝިންޓަން (ޖުލައި 13) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކުން ފަށައިފި އެވެ.

ޓްރަމްޕުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ކެލިފޯނިއާގެ ޑިމޮކްރެޓިކް ކޮންްގްރެސް މެމްބަރު ބްރެޑް ޝާމަން ހުށަހެޅުއްވީ އެމަނިކުފާން އަދުލްއިންސާފަށް ހުރަސް އަޅުއްވާ ކަމުގެ ތުހުމަތުގަ އެވެ. ޝާމަން ތުހުމަގތު ކުރައްވާ ގޮތުގައި ޓްރަމްޕް ގެންދަވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހުއްޓުވަން މަސައްކަތް ކުރައްވަމުންނެވެ. މިސާލެއްގެ ގޮތުން ވަނީ، އެ މައްސަލަ ތަހުގީގު ކުރަމުން ގެންދިޔަ އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ މަގާމުން ދުރުކުރުން ފާހަގަ ކުރައްވައިފަ އެވެ.

އެމެރިކާގެ ހައުސްގައި ޑިމޮކްރެޓިކުންގެ އަޣުލަބިއްޔަތު ނެތް އިރު މިއީ ކުރަން އުނދަގޫ ކަމަކަށްވާއިރު، ސާމަން ވިދާޅުވީ "މިއީ ވަރަށް ދިގު މަގެއްގެ ފުރަތަމަ ފިޔަވަޅު" ކަމަށެވެ.

"ޑޮނަލްޑް ޓްރަމްޕުގެ ދަރިކަލުންގެ ފަރާތުން ދާދި ފަހުން ހާމަވި މައުލޫމާތުން އެނގޭ ގޮތުގައި ޓްރަމްޕުގެ ކެމްޕޭނަށް ރަޝިޔާގެ އެހީ ލިބިފައިވާކަން އެނގޭ،" ޝާމަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ. "ތަހުގީގަށް ހުރަސް އަޅުއްވަން އުޅުއްވާތީ މިހާރު ހީވަނީ ރައީސް ޓްރަމްޕް ކޮންމެވެސް އެއްޗެއް ފޮރުއްވަން އުޅުއްވާހެން. ކޯމޭއާ އެކު ދެކެވުނު ވާހަކަތަކާއި އޭގެ ފަހުން އޭނާ މަގާމުން ދުރުކުރުމަކީ އިންސާފަށް ހުރަސް އެޅުއްވުމަށް ކުރެއްވި ކަންތައް."

ވައިޓްހައުސްގެ ތަރުޖަމާން ސާރާ ހަބަކީ ސެންޑާސް ވިދާޅުވީ މިއީ އެންމެ ނުބައި ގޮތުގައި ކުޅޭ ސިޔާސީ ގޭމެއް ކަމަށެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތާ އެކު ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ކޮންގްރެސް އަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. ޓްރަމްޕުގެ އަމަލުތައް ހުންނަ ގޮތާއި އެމަނިކުފާން ދައްކަވާ ބައެއް ވާހަކަތަކުގެ ސަބަބުން ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރުންގެ ފާޑުކިޔުންތައް ވެސް ދަނީ އަމާޒުވަމުންނެވެ. ނަމަވެސް ޓްރަމްޕް މަގާމުން ދުރުކުރުމަށް ރިޕަބްލިކަން ލީޑަރުން އެއްވެސް ވަރަކަށް ތައްޔާރުވެފައިވާކަމުގެ އިޝާރާތެއް ލިބިފައެއް ނުވެ އެވެ.