"ޕްރެކްޓިހަށް ދަނީ ސުޒޭނަށް އިހުތިރާމްކުރާތީ"
"ޕްރެކްޓިހަށް ދަނީ ސުޒޭނަށް އިހުތިރާމްކުރާތީ"

ވިކްޓަރީ ސްޕޯޓްސް ކްލަބަކީ މީގެ ފަސް އަހަރު ކުރިއާ ހަމަޔަށް ވެސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރެވެ. ގައުމީ ތަށި ދެ ފަހަރު މިލްލުކޮށް އޭގެ އިތުރުން ވެސް ޝަރަފްވެރި އެތައް ކާމިޔާބެއް ހޯދި އެވެ. އެކަމަކު 2012 ވަނަ ކްލަބުގެ ސީނިއާ މެނޭޖްމަންޓުގެ ތެރޭގައި އުފެދުނު މައްސަލަތަކަށް ފަހު ކްލަބް ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. އެކަމަކު މި އަހަރު އެ ކްލަބް ނުކުތީ ބޮޑު ހަރަދެއްކޮށް ކުރީގެ މަގާމަށް އަލުން އަރާށެވެ.

މިއަދަކީ، ވިކްޓަރީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްނުވެ ކިރިޔަ ކިރިޔާ ސަލާމަތްވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ. އެ ޓީމަށް 2013 ވަނަ އަހަރުގެ ދިވެހި ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބި، ރެލިގޭޝަނުގައި ކުޅެ އެ މުބާރާތުގެ ވެސް ފުލަށް ގޮސް ރެލިގޭޓްވުމުގެ މިޔަމަތީގައި އޮއްވާ، ވީބީ އައްޑޫ އެފްސީ ކޮޅަށް ކަކާ ފަހު ސިކުންތުގައި ވައްދާލި ލަނޑާ އެކު ސަލާމަތްވި އެވެ. އެރޭ ވިކްޓަރީގެ ސަޕޯޓަރުން އުފަލުން ރުޔެވެ. ސަލާމަތްވީތީ އެވެ. އިބްރާހިމް ނަޒީމް ހަވާލުވެ މި އަހަރު ކްލަބަށް އަލުން ކުރީގެ މަގާމަށް ގެންދާނެ ކަމުގެ ހުވަފެން ދެއްކުމާ އެކު ސަޕޯޓަރުން ލޮލަށް އަނެއްކާ ވެސް އުފަލުގެ ކަރުނަ ޖަމާވި އެވެ.

"ފަހުގެ ތާރީހެއްގައި ކާމިޔާބެއް ނުހޯދި މިވަނީ. އަޅުގަނޑު މިމަގާމާ ހަވާލުވީ ވަރަށް ފޮނި އުއްމީދުތަކާ އެކު. ކްލަބުގެ އެގްޒެކެޓިވް ބޯޑާއި ސަޕޯޓަރުންނާ ގުޅިގެން ވިކްޓަރީ އަސްލު މަގާމަށް ގެންގޮސްދިނުން އަޅުގަނޑުގެ އަމާޒަކީ. މި ކްލަބުގެ ފުޓްބޯޅަ ޓީމު ވަރުގަދަވުމަކީ ސަޕޯޓަރުން ހިތްހަމަޖެހި، އަދި މިވަގުތު ދުރުގައި ތިއްބެވި ސަޕޯޓަރުން ވެސް އަލުން ކްލަބާ ގުޅޭނެ ކަމެއް،" ނަޒީމް ވިދާޅުވެފައިވެ އެވެ.

އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ޓީމުގެ ސީނިއާ ކުޅުންތެރިއަކު "މިހާރަ"ށް ބުނީ ކްލަބް އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށެވެ.

ނަން ހާމަކުރަން އުޒުރުވެރިވަމުން އެ ކުޅުންތެރިއާ ބުނީ ކްލަބުން މި އަހަރު ބޮޑު ބަޖެޓަކާ އެކު ފެށި ނަމަވެސް ބެކަޕް ޕްލޭނެއް ނެތް ކަމަށާއި ކުޅުންތެރިންނަށް އެޑްވާންސަށް ފައިސާދީ ހުރިހާ ކަމެއް ކުރިއިރު ފަހަށް ވިސްނާފައި ނެތް ކަމަށެވެ. އެގޮތުން ބިދޭސީ ބައެއް ކުޅުންތެރިންނަށް ކުލި ނުދެއްކި އެޕާޓްމަންޓުން ނުކުންނަ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކޯޗު އަލީ ސުޒޭން ނެތް ނަމަ ވިކްޓަރީގެ ނަމެއް ނުވެސް އޮންނާނެ ކަމަށާއި ކުޅުންތެރިން ޕްރެކްޓިހަށް ދަނީ ވެސް ސުޒޭނަށް ކުރާ އިހުތިރާމެއްގެ ސަބަބުން ކަމަށާއި ޓީމު މިހާރު އެއޮތީ ސުޒޭނުގެ ހިތްވަރުން ކަމަށެވެ.

"ވިކްޓަރީގައި މި ފަހަރު އެހެން ކޯޗެއް ހުރި ނަމަ ވިކްޓަރީ ނުވެސް ފެންނާނެ. ޓީމުގެ ސީނިއާ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން އަދި ބޭރު ކުޅުންތެރިން ވެސް ޕްރެކްޓިހަށް އެ ދަނީ ސުޒޭނަށް ކުރާ އިހުތިރާމެއްގެ ސަބަބުން. އޭނާ ވަރަށް ބޮޑަށް މަސައްކަތްކޮށްދޭ ކުޅުންތެރިންނަށް ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖައްސައިދޭން. އޭނާގެ ހިތްވަރުން ޓީމު މިވަރުގައި ވެސް މިއޮތީ،" އެ ކުޅުންތެރިއާ ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީގެ މެނޭޖްމަންޓަށް ހީވީ ގިނަ ފައިސާތަކެއް ލިބުމުން ކްލަބް ހިންގިދާނެކަމަށް ކަމަށާއި އެކަމަކު "ފުޓްބޯޅަ ކްލަބެއް ހިންގޭނީ މެނޭޖްމަންޓް ވަރަށް ރަނގަޅުވެގެންކަން އޭނާ ފާހަގަކުރި އެވެ.

"އެފްއޭއެމާއި ސަރުކާރު މެދުވެރިވެގެން ކުންފުނިތަކުން ވެސް އެބަދޭ ފައިސާ. ރަނގަޅަށް މެނޭޖްކުރެވިއްޖެއްޔާ ވަރަށް ރަނގަޅަށް ހިންގޭނެ. އެކަމަކު އެހެނެއް ނޫން މިވީ،" އޭނާ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި މިދިޔަ ޖޫން 28 ވަނަ ދުވަހު އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސުޒޭން ބުނީ ކުޅުންތެރިންނަށް ހަމަޖައްސަން ޖެހޭ ވަރަށް ގިނަ ކަންކަން އޮތީ ހަމަނުޖެހި ކަމަށާއި މެޗަށް ޓީމު ހަމަވެދާނެކަމާ މެދު ބިރުހީވާ ކަމަށެވެ. އެކަމަކު ފަހުން ސުޒޭން ވަނީ ކަންކަން ހަމަޖެހުމުން އަންނަ ކަމަށް ބުނެފަ އެވެ.

އެ ހާލަތުގައި އޮވެމެ ވިކްޓަރީ ވަނީ އީގަލްސްއާ 0-0 އިން އެއްވަރުކޮށް، ގްރީން ސްޓްރީޓްސް އަތުން 2-1 އިން މޮޅުވެ އަދި ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ވިކްޓަރީގެ އެހެން ކުޅުންތެރިއަކު ވެސް ބުނީ ކުޅުންތެރިން ޕްރެކްޓިހަށް ދަނީ ވެސް ހިތްވަރަށް ކަމަށާއި ހަމަޖައްސައިދޭން ޖެހޭ ކަންކަން ހަމަނުޖެހޭތީ އެއްވެސް މޯޓިވޭޝަނެއް ނެތް ކަމަށެވެ.

"ހަގީގަތުގައި ކޯޗަށްޓަކައި ޕްރެކްޓިހަށް ވެސް މިދަނީ،" ވިކްޓަރީ ކުޅުންތެރިއަކު ބުންޏެވެ.

ވިކްޓަރީ މި ވަގުތު އޮތީ 19 ޕޮއިންޓާ އެކު އެސްޓީއޯ މާލޭ ލީގުގެ ފަސް ވަނައިގަ އެވެ. ގަދަ ހަތަރަކަށް އަރަން އެ ޓީމަށް އަދި ފުރުސަތު އެބޮއޮތެވެ. އެ ޓީމު މާދަމާރޭ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.