ބޮލީވުޑް ފިލްމު ކުޅުމުގެ ހުވަފެން ދުވަހަކުވެސް ނުދެކެން: ސަޖަލް އަލީ
ބޮލީވުޑް ފިލްމު ކުޅުމުގެ ހުވަފެން ދުވަހަކުވެސް ނުދެކެން: ސަޖަލް އަލީ

ޝްރީދޭވީގެ "މޮމް" ގައި ރޭޕްގެ ޝިކާރައަކަށްވީ އަންހެންކުއްޖެއްގެ ބައި ކުޅުނު ޕާކިސްތާނު ބަތަލާ ސަޖަލް އަލީ ބުނި ގޮތުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމަކީ އޭނާ ދުވަހަކުވެސް ހުވަފެނުން ވެސް ދުށްކަމެއް ނޫނެވެ.

"މޮމް"ގައި އޭނާ ކުޅުނު އާރްޔާގެ ރޯލާ ގުޅޭ ގޮތުން ސަޖަލް ބުނީ އެއީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި، ކުޅެން އުނދަގޫވި ރޯލެއް ކަމަށެވެ. އެންމެ އުނދަގޫވީ ޝްރީދޭވީ ކަހަލަ ކުޅަދާނަ އެކްޓަރަކާއެކު މަސައްކަތް ކުރަން ޖެހުމުން ކަމަށް ސަޖަލް ބުންޏެވެ.

ފިލްމުގައި އޭނާ ފެންނަ ފުރަތަމަ މަންޒަރުގައި ކާ މޭޒުދޮށުގައި އިނދެ ޝްރީދޭވީ އަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރާ މަންޒަރަކީ އޭނާ ވަރަށް ބިރުން ހުރެ ކުޅުނު އުނދަގޫ މަންޒަރެއް ކަމަށް ސަަޖަލް ސިފަ ކުރި އެވެ.

ބޮލީވުޑަކީ އޭނާގެ ހުވަފެނެއް ނޫން ނަމަވެސް އެ އިންޑަސްޓްރީގައި މަސައްކަތް ކުރާނެ ފުރުސަތު ލިބިއްޖެ ނަމަ ބައެއް މަންޒަރުތައް ނުކުޅެވޭނެ ކަމަށް ސަޖަލް އަބަދުވެސް ގަބޫލުކުރެ އެވެ. އަދި އޭނާއަށް އެކްޓްކުރެވޭނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމާއި އެފަދަ ފިލްމެއް ނޫނީ އޭނާ ގަބޫލުނުކުރާނެ ވަރަށް ކުރިއްސުރެ ސަޖަލް ވަނީ އަޒުމް ކަނޑައަޅާފަ އެވެ.

ފިލްމުގައި ސަޖަލްގެ ދޮންމަންމަގެ ރޯލު އަދާކުރި ޝްރީދޭވީއަށް ސަޖަލް ވަރަށް ތައުރީފު ކުރި އެވެ. އޭނާ ބުނި ގޮތުގައި ޝްރީދޭވީ އަކީ ވަރަށް ހެޔޮ ރަނގަޅު މީހެކެވެ. މިހާރުވެސް ވަރަށް ގިނައިން ގުޅައި އޭނާގެ މަތިން ވަރަށް ހަނދާންވާ ކަމަށް ޝްރީދޭވީ ބުނާ ކަމަށް ސަޖަލް ބުންޏެވެ.

ސަޖަލް ބުނި ގޮތުގައި ޝްރީދޭވީގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރާ އެކު އޭނާ ތިން ފިލްމެއް ކުޅުމަށް ވަނީ ކޮންޓްރެކްޓް ހަދާފަ އެވެ. ނަމަވެސް މިހާރު ޕާކިސްތާނު އެކްޓަރުންނަށް ބޮލީވުޑްގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތުމާއެކު އެެ ކޮންޓްރެކްޓަށް ކައިރި މުސްތަގްބަލެއްގައި އަމަލު ކުރެވިދާނެ ކަމުގެ ޔަގީންކަމެއް ސަޖަލް އަކަށް ނެތެވެ.

ޖުލައި 7 ވަނަ ދުވަހު ރިލީޒްކޮށްފައިވާ "މޮމް" އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ނުލިބުނު ނަމަވެސް ހަފުތާ ބަންދުގައި ފިލްމަށް ރަނގަޅު ވިޔަފާރިއެއް ކުރެވިފައިވެ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި 20 ކްރޯޑު (ދެ ބިލިއަން) ރުޕީސް މި ފިލްމަށް ވަނީ ލިބިފަ އެވެ.

މިއީ ކުޑަ ބަޖެޓަކުން އުފެއްދި ފިލްމަކަށް ވާތީ ރަނގަޅު ފައިދާއެއް ލިބޭނެކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނެ އެވެ.