މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ހުއްޓުވަން ސުޕްރީމް ކޯޓަށް
މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ހުއްޓުވަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީން ކެނޑުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ މާނަ ކޮށްދޭން ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ހުށަޙަޅައި، ސަރުކާރު ކޯލިޝަންގެ ބައެއް މެންބަރުން ޕާޓީ ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅިފައި ވަނިކޮށް، ޕްރިމިއާ ޗެމްބާސް ލޯ ފާމުން ހުށަހެޅި މައްސަލައިގައި ވަރަށް ގިނަ ނުކުތާތައް ފާހަގަކޮށްފައިވެ އެވެ.

މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް އެކަމާ ގުޅޭ ގޮތުން، ދައުވާ ލިބޭ ހަސްމެއް ނެތި "އެކްސް ޕާޓޭ" އުސޫލުން ހުށަހެޅުއްވި މައްސަލައަކީ ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ކުރާ ދައުވާއެއްކަން ސާފުކޮށް އެނގޭ ކަމަށާއި ދައުވާ ރައްދުވަނީ ގާނޫނު ހަދާ ބާރުގެ މައްޗަށް ކަމަށް ދައުވާގައިވެ އެވެ. އެހެންވެ ގާނޫނު ހެދުމުގެ ބާރުގެ ބާރުތައް ހަނިވާ ގޮތަށް ހުށަހަޅާފައިވާ މި މައްސަލައިގައި ގާނޫނު ހެދުމުގެ ބާރުގެ ބަހެއް ނެތުމަކީ ގާނޫނާ ހިލާފަށް ބަންޑާރަ ނައިބު ކުރައްވާފައިވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

މަޝްހޫރު ގާނޫނީ ވަކީލުން ކަމަށްވާ ޝާހީން ހަމީދާއި މައުމޫން ހަމީދު ހިންގަވާ ލޯ ފާމުން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަންޑާރަ ނައިބު ހުށަހެޅުއްްވި މައްސަލަ ބައްޓަންކޮށްފައި ވަނީ ދައުލަތުގެ އެއް ބާރުގެ ހައްގުތަކާއި ބާރުތަކާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް ކަމަށް ވާއިރު، މައްސަލަ ހުށަހަޅާފައި ވަނީ އެ ބާރު ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހުގެ ބަހެއް އިއްވުމުގެ ހައްގު ގެއްލޭ ގޮތަށެވެ. މިކަން، ދައުވާގައި ބަޔާންކޮށްފައި ވަނީ ނުރަނގަޅު ނިޔަތެއްގައި ބަންޑާރަ ނައިބު ކުރައްވާފައިވާ ކަމެއްގެ ގޮތުގަ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ދެ ހުކުމަކާ ޚިލާފަށް ބަންޑާރަ ނައިބު އަމަލުކުރައްވާފައިވާ ކަމަށާއި އެ ހުކުމްތަކަށް ބަލާއިރު ބަންޑާރަ ނައިބުގެ ހައިސިއްޔަތު ގެއްލި އެ މަގާމު ހުސްވެފައިވާ ކަމަށް ކަނޑައަޅައިދޭން ވެސް ދައުވާގައި ވަނީ އެދިފަ އެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލާގައި ގާނޫނީ ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ދައުވާގައި އެދިފައި ވަނީ އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމާ ގޮތެއް ގޮތެއް ނިންމަވާނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ޕްރިމިއާ ޗެމްބާސް އިން ހުށަހެޅި މި މައްސަލާގައި ސުޕްރީމް ކޯޓުން އަދި ޖަވާބެއް ނުދެ އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ކަނޑައަޅަން ބަންޑާރަ ނައިބު ހުށަހެޅުއްވީ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު ގެއްލުމުން ކަމަށް ބުނެ ސިޔާސީ ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވާއިރު ގާނޫނީ ވަކީލުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.