14 ޖުލައި 2017 - 08:11

މިއަދު ރިލީޒްކުރާ "ޖައްގާ ޖާސޫސް" ފެއިލް ވެއްޖެ ނަމަ ބަދަލު ދޭނެ ކަމަށް ފިލްމުގެ ބަތަލު އަދި އެއް ޕްރޮޑިއުސަރު ރަންބީރު ކަޕޫރު ބުނެފި އެވެ.

ކުރީގެ ލޯބިވެރިޔާ ކެޓުރީނާ ކައިފާ އެކު ރަންބީރު ކުޅެފައިވާ މި ފިލްމަކީ ނުނިމި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ބޮޑުބައެއް އަލުން ޝޫޓްކުރަން ވެސް ޖެހިފައިވާ ފިލްމެކެވެ.
ސަލްމާން ޚާންގެ "ޓިއުބުލައިޓް" ފެއިލްވުމުން ޑިސްޓްރިބިއުޓަރުންނަށް ގެއްލުމުގެ ބަދަލު ދީފައި ވާތީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން މިކަމާ ބެހޭ ގޮތުން ރަންބީރާ ސުވާލުކުރި އެވެ. ރަންބީރު ބުނީ އެއީ އޭނާގެ ކާފަ ރާޖް ކަޕޫރުގެ ޒަމާނުގައި (1950 ގެ އަހަރު ތަކުގައި) ވެސް ކާފަ ކުރަމުންދިޔަ ކަމެއް ކަމަށެވެ.
ފިލްމު އުފެއްދުމުގެ ސްޓައިލް އޮންނަ ގޮތުން ފިލްމުން ފައިދާ ލިބެނީ ހަމައެކަނި ޕްރޮޑިއުސަރަށް ނޫންކަމަށާއި އެގްޒިބިޓަރުންނާއި ޑިސްޓްރިބިއުޓަރުންނަށް ވެސް ފައިދާ ވާ ކަމަށް ރަންބީރު ބުންޏެވެ. ނަމަވެސް ކޮންމެވެސް ކަމެއް ދިމާވެގެން އެކަކަށް ފައިދާ ވެފައި އަނެކަކަށް ގެއްލުން ވުމުން ގެއްލުންވީ މީހާއަށް ފައިދާވީ މީހާގެ ބައެއް ދީގެން ގެއްލުން ކުޑަކުރުން ފަދަ ކަންތައްތަކަކީ އޭނާގެ ކާފަ މާ ކުރިއްސުރެ ކުރަމުން އައި ކަމެއް ކަމަށް ރަންބީރު ބުންޏެވެ. ނަމަވެސް އެކަމުގައި އެކި މީހުންގެ ޚިޔާލު ތަފާތުވާނެކަމަށާއި އެހެންވެ އެކި މީހުން ގެންގުޅޭނީ އެކި އުސޫލުތައް ކަމަށް ވެސް ރަންބީރު ބުންޏެވެ.
"ކާފަގެ "މޭރާ ނާމް ޖޯކަރް" ނާކާމިޔާބުވެ ޑިސްޓްރިބިއުޓަރުންނަށް ގެއްލުންވި. ނަމަވެސް "ބޮބީ" އިން ލިބުނު ބޮޑު ފައިދާއިން ޑިސްޓްރިބިއުޓަރުންނަށް ބޮޑު ބައެއް ކާފަ ދީގެން ކުރީގެ ފިލްމުން ލިބުނު ގެއްލުން ކުޑަކޮށްދިން. އަހަރެންނަށް ވެސް ފިލްމުން ފައިދާވެ ޑިސްޓްރިބިއުޓަރުންނަށް ގެއްލުންވާ ގޮތް ވެއްޖެ ނަމަ ލިބުނު ފައިދާއަކުން އެމީހުންނަށް އެހީތެރިވެދޭނަން،" ރަންބީރު ބުންޏެވެ.
"ޖައްގާ ޖާސޫސް" އަކީ އަނުރާގް ބާސޫ ޑައިރެކްޓްކޮށް ޑިޒްނީ އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި ރަންބީރު އާއި ޑައިރެކްޓަރު އަނުރާގް ވެސް ފިލްމު ޕްރޮޑިއުސްކުރުމުގައި ބައިވެރިވެ އެވެ.