14 ޖުލައި 2017 - 08:07

ރަންވީރު ސިންގު މިހާރު ކުޅެމުން އަންނަ، ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ގައި އޭނާގެ ކެރެކްޓާކަމަށްވާ އަލާއުއްދީން ޚިލްޖީ ބޮޑު ތުނބުޅި ހުންނަ މަންޒަރުތައް ކުޅެ ނިމުމާއެކު ދެން އޮތީ އެ ކެރެކްޓާގެ ވަރަށް ޅަ އިރުގެ މަންޒަރުތަކެއް ކުޅުމެވެ. އެހެންވެ ރަންވީރަށް ޖެހިފައިވަނީ އޭނާގެ ބޮޑު ތުނބުޅި ވަރަށް ބޮޑަށް ތުނިކޮށްލާށެވެ.
ބުދަ ދުވަހު އޭނާ ވަނީ ތުނބުޅި ކޮށި މަންޒަރު އިންސްޓަގްރާމުން ލައިވް ކޮށްފަ އެވެ. ފަހުން އޭނާ ބުނި ގޮތުގައި ތުނބުޅި ކޮށަން ޖެހުމުން ވަރަށް ދެރަވި އެވެ.
މިހާރު ތުނބުޅި ބެހެއްޓުމަކީ ވެސް ގިނަ ބަޔަކަށް ފެޝަނަކަށް ވެފައި ވާއިރު އަދި ރަންވީރު ބޮޑު ތުނބުޅި ބަހައްޓައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ތުނބުޅި ބޭލުމަކީ އޭނާއަށް ވަރަށް ހިތްދަތިކަން ލިބޭނެ ކަމެއް ކަމަށް ގިނަ ބަަޔަކު ގަބޫލު ކުރެ އެވެ.
"ޕަދްމާވަތީ"ގެ ކެރެކްޓާއާ ބެހޭ ގޮތުން ވާހަަކަ ދައްކަމުން ރަންވީރު ކުރިން ދިން އިންޓަވިއުއެއްގައި ބުނީ އެއީ ވަރަށް އާދަޔާޚިލާފު މީހެއް ކަމަށެވެ. އޭނާއަށް އިންސާނެކޭ ކިޔުމަށް ވުރެ ހައިވާނެކޭ ކިޔުން މާ ރަނގަޅު ވާނެ ކަމަށާއި އޭނާ ފިލްމުގައި ކުރަނީ އެހާ ނުލަފާ ކަންތައްތައް ކަމަށް ވެސް ރަންވީރު ބުންޏެވެ. އަދި އެއީ އެއްވެސް ކަހަލަ އޯގާތެރިކަމެއް ނެތް ވަރަށް ހަރުކަށި މީހެއް ކަމަށް ރަންވީރު ސިފަ ކޮށްފައިވެ އެވެ.