14 ޖުލައި 2017 - 08:08

އަނިލް ކަޕޫރު މިހާރު ތައްޔާރުވަނީ އޭނާ މިހާރު ކުޅެމުން އަންނަ "މުބާރަކަން" ރިލީޒްކުރުމަށެވެ. އަނިލް ބުނި ގޮތުގައި ފިލްމަށް ވެޑިން ތީމެއް ޚިޔާރުކުރީ އޭނާގެ އާއިލާއިން އެންމެ ފުރަތަމަ ކައިވެނި ކުރާ މީހަކަށް އޭނާއަށް ބޮޑުބޭބެ ކިޔާ އަދި މި ފިލްމުގައި ޑަބަލް ރޯލު ކުޅޭ އަރްޖުން ކަޕޫރު ހަދަން ބޭނުންވާތީ އެވެ. އަނިލް ބޭނުންވަނީ އަރްޖުން ވީހާވެސް އަވަހަކަށް ކައިވެނިކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.
ޒީ ޓީވީގެ ލަވަ ރިއަލިޓީ ޝޯ "ސާރޭގާމާޕާ ލިލް ޗޭމްޕްސް"ގައި ބައިވެރިވެ ވާހަކަ ދައްކަމުން އަނިލް ބުނީ އަރްޖުން ކައިވެނި ކުރަން ތައްޔާރު ނޫނަސް އެކަމަށް އެއްބަސް ކުރުވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
އަނިލްއާ އެކު އަރްޖުން ވެސް މި ޝޯގައި ބައިވެރިވެ އޭނާ ދެއްކި ވާހަކަތައް އަޑުއަހަން އިނެވެ. އެހެންވެ އަނިލްގެ ވާހަކަ ނިންމާލިއިރަށް އަރްޖުން ވާހަކަ ދައްކަން ފެށި އެވެ. އަދި އަނިލް ބުނި ގޮތަށް ޔަގީނުން ވެސް ދެން އެންމެ އަވަހަށް ބާއްވަން ޖެހޭނީ އޭނާގެ ކައިވެނި ކަމަށް އަރްޖުން ބުންޏެވެ. އެކަމަކު ޖަވާބު ތަފްސީލުކުރަމުން ދެއްކީ ފިލްމުގެ ވާހަކަ އެވެ.
"ޔަގީނެއްނު. ޖުލައި 28 ގައި މަގޭ ކައިވެނީގެ ދުވަސް. އެ ދުވަހު ސިނަމާ ހޯލްތަކަށް ގޮސް އެންމެންވެސް މަގޭ ކައިވެނި ބަލައިލެވޭނެ، އަނެއްކާ މިއީ ދެ ފަހަރަށް މުޅިން ތަފާތު ދެ އަންހެންކުއްޖަކާ އެކު ކުރާ ކައިވެންޏެއް. އެހެންވެ ސިނަމާއަށް ގޮސް އެންމެންވެސް ބަލާލާ ކާކާ ކާކާތޯ ކައިވެނި ކުރަނީ،" އަރްޖުން ބުންޏެވެ.
"މުބާރަކަން" އަކީ އަރްޖުން އާއި ބޮޑުބޭބެ އަނިލް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.
އަނީސް ބަޒްމީ ޑައިރެކްޓްކޮށް މި މަހު 28 ވަނަ ދުވަހު ރިލީޒްކުރާ "މުބާރަކަން" އަކީ އާއިލީ ފިލްމެއް ކަމަށް އަނިލް ބުންޏެވެ. އަރްޖުން އާއި އިލެއިނާ ޑިކްރޫޒް އަދި އަތިޔާ ޝެޓީ މުހިއްމު ބައިތައް ކުޅެފައިވާ މި ފިލްމު ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަމުދާނެ ކަމަށް އަނިލް ބުންޏެވެ.