13 ޖުލައި 2017 - 00:49

ސަރުކާރުގެ މެޖޯރިޓީ ނެތް ރައްޔިތުންގެ މަޖިލިހަކާ އެކު މަސައްކަތްޕުޅު ކުރައްވަން ރައީސް އަބްދުﷲ ޔާމީން ދަސްފުޅުކުރައްވަން ޖެހޭ ކަމަށް، މީދޫ ދާއިރާގެ ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕާޓީން ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ މާނަކޮށްދޭން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް، ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށް، މިހާރު މަޖިލިހުގެ މެޖޯރިޓީ އޮތް އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް އޮންނަން ނުޖެހޭ ކަމަށެވެ.
"އެމަނިކުފާނު ވެސް އެބަ ދަސްކުރަން ޖެހޭ ރިޔާސީ ނިޒާމެއްގެ ތެރޭގައި އޮޕޮޒިޝަން ޕާޓީގެ މެޖޯރިޓީ އޮންނަ މަޖިލިހަކާ އެކު ވެސް މަސައްކަތްކުރަން،" ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީން ވަކިކޮށްފައިވާ ރީކޯމޫސާ މަނިކު، ޕީޕީއެމަށް ސޮއިކުރައްވަން ރޭ ބޭއްވި ހަފުލާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ތަހުގީގެއް ހިންގަން ޖެހޭވަރުގެ ވާހަކަފުޅުތަކެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިޕެއްގެ ދަށުން މަސައްކަތްކުރަން މަޖުބޫރުކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ވެއްޖެ ނަމަ، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވެސް ނުކުރެވޭނެ ކަމަށެވެ.
"އެހެންވެ އެއްގޮތަކަށް ވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ބަގާވާތެއްގެ ގޮތުގައި ސިފަކުރެވިގެން ނުވާނެ،" އިދިކޮޅު ފަރާތްތަކުން ގެންނަން އުޅެނީ ބަގާވާތެއް ކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދައްކަވާ ވާހަކަތަކަށް ރޮޒައިނާ ރައްދުދެއްވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ގާނޫނުއަސާސީން ވަރަށް ސާފުކޮށް މެމްބަރުންނަށް ލިބިދީފައިވާ ބާރުތަކެއްގެ ތެރެއިން ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާއި ރައީސުލްޖުމްހޫރިއްޔާ އިމްޕީޗްކުރުމަކީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހަށް ދީފައިވާ ބާރުތަކެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެހެންކަމުން އެ ބާރުތައް ބޭނުންކުރުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަގާބާތެއް ކުރަން އުޅުން ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ޕީޕީއެމުން 10 މެމްބަރަކު ސޮއިކުރެއްވުމުން، އިދިކޮޅު ފަރާތްތަކުން ނުފޫޒު ފޯރުވަން އުޅޭ ކަމަށް ސަރުކާރުން ބުނާ ވާހަކަ އަށް ވެސް ރައްދު ދެއްވި އެވެ.
ރޮޒައިނާ ވިދާޅުވީ އެފަދަ ނުފޫޒެއް ފޯރުވަން ސަރުކާރުން މަސައްކަތްކުރާ މަންޒަރު ފެންނަ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ ކުރިން 15 މެމްބަރުންގެ ސޮޔާ އެކު، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭ ގޮތަށް އޮއްވާ، 45 މެމްބަރުންގެ ސޮއި ބޭނުންވާ ގޮތަށް ހަމަޖެއްސުމެވެ.
"ފަނަރަ މެމްބަރުން ސޮއިކުރީމާ ވޯޓަކަށް ނުދާހާ ހިނދަކު މެޖޯރިޓީ ދެކޭ ގޮތެއް ނުއެއް ފެނޭ. އެހެންނަމަވެސް މިހާރު ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން 45 މެމްބަރުން ސޮއިކުރީމާ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މި އޮތީ މަސީހު އެ މަގާމުގައި އިންނަން ނުފެންނަ ކަމަށް ނިންމައި، އިގުރާރުވެ، ސޮއިކޮށްފައިކަން ސާފުވޭ،" ރޮޒައިނާ ވިދާޅުވި އެވެ.
މެޖޯރިޓީ މެމްބަރުންގެ ވިސްނުން އެހެން ހުރި އިރު، އޭނާ ވިދާޅުވީ، އަދިވެސް މަސީހު ކުރައްވާ ކަމަކީ މަޖިލިހުގެ ޖަލްސާތައް ނުބާއްވަވާ، އެމަނިކުފާނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އުޅުއްވުން ކަމަށެވެ. މިސާލެއްގެ ގޮތުން ނެންގެވީ އިއްޔެ ރޭ ކުއްލިއަކަށް ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމެވެ.
"އެމަނިކުފާނުގެ މަގާމު ދިފާއުކުރެއްވުމަށްޓަކައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ބަަދަލުކުރަން ވޯޓު ދެއްވައިގެން، ރައްޔިތުންގެ މަޖިލިހުގެ އެތައް މެމްބަރެއްގެ މައްސަލަތަކުގައި ނުފޫޒު ފޯރުވިދާނެ ފަދަ އަމަލްފުޅުތަކެއް ހިންގަވަމުން ގެންދަވާ ތަން [މި ފެންނަނީ]،" ރޮޒައިނާ ވިދާޅުވި އެވެ.
"އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންނެއް ނޫން ކޯޓުތަކަށް ނުފޫޒު ފޯރުވާކަށް، އަދި އެހެން ތާކަށް ނުފޫޒު ފޯރުވާކަށް ވެސް މަސައްކަތް މިކުރަނީ."
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ރޮޒައިނާ އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކާ ހަމައަށް ދާން ޖެހުނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނުދެއްވުމުންނެވެ. އެހެންކަމުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މަޖިލިހުގެ ޒިންމާ އަދާކުރުމުގެ ގޮތުން ފެށި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.