13 ޖުލައި 2017 - 06:18

ކޭއެފްސީގެ ކާނާއަށް ލޯބި ޖެހިފައި ތިބި މީހުންނަށް މިއީ ރަނގަޅު އެއްޗަކަށް ވާނެ އެވެ. ކައި ނުލެވޭ އެއްޗަކަށް ވިޔަސް، މިވެސް ހަމަ އަންނާނީ ކަސްޓަމަރުންގެ އިނގިލިތަކާ ހަމައަށެވެ.
ތިރީސް ވަނަ އަހަރީ ދުވަހާ ދިމާކޮށް ކޭއެފްސީން މިހާރު މި ވަނީ ޗައިނާގައި ސްމާޓްފޯންގެ ލިމިޓެޑް އެޑިޝަނެއް ބާޒާރަށް ނެރެން ނިންމައިފަ އެވެ. މި ފޯން މާކެޓަށް ނެރެނީ ޓެކް ކުންފުނި ވާވޭއާ ގުޅިގެންނެވެ.
ފޯނަށް ދީފައިވާ ނަމަކީ ކޭއެފްސީ ވާވޭ 7 ޕްލަސް އެވެ. ރަތް ކުލައިގެ ފޯން ފަރުމާކޮށްފައި ވަނީ އޭގެ ފަހަތުގައި ކޭއެފްސީގެ ލޯގޯ އާއި އަހަރު ވެސް ޖަހައިފަ އެވެ. އެމެރިކާގެ ފާސްޓްފުޑް ޗެއިން ކޭއެފްސީ ޗައިނާ އަށް ތައާރަފުވީ 1978 ގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޭއެފްސީ ސްމާޓްފޯން ވިއްކަން ހަމަޖެހިފައި ވަނީ 1،099 ޔުއާންއަށެވެ. އެއީ 162 ޑޮލަރެވެ. މި ފޯނަށް ހާއްސަ އެޕެއް ވެސް ކޭ-މިއުޒިކްގެ ނަމުގައި ވަނީ ތައާރަފުކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ މާކެޓަށް ނެރެން ނިންމާފައި ވަނީ ކޭއެފްސީގެ 5،000 ފޯނެވެ. އަދި މި ފޯން އެމެރިކާގެ މާކެޓަށް ނެރެނޭތޯ އޮތީ ސުވާލެއްގެ ތެރޭގަ އެވެ.