ނޫހުގެފާނުގެ ނާކޮޅުގެ ނަމޫނާއެއް އެމެރިކާގައި ތައްޔާރު ކުރަނީ
ނޫހުގެފާނުގެ ނާކޮޅުގެ ނަމޫނާއެއް އެމެރިކާގައި ތައްޔާރު ކުރަނީ

ކެންޓަކީ (ޖޫން 24) - ނޫހު ޢަލައިހިއްސަލާމުގެ ނާކޮޅުގެ ނަމޫނާއެއް އެމެރިކާގެ ކެންޓަކީގެ އުތުރުގައި ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެމެރިކާގައި ތައްޔާރުކުރާ ނައުގެ ދިގު މިނުގައި 510 ފޫޓު ހުރެ އެވެ. މިއީ ދެ ފުޓުބޯޅަ ދަނޑަށް ވުރެ ބޮޑު ނަވެކެވެ. ފުޅާމިން 85 ފޫޓެވެ. ނައުގައި އަށް ފަންގިފިލާ ހުރެ އެވެ.

ނޫހުގެފާނުގެ ނާކޮޅުގެ ނަމޫނާއެއް އެމެރިކާގައި ތައްޔާރު ކުރަނީ
ނޫހުގެފާނުގެ ނާކޮޅުގެ ނަމޫނާއެއް އެމެރިކާގައި ތައްޔާރު ކުރަނީ

"މިއީ ދުނިޔޭގައި ތައްޔާރު ކުރެވޭ ލަކުޑީގެ އެންމެ ބޮޑު ސްޓްރަކްޗާ،" އެމެރިކާގައި ތައްޔާރުކުރާ ނައުގެ ފައުންޑާ ކެން ހެމް ވިދާޅުވި އެވެ. މި ނައުގެ އެންމެ މަތީ ފަންގިލާގައި މަތީ ފެންވަރުގެ ރެސްޓޯރެންޓެއް ވެސް ވަނީ ހަދައިފަ އެވެ.

ނޫހުގެ ފާނުގެ ނާކޮޅުގެ ނަމޫނާއެއް ތައްޔާރު ކުރަނީ 800 އޭކަރުގެ ބޮޑު ތީމް ޕާކުގެ ބައެއްގެ ގޮތުގަ އެވެ. މި ޕާކުގައި ހައިވާނު ބަގީޗާއަކާއި ޖަމަލު ދުއްވުމާއި ރެސްޓޯރެންޓްތައް ވެސް ހުރެ އެވެ.

ކެންޓަކީ ސްޓޭޓުން ވެސް އުއްމީދުކުރަނީ ނޫހުގެފާނުގެ ނާކޮޅުގެ ނަމޫނާ ވެގެން ދާނީ އެތައް މިލިއަން ޓޫރިސްޓުންނެއް ޝައުގުވެރިވާނެ އުޅަނދަކަށް ކަމަށާއި އެހެންވެ އެތައް މިލިއަން ޑޮލަރެއް އެ ސްޓޭޓަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަދި ސްޓޭޓުގައި ގިނަ ވަޒީފާތަކެއް އުފެދޭނެތީ ސްޓޭޓުން ވަނީ ނާ ބަންނަ ފަރާތްތަކަށް ޓެކްސްގެ ލުއިތަކެއްދީ އަދި ހިލޭ ބިން ވެސް ފޯރުކޮށްދީފަ އެވެ.

ނާ ބަލަން މީހުންނަށް ޓިކެޓް ވިއްކަން ނިންމާފައި ވަނީ ބޮޑު މީހަކަށް 40 ޑޮލަރަށެވެ. ހެމް އުއްމީދު ކުރަނީ މި ޕާކަށް އަހަރަކު ދެ މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށެވެ.