13 ޖުލައި 2017 - 06:13

ފިލްމީ ދާއިރާގެ ޒުވާންގެ އެކްޓަރުންގެ ތެރެއިން އަލީ އާޒިމް (ދޮންއައްޔަ) އަކީ މިހާރު ވަރަށް ބިޒީ ތަރިއެކެވެ. އަހަރު ފެށީ ވެސް އޭނާ މުހިއްމު ރޯލެއް ކުޅުނު "މަލިކާ" އިންނެވެ.

ކުރިއަށް މިއޮތް ތިން މަހަށް ބަލާ އިރު ކޮންމެ މަހެއްގައި އައްޔަ ވަރަށް ހާއްސަ ރޯލެއް ކުޅެފައިވާ ފިލްމެއް ސިނަމާ އަށް އަންނާނެ އެވެ.

އެއީ އަންނަ މަހުގެ ދޭއްގައި ރިލީޒް ކުރާ "ނޯޓީ 40" އާއި ސެޕްޓެމްބަރު ހައެއްގައި ރިލީޒް ކުރާ "ހައްދު" ގެ އިތުރުން އޮކްޓޯބަރު 24 ގައި ރިލީޒް ކުރާ "ބޮސް" އެވެ.
އައްޔަ ބުނީ މި އަހަރަކީ ވަރަށް ބިޒީ އަހަރެއް ކަމަށާއި ރަނގަޅު ޑައިރެކްޓަރުންނާ އެކީގައި މަސައްކަތްލަން ލިބުމުން ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.
"އަސްލު މި އަހަރަކީ އައްޔަ އަށް ވަރަށް އެގްޒައިޓިން އަހަރެއް. ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ އަހަރެއް،" ރޯދަ މަހު ވީޓީވީން ދެއްކި ޑްރާމާ ސިލްސިލާ "އިމްޝާ" ގެ ބަތަލު ބުންޏެވެ.
އައްޔަ ބުނީ ރިލީޒް ވާން އޮތް ތިމް ފިލްމުގެ ތެރެއިން އަބްދުލް ފައްތާހް ޑައިރެކްޓް ކުރާ "ހައްދު" އަކީ މިހާތަނަށް ފިލްމަކުން އޭނާ ފެންނާނެ އެންމެ ތަފާތު ރޯލް ކަމަށެވެ. އެ ފިލްމުގެ ބައެއް ފޮޓޯތައް އާންމުކޮށްލި އިރު ވެސް، އައްޔަ ފެންނަނީ ވަރަށް ތަފާތު ލުކެއްގަ އެވެ. އޭނާ ހުންނަނީ ޖުއްބާ ލައި، ބޮލުގައި ފަގުޑި އަޅައިފަ އެވެ.
އެހެންވެ އެއީ އަސްލު ކެރެކްޓާއެއްތޯ އައްޔަ ކައިރިން އަހަލަމާ ހިނގާށެވެ.
"ކުރިން އެއްވެސް އެއްޗެއްގައި ނުކޫޅޭ ކަހަލަ ވަރަށް ސީރިއަސް ކެރެކްޓާއަކުން ހައްދުގައި ފެންނާނީ. އެހެން ގޮތަކަށް ބުނަންޏާ ވަރަށް ދީންވެރިކޮށް އުޅޭ މީހެއް ގޮތަށް ފެންނާނީ،" އައްޔަގެ ޝޫޓިން އާއި ޑަބިން ވެސް ނިމިފައިވާ "ހައްދު" އާ ބެހޭ ގޮތުން ބުންޏެވެ.
އޭނާ ބުނީ މުޅިން ތަފާތު ރޯލެއް ކުޅެން ފައްތާހު ފުރުސަތު ދިނީތީ އެކަމަށް ޝުކުރި ވެސް ވާ ކަމަށެވެ.
"އައްޔަ އަށް ޓްރަސްޓްކޮށްފައި އެ ރޯލް އައްޔަ އަށް ދިނީތީ ފައްތާހަށް ހަމަ ވަރަށް ތޭންކްސްއޭ ބުނެލަން ބޭނުން ވަނީ،" 2014 ގައި ރިލީޒް ކުރި ފައްތާހުގެ "އާދޭސް" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު އައްޔަ ބުންޏެވެ.
އޭނާ ބުނީ "ހައްދު" ގައި ކުޅުނު ކެރެކްޓާ އަށް ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށެވެ. އަދި ފައްތާހު އެންމެ ބޭނުންވި ގޮތަށް އެ ރޯލް އަދާކޮށްފައި ވާނެ ކަމަށް ބުންޏެވެ.
"ފައްތާހު އަބަދު ވެސް ވަރަށް ބޮޑަށް ސީންތައް، ކެރެކްޓާ ކިޔައި ދޭނެ. އެހެންވީމަ އޭނައާ އެއްކޮށް ވޯކްކޮށްލަން ވަރަށް ފަސޭހަ،" އެންމެ ފަހު ވިންދާ ޖެހެންދެން ފަދަ ފިލްމްތައް ކުޅެފައިވާ އުންމީދީ އެކްޓަރު ބުންޏެވެ. "ހަމަ ޔަގީނުން ވެސް އައްޔަގެ މެކްސިމަމް ދީފައި ހުންނާނެ."
އޭނާ ބެލުންތެރިންނަށް ދޭން އޮތް ޔަގީން ކަމަކީ "ހައްދު" ގެ ކެރެކްޓާ ވަރަށް ސަޕްރައިޒިން ވާނެ ކަމެވެ. އެހެންވެ މިއީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ކެރެކްޓާއަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
"ވަރަށް ހީނުކުރާ ކަހަލަ ސީންތަކެއް ފިލްމުން ފެނިގެން ދާނެ. އައްޔަގެ ރޯލް ޕާފެޓްވެގެން އަންނާނީ ފިލްމުގައި ދެން އުޅޭ ތަރިންގެ ޕަފޯމަންސާ ވެސް އެކު. މި ފިލްމުން ކޮންމެ ކެރެކްޓާއަކީ ވަރަށް މޮޅަށް އެކްޓިން ދައްކުވައި ދީފައިވާ ޝައުވެރި ކެރެކްޓާތަކަކަށް ވާނެ." އައްޔަ ބުންޏެވެ.
ފައްތާހު ވެސް ދޭ ޔަގީން ކަމަކީ އައްޔަގެ ރޯލުން ބެލުންތެރިން ހައިރާންވެ، އަންތަރީސްކޮށްލާނެ ކަމެވެ.
"އައްޔަގެ ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މިހިރީ. ވަރަށް ހީނުކުރާ ކަހަލަ ރޯލެއް އޭނަ ކުޅެފައި އިންނާނީ،" ތަފުސީލަކަށް ނުގޮސް، ފައްތާހު ބުންޏެވެ.
"ހައްދު" އަކީ ޔަގީނުން ވެސް މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ރެކޯޑްބްރޭކިން މޫވީއެއްގެ ގޮތުގައި ފައްތާހު މި ޕްރޮމޯޓް ކުރާތީ އެއީ ވެސް، ފިލްމަށް ޝައުގުވެރިކަން ހުއްޓޭ ކަމެކެވެ.
ފިލްމް ރީތިވެފައި، މޮޅު ވާނެ ކަމުގެ ސަތޭކަ ޕަސަންޓް ޔަގީންކަން ފައްތާހު ދޭތީ، މީގައި ކޮށްފައި ހުރި މަސައްކަތްތައް އެހެން ދިވެހި ފިލްމްތަކާ ތަފާތު ވާނެ ކަމަށް އުންމީދު ކުރެ އެވެ.
އެކަމަކު އެކަން ޔަގީން ވާނީ ސެޕްޓެމްބަރު 6 ގަ އެވެ.