އެއް ޓްރިލިއަން ޓަނުގެ އައިސްގަނޑެއް އެންޓާކްޓިކާ އިން ވަކިވެއްޖެ
އެއް ޓްރިލިއަން ޓަނުގެ އައިސްގަނޑެއް އެންޓާކްޓިކާ އިން ވަކިވެއްޖެ

އެންޓާކްޓިކް (ޖުލައި 11) އެއް ޓްރިލިއަން ޓަނުގެ ބޮޑު އައިސްގަނޑެއް އެންޓާކްޓިކާ އިން ވަކިވެއްޖެ އެވެ.

މިއީ ތާރީޚުގައި ވެސް ވަކިވި އެންމެ ބޮޑެތި އައިސްގަނޑުގެ ތެރޭގައި ހިމެނޭ އައިސްގަނޑެކެވެ. އަދި މިއީ ލަންޑަނުގެ ސައިޒަށް ވުރެ ހަތަރު ގުނަ ބޮޑު އައިސްގަނޑެވެ. އެ އައިސްގަނޑުން ގާތްގަނޑަކަށް 6،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ކަވަރު ކުރެވޭނެ އެވެ.

އެ އައިސްގަނޑު ސައެންސްވެރިން މޮނިޓާ ކުރަމުން ގެންދާތާ ދިހަ ވަރަކަށް އަހަރުވެއްޖެ އެވެ. އޮޔާއި ވައި ހުރި ގޮތަށް ބަލާއިރު 350 މީޓަރު (1،100 ފޫޓު)ގެ ބޯ އައިސްގަނޑު އެންޓާކްޓިކުގެ އުތުރަށް ޖެހޭނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ އޭގެ ސަބަބުން އާގު ބޯޓު ފަހަރަށް ނުރައްކާވެދާނެ އެވެ.

ސައެންސްވެރިންގެ ޓީމަކުން ބުނީ ވިކިވި ގަނޑުފެންފަނޑުގައި ޓްރިލިއަން ޓަނު ހުންނާނެ ކަމަށެވެ. އަދި އެންޓާކްޓިކާ އިން ގަނޑުފެންގަނޑު ވަކިވުމުގެ ކުރިން ވެސް އެ އައިސްގަނޑު ފްލޯޓް ކުރަމުން ދިއުމާ އެކު އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރެއް ނެތް ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.

ދުނިޔޭގެ ދެ ޕޯލުން އައިސްގަނޑުތައް ނެއްޓުމަކީ އާއްމު ކަމެކެވެ. ނަމަވެސް ގުދުރަތީ ގޮތުން ހިނގާ މިކަންތައް ހަލުވިވެފައި ވަނީ ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ކަމަށް ސައެންސްވެރިން ބުނެ އެވެ. އެންޓާކްޓިކާ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ހޫނުވަމުން އަންނަ އެއް ސަރަހައްދެވެ.