12 ޖުލައި 2017 - 16:11

ބްލޮގާ ޔާމީން ރަޝީދު މަރާލުމުގެ ކުރިން، ފުލުހުން އިހުމާލުވި ކަމަށް ބުނެ އޭނާގެ އާއިލާ އިން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އާންމުކޮށް، ހުޅުވާލައިގެން ކުރިއަށް ގެެންދަން ސިވިލް ކޯޓުން ނިންމައިފި އެވެ.
ޔާމީންގެ އާއިލާ އިން ފުލުހުންނާ ދެކޮޅަށް ދައުވާކުރަނީ އޭނާ ދިރިއުޅުނު ގޭގެ ތެރޭގައި ޔާމީން މަރާލުމުގެ ކުރިން، އޭނާ އަށް އެކި ގޮތުން ގޮތުން އިންޒާރު ދިން މައްސަލަ ހުށަހެޅުމުން ވެސް ފުލުހުން އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެވެ.
ޔާމީންގެ އާއިލާގެ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން އެދުނީ އަޑުއެހުންތައް ސިއްރުކޮށް، ބަޔާންތައް ވެސް ސިއްރު ކުރުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ދައްކަނީ މިހާރު ހިނގަމުން އަންނަ ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭޭނެ ކަމަށް ބުނެ އެ ސަބަބު ކަމަށް ސުއޫދު ވިދާޅުވި އެވެ.
އެކަމަކު ޔާމީންގެ އާއިލާގެ ވަކީލުން އެކަމަށް ދެކޮޅު ހެދި ކަމަށާއި ކޯޓުން ނިންމީ އަޑުއެހުންތައް ހުޅުވާލަައިގެން ގެންދިއުމަށާއި ބަޔާންތައް ވެސް ސިއްރު ނުކުރަން ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވިން މި މައްސަލަ އަކީ 2010 ވަނަ އަހަރުން ފެށިގެން ޔާމީނަށް އެކި ފަހަރު އިންޒާރުތައް ލިބުމުން ވެސް އެކަމަށް ފުލުހުން ފިޔަވަޅު އަޅާފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެކޭ. މިއީ މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަނާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށް ދެންނެވިން،" މިދިޔަ މޭ މަހު މަރާލި ޔާމީންގެ ވަކީލު ސުއޫދު ވިދާޅުވި އެވެ.
ޔާމީންގެ މަރުގެ ތަހުގީގު ފުލުހުުން ކުރިއަށް ގެންދާއިރު އެ މައްސަލާގައި ތިން މީހެއްގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ތިން މީހުންނަކީ ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.