12 ޖުލައި 2017 - 15:00

ވޮޝިންޓަން (ޖުލައި 12) - ޓްވިޓާ އިން ބްލޮކް ކުރި ހަތް މީހަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.
ރައީސް ޓްރަމްޕަކީ ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ބޭނުން ކުރައްވާ ބޭފުޅެކެވެ. ޓްރަމްޕާ ދެކޮޅަށް މައްސަލަ ވެއްދީ ކޮލަމްބިއާ ޔުނިވާސިޓީގެ ފްރީ ސްޕީޗް ގްރޫޕެއް ކަމަށްވާ ނައިޓް ފަސްޓް އެމެންޑްމެންޓް އިންސްޓިޓިއުޓުންނެވެ. މި މައްސަލައިގައި ހިމެނޭ ޓްވިޓާ ބޭނުންކުރި ހަތް މީހުން ބުނެފައި ވަނީ އެ މީހުންގެ އެކައުންޓްތައް ޓްރަމްޕް ނުވަތަ އެމަނިކުފާނުގެ މުވައްޒަފުން ބްލޮކް ކުރީ ޓްރަމްޕުގެ ޓްވީޓްތަކަށް ޖަވާބު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
އިންސްޓިޓިއުޓުގެ އެގްޒެކެޓިވް ޑިރެކްޓަރު ޖަމީލް ޖޭފާ ވިދާޅުވީ ރައީސް ޓްރަމްޕް ޓްވިޓާ އަށް އޮތް ލޯތްބެއްގެ ސަބަބުން އެއީ އެމެރިކާ ސަރުކާރުގެ ޚަބަރުތައް ހޯދުމުގެ ވަސީލަތަކަށްވެފައިވާ ކަމަށެވެ. އަދި ރައީސްއާ އެއްބަސް ނުވެވޭ މީހުން ފޯރަމުން ބޭރުކުރުމަކީ ވައިޓްހައުސް އިން ކުރި ގާނޫނާޚިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެކައުންޓް ބްލޮކް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.
ދައުވާގައި ބުނެފައި ވަނީ ޓްވިޓް ބްލޮކް ކުރުމުން އޮންލައިން ކޮންވަޒޭޝަނުން ޓްރަމްޕް އެމީހުން މަހްރޫމް ކޮށްފައިވާ ކަމަށެވެ. އަދި އެއީ ޕަބްލިކް ފޯރަމްތަކުން އެއްކިބާކޮށް، އަދި ފަސްޓް އެމެންޑްމެންޓުގައި ހިމެނޭ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.
ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވިދާޅުވީ ދައުވާގައި ޓްރަމްޕުގެ އިތުރުން ރައީސްގެ ސޯޝަލް މީޑިއާ ޑިރެކްޓަރުގެ ނަން ވެސް ހިމަނާފައިވާ ކަމަށެވެ. ސްޕައިސާ މިދިޔަ މަހު ވިދާޅުވެފައި ވަނީ ރައީސްގެ ޓްވީޓްތަކަކީ އެމެރިކާގެ ރައީސްގެ ރަސްމީ ބަޔާންތައް ކަމުގައި ބެލެވޭނެ ކަމަށެވެ.
ރައީސް ޓްރަމްޕުގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓް 33.7 މިލިއަން މީހުން ފޮލޯ ކުރެ އެވެ. އެމެރިކާގެ ރައީސްގެ ރަސްމީ އެކައުންޓް ފޮލޯ ކުރަނީ 19.3 މިލިއަން މީހުންނެވެ.