13 ޖުލައި 2017 - 06:16

ހިންދީ ފިލްމަށް ލޯބިކުރާ މީހުްނނަށް މިތުން ޗަކްރަބަތީ އަކީ ފަރިތަ މޫނެކެވެ. މިހާތަނަށް ވަަރަށް ގިނަ ފިލްމުތަކެއް މިތުން ކުޅެފައި ވިޔަސް މި ފަހަކަށް އައިސް އޭނާ އެއްގޮތަކަށް ވެސް ފިލްމަކުން ވެސް އަދި އާއްމު ތަނަކުން ވެސް ނުފެނެ އެވެ. އެކަމަކު މިތުން އަނެއްކާވެސް އޭނާގެ ފޭނުންނަށް ފެންނަން ކައިރި ވެއްޖެ އެވެ. އެއީ ސޮނީ ޓީވީގެ "ޑްރާމާ ކޮމްޕެނީ" އިންނެވެ.
މިއީ ފިލްމު އިންޑަސްޓްރީން މިތުން ގެއްލިފައިވާތާ ދެ އަހަރެއްހާ ދުވަސް ފަހުން އެނބުރި އައިސް އޭނާ ކުޅެފައިވާ ފިލްމެކެވެ. މިތުން ބުނި ގޮތުގައި އޭނާ ނުފެނި ދިޔަ ދެ އަހަރު ދުވަހު އޭނާ އުޅެފައިވަނީ ވަރަށް ބަލިކޮށެވެ. އެހެންވެ އެމެރިކާގެ ލޮސް އެންޖަލިސް އަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދާފައިވާ ކަމަށް މިތުން ބުންޏެވެ.
މިތުން އޭނާގެ ބައްޔާއި ފަރުވާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ މިހާރު އޭނާގެ ބަލި މުޅިން ފަސޭހަ ވެފައިވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. ނަމަވެސް ސިއްހަތު ގިނަ ދުވަހު ރަނގަޅަށް ހުންނާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ކަމަށް ބުނެ ޑޮކްޓަރުން އިންޒާރު ދީފައިވާ ކަމަށް ވެސް މިތުން ބުންޏެވެ.
މިތުން ބުނި ގޮތުގައި އޭނާ ނުތެދުވެވޭ ފަދަ ހާލަތެއްގައި ގިނަ ދުވަސްތަކަކު އޮތް ކަމަށެވެ.
އޭނާ ކުޅޭ ޓީވީ ޝޯ "ޑްރާމާ ކޮމްޕެނީ" އާ ބެހޭ ގޮތުން މިތުން ބުނީ އެ ޝޯގައި ބައިވެރިވާ ހުރިހާ އެކްޓަރުންނަކީ ވެސް ކޮމެޑީގެ ރޮނގުން ފުދޭ ވަރަކަށް މަސައްކަތްކޮށްފައިވާ ކުޅަދާނަ ބައެއް ކަމަށެވެ. ނަމަވެސް އޭނާ މިހާތަނަށް ކޮށްފައި ވަނީ ޑާންސް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ކަމަށް ވާތީ މި ޝޯގައި އެންމެ އުނދަގުލާ ކުރިމަތިލާން ޖެހޭނީ އޭނާއަށް ކަމަށް ގަބޫލު ކުރާ ކަމަށް ބުންޏެވެ.
މިތުން ބުނީ މިހާތަނަށް އެ ޝޯގެ ދެ އެޕިސޯޑެއް ޝޫޓްކޮށްފައިވާއިރު ޝޯގައި ބައިވެރިވާ އެކްޓަރުންގެ ހުނަރާ މެދު އޭނާ ބުނާ އެއްޗެއްވެސް ނޭނގި ބަސް ހުއްޓިފައިވާ ކަމަށެވެ. ކޮމެޑީ ކުޅޭއިރު އެންމެ މުހިއްމީ ޓައިމިން ކަމަށާއި އެ ހުރިހާ އެކްޓަރުންގެ ވެސް ޓައިމިން ވަރަށް ރަނގަޅުކަމަށާއި އެންމެ ހާސްވެ ކަންބޮޑުވެފައި ހުންނަން ޖެހެނީ އޭނާއަށް ކަމަށް ވެސް މިތުން ބުންޏެވެ.
މިތުންގެ ޝޯގެ ބައިވެރިންގެ ތެރޭގައި ގިނައީ ސޮނީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކުރިން އުޅުނު އަދި ދާދިފަހުން ކަޕިލް އާ ޖެހުނު މައްސަލައެއްގައި ޝޯއިން ވަކިވި އެކްޓަރުން ތަކެކެވެ. މީގެ އިތުރުން ކްރުޝްނާ އަބީޝޭކް އާއި ސުދޭޝް ލެހެރީ ފަދަ ކޮމޭޑިއަނުން ވެސް މި ޝޯގައި ބައިވެރިވެ އެވެ.
ކަޕިލްގެ ހުނަރަށް ވެސް މިތުން ވަރަށް ތައުރީފު ކުރި އެވެ. ކަޕިލްގެ ޝޯ އާއި އޭނާގެ ޝޯގެ ވާދަވެރިކަން ވަރަށް ބޮޑުވާނެކަން އެނގޭއިރުވެސް މިތުން ބުނީ ކަޕިލް ކަހަލަ ހުނަރުވެރި މީހަކު އޭނާ ދުވަހަކުވެސް ދެކިފައި ނުވާ ކަމަށެވެ. އަދި އޭނާގެ ޝޯވެސް ވަރަށް ރަނގަޅު ކަމަށާއި އެ ޝޯގެ ކުރިމަތީގައި އޭނާގެ ޝޯ ނުވެއްޓި އެ ޝޯ އާ އަރާ ހަމަކުރެވުމަކީ އޭނާގެ އުންމީދު ކަމަށް ވެސް މިތުން ބުންޏެވެ.