"ވީރޭ ދި ވެޑިން" އެހެން ބަތަލާއަކަށް ދޭން ކަރީނާ އުޅުނު
"ވީރޭ ދި ވެޑިން" އެހެން ބަތަލާއަކަށް ދޭން ކަރީނާ އުޅުނު

"ވީރޭ ދީ ވެޑިން"ގެ ސްކްރިޕްޓް ބަލާފައިވާ އެންމެވެސް ވެސް ގަބޫލުކުރާ ގޮތުގައި އެ ފިލްމުގައި ކަރީނާ ކަޕޫރު ކުޅެން ހަމަޖެހިފައިވާ ކެރެކްޓާއަށް އެހެން އެއްވެސް މީހަކު ކަމަކު ނުދާނެ އެވެ. ނަމަވެސް ކަރީނާ ގަބޫލުކުރީ އޭނާ އެ ރޯލަށް ފިޓް ނޫން ކަމަށެވެ. އެހެންވެ ޕްރޮޑިއުސަރު ރިއާ ކަޕޫރުގެ ކިބައިން އޭނާ ނޫން އެހެން ބަތަލާއަކަށް ފިލްމު ދޭން ކަރީނާ އެދުނެވެ.

މުމްބައި މިރާ ނޫހަށް ކަރީނާ ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާ ބަނޑުބޮޑު ދުވަސްވަރު ރިއާ އެ ފިލްމު ކުޅެދޭން އެދުމުން އޭނާއަށް ވުރެ 10 އަހަރު ހަގު ބަތަލާއެއް އެ ފިލްމުގައި ބައިވެރިކުރަން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ފިލްމަށް ދިމާވި ހުރިހާ މައްސަލަތަކެއްގައި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ރިއާ ވަނީ ހުރިހާ މައްސަލަތަކެއް ހައްލުކޮށްފައި ކަމަށް ކަރީނާ ބުންޏެވެ.

ފިލްމުގެ ސްކްރިޕްޓް ތައްޔާރުވެ ފައިސާ ހަމަޖެހި ޝޫޓްކުރަން ފަށަން ތައްޔާރުވެފައިވަނިކޮށް ކަރީނާ ބަނޑުބޮޑު ވާހަކަ ރިއާ ގާތު ބުނުމުން އޭނާއަށް ސިހުން ލިބޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ފިލްމުގައި މާބަނޑު މީހެއްގެ ރޯލު އިތުރު ކޮށްގެން ނަމަވެސް ކަރީނާ ލައްވާ ނޫނީ ފިލްމު ކުޅުވާކަށް ރިއާ ބޭނުމެއް ނުވި އެވެ.

ކަރީނާ ނޫން އެހެން މީހަކާ އެކު ފިލްމު ކުރިޔަށް ގެންދަން ބޭނުން ނޫންކަމަށް ރިއާ ބުނި ކަމަށް ވެސް ކަރީނާ ބުންޏެވެ. އެހެންވެ ކަރީނާ ވިހާ ގަދަވަންދެން ވެސް ފިލްމު ފަސްކޮށްލަން ރިއާ ނިންމީ އެވެ.

މި ފިލްމުގެ މައިގަނޑު ވާހަކައާ ބެހޭ ގޮތުން ތަފްސީލު ދެމުން ކަރީނާ ބުނެފައި ވަނީ އޭނާއަކީ އަމިއްލަ ދިރިއުޅުމުގައި ވެސް ގާތް އެކުވެރިންނާ ވަރަށް ބަދަހި ގުޅުމެއް ބާއްވާ މީހެއް ކަމަށެވެ. "ވީރޭ ދީ ވެޑީން"ގައި ވެސް ދައްކަނީ ކަރީނާގެ ކައިވެންޏަށް ހާޒިރުވާ ހަތަރު އަންހެނެއްގެ ވާހަކަ އެވެ. އެތަނުގައި މި އަންހެނުންނަށް ދިމާވާ މައްސަލަތަކަކާ ގުޅިގެން އެމީހުންގެ މެދުގައި ހިނގާ ބޮޑެތި ކަންތައްގަނޑެކެވެ.

"ވީރޭ ދީ ވެޑިން"ގައި ކަރީނާގެ އިތުރުން ސްވާރާ ބާސްކަރް އާއި ސޯނަމް ކަޕޫރު އަދި ޝިކާ ތަލްސާނިއާ މުހިއްމު ބައިތަކެއް ކުޅޭނެ އެވެ.

މި ފިލްމު މިހާރު ފަށަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އިންޑިއާގެ މުމްބައި އާއި ދިއްލީ އަދި ތައިލެންޑްގައި މި ފިލްމުގެ ޝޫޓިންގްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.