12 ޖުލައި 2017 - 14:03

ބްރެސަލްސް (ޖުލައި 12) - ބެލްޖިއަމްގައި މޫނު ބުރުގާ އަޅައިގެން އުޅުން ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސްއާ ޚިލާފު ނޫން ކަމަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމައިފި އެވެ.
އާއްމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން ބެލްޖިއަމްގައި މަނާކުރީ 2011 ގަ އެވެ. ބެލްޖިއަމްގެ ޕާލަމެންޓުން އެ ގާނޫނު ފާސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި މީހުން ދެނެގަންނަން ފުލުހުންނަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓަށް މި މައްސަލަ ވެއްދީ މޫނު ބުރުގާ އަޅަން ބޭނުންވާ ދެ އަންހެނުންނެވެ. މީގެ ތެރޭން އެއް އަންހެނަކު ވަނީ ޖަލަށްލާ ނުވަތަ ޖޫރިމަނާކޮށްފާނެ ކަމުގެ ބިރަށް މޫނު ބުރުގާ ނަގައިފަ އެވެ. އަނެއް މީހާ ވަނީ އިޖްތިމާއީ ދިރިއުޅުން ދޫކޮށް ގޭގައި އިންނަން ނިންމައިފަ އެވެ.
ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުން ބުނެފައި ވަނީ ބެލްޖިއަމްގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކުރި އަމުރަކީ "އެކުގައި އުޅުމުގެ ކޮންސެޕްޓް"އާ ޚިލާފު އަދި އެހެން މީހުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކޮށްދޭނެ ކަމެއް ކަމަށެވެ.
ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަކީ 1959 ވަނަ އަހަރު ގާއިމްކުރި ބައިނަލްއަގުވާމީ ކޯޓެކެވެ. އެ ކޯޓުން ބަލަނީ ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސްއާ ޚިލާފުވެގެން ހުށަހަޅާ ފަރުދީ އަދި ގައުމީ ފެންވަރުގެ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މައްސަލަތަކެވެ.
ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުން ބުނީ ބެލްޖިއަމްގެ މޫނު ބުރުގާއާ ގުޅޭ ގޮތުން މައްސަލަ ނިންމީ މި ބާވަތުގެ މައްސަލަތަކާ ގުޅޭ ގޮތުން ނިންމާފައިވާ ކުރީގެ ނިންމުންތަކަށް ރިޔާއަތް ކުރުމަށް ފަހު ކަމަށެވެ.
ޔޫރަޕުގެ އެންމެ މަތީ ކޯޓު، ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް (އީސީޖީ) އިން މާޗު މަހު ވަނީ މަސައްކަތުގެ މާހައުލުގައި "އެއްވެސް ސިޔާސީ، ފިލޯސޮފިކަލް ނުވަތަ ދީނީ ނިޝާނެއް"ގެ ގޮތުގައި ބެލެވޭ މިސާލަކަށް ބުރުގާ އެޅުން ފަދަ ކަންކަމަކީ ތަފާތު ކުރުމެއް ކަމަށް ނިންމައިފަ އެވެ.